އެއްބަސްވުމާ އެއްގޮތަށް މާދަމާ ހެނދުނުން ފެށިގެން ޣައްޒާގައި ހަމަލާތައް ހުއްޓާލާނެ: ޤަތަރު
މާދަމާ ޖީ.އެމް.ޓީ ގަޑިން 06:30 ނެ ފެށިގެން އެއްބަސްވުމާ އެއްގޮތަށް އިޒްރާއިލްއިން ޢައްޒާގައި ދެމުންދާ ހަމަލާތައް ހުއްޓާލާނެކަމަށް ޤަތަރުން ބުނެފިއެވެ. ޣައްޒާގެ ގަޑިން ހެނދުނު 08:30 ފެށިގެން ހަމަލާތައް ހުއްޓާލަނީ އިޒްރާއިލްއާއި ހަމާސް އާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން މާދަމާއިން ފެށިގެން 6 ހަފުތާގެ މުއްދަތަށެވެ.
ޤަތަރުގެ ހާރިޖީ ވަޒީރުގެ ތަރުޖަމާނު މަޖޫދު އަލް-އަންސާރީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެކަން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
އިޒްރާއިލްގެ ސަލާމަތީ ކެބިނެޓުން އެއްބަސްވުމަށް ރުހުން ދިނުމަށް ފާސްކޮށްފައިވަނީ ހުކުރު ދުވަހު ހަ ގަޑިއިރަށް ދެމިގެންދިޔަ ކެބިނެޓް ބައްދަލުވުމުގައެވެ. 470 ދުވަހުގެ ޤަތުލްއާންމުގައި އިޒްރާއިލްއިން ވަނީ ފަލަޞްޠީނުގެ 46,788 މިހަކު ޝަހީދުކޮށްލާފައެވެ.
އެއްބަސްވުމާ އެއްގޮތަށް ހަމާސް އަދި ޣައްޒާގެ އެހެން ގްރޫޕްތަކުގެ އަތްދަށުގައި ތިބީ 33 އަސީރުން 42 ދުވަހުގެ ތެރޭގައި އިޒްރާއިލްއާ ހަވާލުކުރަން ޖެހޭނެއެވެއެވެ. ބަދަލެއްގެ ގޮތުން އިޒްރާއިލްގެ ޖަލުތަކުގައި ފަލަޞްޠީނުގެ އެތައްސަތޭކަ ޤައިދީންނެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
މަޝްވަރާ ތަކުގެ މެދުވެރިއެއްގެ ދައުރު އަދާކުރި ޤަތަރުގެ ބޮޑުވަޒީރު ޝެއިޚް މުޙައްމަދު ބިން އަބްދުލްރަޙްމާން އަލް ޘާނީ ވަނީ އެއްބަސްވުމުން އޭގެ ފުރިހަމަ މާނައިގައި ތަންފީޒުކުރުމަށްވެސް ގޮވާލާފައެވެ.
އަލްޖަޒީރާއަށް ދިން ޙާއްސަ ބަސްދީގަތުމެއްގައި އަލް-ޘާނީ ވަނީ އދ ގެ ސަލާމަތީ މަޖިލީހުންވެސް މިހާރު އެއްބަސްވުން ތަންފީޒުކުރުމާ ގުޅޭ ގަރާރު ހުރިހާ ފަރާތެއްގެ ރުހުމާއެކު ފާސްކުރެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
އެއްބަސްވެވިފައި ވާގޮތަށް ފުރަތަމަ މަރުހަލާގައި ހަމާސްގެ އަތަދަށުގައި ތިބި އިޒްރާއިލް އަސްކަރިއްޔާގެ އެއްވެސް ފިރިހެން އަސީރެއް ދުލެއް ނުކުރާނެއެވެ. އެއްބަސްވުމުގެ ދެވަނަ ފިޔަވަހީގެ މަޝްވަރާތައް ފުރަތަމަ މަރުހަލާ ހިނގަމުންދާއިރު ކުރިއަށް ދާނެއެވެ.
ހަމާސްއިން ބުނެފައިވާ ގޮތުގައި ބާކީ ތިބި އަސީރުން މިނިވަން ކުރާނީ ހަމަލާތައް މުއްދަތެއްނެތި އެއްކޮށް ހުއްޓާލުމަށް އިޒްރާއިލްއިން އެބަސްވުމުންނެވެ. އޭގެ ތެރޭގައި އިޒްރާއިލްގެ އަސްކަރިއްޔާ މުޅިން ޣައްޒާގެ ބިމުން ފޭބުންވެސް ހިމެނެއެވެ.
"ހުރިހާ ލޯތަކެއް އަމާޒުވެފައި އޮތީ ޣައްޒާއަށް. ބަލަމާ އިޒްރާއިލްގެ އަސްކަރިއްޔާއިން އެއްބަސްވުން ފެށުމާމެދު މިއޮތް މަދު ގަޑިއިރުތަކުގެ ތެރޭގައި ޣައްޒާގައި އަމަލުކުރާނެ ގޮތެއް" ޖޯޑަންގައި ހުރެ އަލްޖަޒީރާގެ ރިޕޯޓަރު ޙަމްދާހް ސަލްހަތު ބުނެފައި ވެއެވެ.
މިހާރުވެސް އިޒްރާއިލްގެ ހަމަލާތައް ޣައްޒާގެ އެކި ސަރަހައްދު ތަކުގައި ދަނީ ކުރިއަށެވެ. ބުދަ ދުވަހު އެއްބަސްވުން އިއުލާން ކުރިފަހުންވެސް 120 މީހަކު އިޒްރާއިލްއިން ޣައްޒާގައި ވަނީ ޝަހީދުކޮށްލާފައެވެ.
ރިއެކްޝަންސް