
އިޒްރާއިލްގެ ޖަލުތަކުގައިތިބި ފަލަޞްޠީނުގެ 183 އަސީރުންގެ ބަދަލުގައި 3 ރަހީނުން މިއަދު ހަމާސްއިން މިނިވަންކުރަނީ
އިޒްރާއިލްގެ ޖަލުތަކުގައި ތިބި ފަލަޞްޠީނުގެ 183 އަސީރުންގެ ބަދަލުގައި ހަމާސް އިން މިއަދު މިވަންކުރާ 3 ރަހީނުންގެ ނަންތައް އިޒްރާއިލްއަށް ފޮނުވައިފިއެވެ. މިއާއެކު ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމުގެ ދަށުން މިނިވަންކުރުމަށް އެއްބަސްވި 33 އަސީރުންގެ ތެރެއިން މިނިވަންކުރާ އަސީރުންގެ ޖުމްލަ 21 ށް އަރާނެއެވެ.
އިޒްރާއިލްއިންވަނީ އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން ދިގު މުއްތަކަށް އަދި އުމުރަށް ޖަލަށް ލާފައިވާ ފަލަޞްޠީނުގެ 383 ރައްޔިތުން މިހާތަނަށް މިނިވަންކޮށްފައެވެ. އޭގެ ތެރޭގައި އުމުރަށް ޖަލަށްލާފައިވާ 70 މީހުންވެސް ހިމެނެއެވެ. ޖެނުއަރީ 19ގައި އަމަލުކުރަންފެށި އެއްބަސްވުމުގެ 42ދުވަސް ނިމޭއިރު ދެހާހެއްހާ ފަލަޞްޠީނުގެ ރައްޔިތުން މިނިވަންކުރުމަށްވަނީ އެއްބަސްވެފައެވެ.
ރަހީނުން މިނިވަންކުރުން އެއްބަސްވެފައިވާ ގޮތަށްވުރެ މިފަހަރު ލަސްވެފައިވަނީ އިޒްރާއިލްއިން އެއްބަސްވުމާ ތަކުރާރުކޮށް ހިލާފްވަމުން ދާތީކަމުގައި ހަމާސްއިންވަނީ ބުނެފައެވެ. އެއްބަސްވުމުގެ ދަށުން ޣައްޒާއަށް އެތެރެވުމަށް ކަނޑައަޅާފައިވާ މިންވަރަށް އިންސާނީ އެހީއާއި އެހެނިހެން ޒަރޫރީ ތަކެތި ނުލިބޭ މައްސަލައިގައި ހަމާސް އާއި އިޒްރާއިލްގެ މެދުގައި ވަނީ ހިތްހަމަނުޖެހުންތަކެއް އުފެދިފައެވެ.
ހަމާސްއިން އިތުރަށް ބުނެފައިވަނީ އެމީހުންގެ އަތްދަށުގައި ތިބި އިޒްރާއިލްގެ ރަހީނުންގެ ތެރެއިން މަރުވެފައިވާ މީހުންގެ ހަށިތައް ހޯދާ, އިމާރާތްތަކުގެ ދަށުން ހަށިތައް ނެގުން ދަތިވެފައިވާ ކަމުގައެވެ. ފަލަޞްޠީނުގެ ރައްޔިތުންގެ ތެރެއިން 12,000 ށް ވުރެ ގިނަ މީހުން އިމާރާތްތަކުގެ ތެރޭގައި ވަޅުލެވިފައިވާކަމަށްވެސް ބެލެވޭއިރު, އިމާރާތްތަލުގެ ދަށުން ހަށިތައް ނެގުމަށް ބޭނުންވާ އުޅަނދާއި އާލާތްތައް ޣައްޒާއަށް އެތެރެކުރުމަށް އިޒްރާއިލް ހުރަސް އަޅަމުންދާ ކަމުގައި ހަމާސްއިން ވަނީ ބުނެފައެވެ. ހަމާސް އިން ކުރިން ބުނެފައިވާ ގޮތުގައި މިފަހަރު މިނިވަންކުރުމަށް ހަމަޖެހިފައިވާ 33 ރަހީނުންގެ ތެރެއިން 8 މީހަކު ވަނީ އިޒްރާއިލްގެ ހަމަލާތަކުގައި މަރުވެފައެވެ.
ރިއެކްޝަންސް






