ޕްރިމިއަރ ލީގު: ހާލަންޑްގެ ހެޓްރިކުން ސިޓީ މޮޅު, މެންޗެސްޓަރ ޔުނައިޓަޑް ބްރައިޓަން އަތްދަށުވެއްޖެ
މިއީ ސިޓީގައި ހާލަންޑްގެ 10 ވަނަ ހެޓްރިކް
އާލިންގ ހާލަންޑްގެ ހެޓްރިކާއެކު 4-1 ން އިޕްސްވިޗް ޓައުން ބަލިކޮށް, އިނގިރޭސި ޕްރިމިއަރ ލީގުގެ އެއްވަނަ މެންޗެސްޓަރ ސިޓީ ހޯދިއިރު, ބްރައިޓަން އަތުން މެންޗެސްޓަރ ޔުނައިޓަޑް ބަލިވެއްޖެއެވެ. 2-1 ން ޔުނައިޓެޑް ބަލިކޮށް ބްރައިޓަންވަނީ ތާވަލްގެ ދެވަނަ މަޤާމް ހޯދާފައެވެ.
ސިޓީއަށް ކާމިޔާބުކޮށްދިން 10 ވަނަ ހެޓްރިކާއެކު 101 މެޗުން ހާލަންޑް ވަނީ މިހާތަނަށް އެޓީމަށް 94 ގޯލް ކާމިޔާބުކޮށްދީފައެވެ. މިއާއެކު ކޯޗް ޕެޕް ގާޑިއޯލާ ބުނެފައިވަނީ ހާލަންޑަށް ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ލިއެނަލް މެސީގެ ރެކޯޑްތަކާ އަރާ ހަމަކުރެވިދާނެ ކަމަށެވެ.
"އޭނާގެ އުމުރާ އަޅާބަލާއިރު މި ނަމްބަރުތައް ޤަބޫލުކުރަންދަތި. އާދަޔާޚިލާފް ހުނަރެއް އޭނާގެ ހުރީ. އަހަރެން އުންމީދުކުރަން އޭނާ އަހަރެމެންނާއެކު ގިނަ އަހަރުތަކެއް މަޑުކުރާނެ ކަމަށް" ގާޑިއޯލާ ބުންޏެވެ.
މެޗުގެ ފުރަތަމަ ގޯލް 6 ވަނަ މިނިޓްގައި ޖަހާ ކުރިހޯދީ އިޕްސްވިޗް ޓައުންއިން ނެވެ. ނަމަވެސް ފުރަތަމަ 16 މިނިޓްގެ ތެރޭގައި ސިޓީން ވަނީ ނަތީޖާ 3-1 އަށް ބަދަލުކޮށްލާފައެވެ.
މެޗުގައި ހާލަންޑް ފުރަތަމަ ލަނޑު ޖެހީ ޕެނަލްޓީ އަކުންނެވެ. ދެވަނަ ލަނޑު 16 ވަނަ މިނިޓްގައި ޖެހީ ކެވިން ޑި ބުރޭނާ ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. އޭގެ މިނިޓެއް ކުރިން ޑި ބުރޭނާ ސިޓީގެ ދެވަނަ ލަނޑު ޖެހިއެވެ. ހާލަންޑް ހެޓްރިކް ހެދީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައި ވަނިކޮށެވެ.
ބްރައިޓަން އާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމަށްފަހު ޔުނަޓެޑްގެ ކޯޗް އެރިކް ޓެންހާގު ބުނީ ނަތީޖާއާމެދު ވަރަށް މާޔޫސްވެއްޖެ ކަމަށާއި, އޭނާގެ ޓީމު ޑިފެންސް އަދި އެޓޭކިންގައި މިއަށްވުރެ ރަނގަޅުވާން ޖެހޭނެ ކަމަށެވެ.
ބްރައިޓަންގެ ފުރަތަމަ ގޯލް 23 ވަނަ މިނިޓްގައި ކާމިޔާބުކުރީ ޑެނީ ވެލްބެކްއެވެ. ނަމަވެސް ދެވަނަ ހާފް ފެށިގެން ދިހަ ވަނަ މިނިޓްގައި ޔުނައިޓަޑްގެ އަމަޑް ގޯލެއްޖަހާ ނަތީޖާ ވަނީ އެއްވަރުކޮށްފައެވެ. ބްރައިޓަން މޮޅުވީ މެޗްގެ ފުރިހަމަ ވަގުތު ހަމަވެ 95 ވަނަ މިނިޓްގައި ޔާއޮ ޕެޑްރޯ ކާމިޔާބުކޮށްދިން ގޯލުންނެވެ.
"މިކަހަލަ ވަގުތުތަކުގައި ކަންކުރަންޖެހޭގޮތާ ބެހޭގޮތުން އަހަރެމެން އެބަ ވާހަކަދައްކަންޖެހޭ. އެތާނގައި އެއް މިސްޓޭކަށްވުރެ ގިނަ މިސްޓޭކް ހެދުނު. ޓީމެއްގެ ގޮތުގައި މިއަށްވުރެ ރަނގަޅުކުރެވެންވާނެ" މެޗުން ބަލިވި ގޯލް ޖެހިއިރު ކަންހިނގާދިޔަގޮތަށް އިޝާރާތްކޮށް ޓެން ހާގް ބުންޏެވެ.
ޔުނައިޓަޑް އިން 70 ވަނަ މިނިޓްގައި ގޯލެއް ޖެހިނަމަވެސް ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ.
ޕްރިމިއަރ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު, ކްރިސްޓަލް ޕެލަސް އަތުން 0-2 ން ވެސްޓްހެމް ޔުނައިޓަޑް މޮޅުވިއެވެ. ލެސްޓާރ ސިޓީ އަތުން ފުލަމް މޮޅުވީ 1-2 ން ނެވެ. 0-1 ން ނޮޓިންގހަމްފޮރެސްޓް ސައުތަމްޕްޓަން ކައިރިން ކުރިހޯދި އިރު, ޓޮޓްނަމް އަތުން އެވަރޓަން ބަލިވީ 4-0 ންނެވެ. ރޭ ކުޅުނު ފަހުމެޗުގައި އެސްޓަންވިލާ އާއި އާސެނަލް ގެ މެޗް 0-2 ން ކާމިޔާބުކުރީ އާސެނަލް އެވެ.
ޕްރިމިއަރ ލީގުގައި މިއަދުވެސް މުހިއްމު މެޗުތަކެއް ހުރިއިރު ރާއްޖެ ގަޑިން 18:00ގައި ބޯންމައުތް އާ ދެކޮޅަށް ނިއުކާސަލް ޔުނައިޓަޑް ނިކުންނަ އިރު, ހަމައެގަޑީގައި ވުލްވްސް އާ ދެކޮޅާށް ޗެލްސީ ކުޅޭ މެޗުވެސް ކުރިއަށްދާނެއެވެ. ލިވަރޕޫލް އާއި ބްރެންޓްފޯޑްގެ މެޗް އޮންނާނީ 20:30 ގައެވެ.
ރިއެކްޝަންސް