
ޕީއެސްޖީ އާއެކު އެއްބަސްވުން އާކުރި އެންރީކޭގެ އެންމެބޮޑު އަމާޒަކީ ޗެމްޕިއަންސް ލީގު
ފްރާންސްގެ ކްލަބް ޕެރިސް ސެއިންޓް ޖެމައިން (ޕީއެސްޖީ)އާއެކު ލުއިސް އެންރީކޭ ހަދާފައިވާ އެއްބަސްވުން އިތުރު ދެއަހަރަށް އާކޮށްފިއެވެ. އެއްބަސްވުމަށް އިތުރު ދެއަހަރު ލިބުމާއެކު ހިތްހަމަޖެހިފައި ހުރި އެންރީކޭގެ އަމާޒަކީ ޗެމްޕިއަންސް ލީގު ކަމުގައި އޭނާ ވަނީ ބުނެފައެވެ.
އެންރީކޭ ޕީއެސްޖީއާ ގުޅުނީ 2023ގައެވެ. ކްލަބުން ކުރި އިތުބާރަށް ޝުކުރުއަދާކޮށް, އޭރުވެސް އޭނާ ބުނެފައިވަނީ ކްލަބަށް ލެގަސީއެއް ދޫކޮށްލުމަށް ވަރަށްބޮޑަށް ހިތްވަރުލިބިއްޖެ ކަމަށެވެ.
"ފުރަތަމަ ދުވަހުން ފެށިގެންވެސް ކްލަބްގެ ފަރާތުން ލިބޭ ސަޕޯޓާއެކު މިދަނީ ދުވަހެއް ދުވަހަކަށް ކްލަބުގެ ހާލަތު ރަނގަޅުކުރުމަށް މަސައްކަތްކުރަމުން. ކޯޗިން ސްޓާފުންގެ ގޮތުގައި ކްލަބް ތާރީޚުގެ ތެރެއަށް ވަދެގެންދާން އަހަރެމެން ބޭނުން" ހުކުރު ދުވަހު މޮނާކޯ އަތުން 4-1 ން މޮޅުވި މެޗަށްފަހު ރިޕޯޓަރުންނާ ވާހަކަދައްކަމުން އޭނާ ބުނެފައި ވެއެވެ.
އޭނާ އިތުރަށް ބުނީ ކްލަބުގައި އޭނާ ހުންނާނީ ކިހާދުވެހެއް ވަންދެން ކަމެއް ބުނަން ނޭނގޭ ކަމަށާއި, އެ ހުރިތަނެއްގައި ހިތްހަމަޖެހުމާއި އިތުބާރާއެކު ހުންނަކަމަށްވަންޏާ ވަގުތު ކަނޑައެޅުމަނީ ބޭނުންކަމެއް ނޫންކަމަށް ބުނެފައެވެ.
"އަހަރެން މިހުރީ ލިބޭ ސަޕޯޓާއެކު ވަރަށް އުފަލުން. އަހަރެން ބޭނުން އަހަރެންގެ ބުރަ މަސައްކަތާއެކު އެކަން ކްލަބަށް އަނބުރާ ހޯދައިދޭން" އެއްބަސްވުން އާކުރުމަށްފަހު އެންރީކޭ ބުނެފައި ވެއެވެ.
މިސީޒަންގައި ފްރެންޗް ލީގުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ 13 ޕޮއިންޓްގެ ލީޑެއްގައި ތާވަލްގެ އެންމެ ކުރީގައި މިވަގުތު ޕީއެސްޖީ އޮތްނަމަވެސް އެންރީކޭ ޤަބޫލުކުރާގިތުގައި މިއީ އަދި އެޓީމުގެ އެންމެ ރަނގަޅު ސީޒަނެއްނޫނެވެ.
ޕީއެސްޖީގެ ސަމާލުކަން މިވަގުތޮ އޮތީ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ޕްލޭ-އޯފްގައި އަންގާރަ ދުވަހު ބްރެސްޓް އާ ދެކޮޅަށް ކުޅޭ މެޗެވެ.
ރިއެކްޝަންސް






