
ސިޓީއަށް ރެއާލް އަތުން މޮޅުވެ ޗެމްޕިއަންސް ލީގުގައި ދެމިއޮވެވޭނެ ކަމުގެ އޮތީ %1: ގާޑިއޯލާ
ޗެމްޕިއަންސްލީގުގައި މެންޗެސްޓަރ ސިޓީއަށް ދެމިއޮވެވޭނެ ކަމުގެ އޮތީ އެންމެ އިންސައްތައެއް ކަމަށް އެޓީމުގެ ކޯޗް, ޕެޕް ގާޑިއޯލާ ބުނެފިއެވެ. ޕްލޭއޯފްގެ ދެވަނަ ލެގުގައި މެޑްރިޑާ ދެކޮޅަށް ބާނަބެއުގައި ސިޓީ ނިކުންނާނީ އަންނަ ބުދަ ދުވަހުއެވެ.
16 ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ރެއާލް މެޑްރިޑް ފާއިތުވި ސީޒަންގައި ތަށި ކާމިޔާބުކުރީ ވެމްބްލޭގައި ބޮރޫޝިއާ ޑޯޓްމަންޑް ބަލިކޮށްގެންނެވެ. ފާއިތުވި ހަފުތާގައި ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ފްލޭއޯފްގެ ފުރަތަމަ ލެގުގައި ރެއާލުން ސިޓީގެ މައްޗަށް ކުރިހޯދީ 3-2 ންނެވެ. ރެއާލުން މެޗު ކާމިޔާބުކުރީ 2-1 ން ސިޓީ ކުރީގައި އޮއްވައި މެޗުގެ ފަހު ވަގުތުކޮޅުގައި ކާމިޔާބުކޮށްދިން ދެ ގޯލާއެކުއެވެ.
ބާނަބެއުގައި ސިޓީ މޮޅުވެފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އެންމެ ފަހުގެ ޗެމްޕިއަންގެ ގޮތުގައި މިސީޒަންގެ މިހާ ކުރިން މުބާރާތާ ވަކި ނުވުމަށް ބުދަ ދުވަހުގެ މޮޅަކީ ރެއާލްއަށް ވަރަށް މުހިއްމު މޮޅެކެވެ.
ސިޓީއަށް ލީގުގައި ދެމިއޮތުމަށްވެސް އެ މޮޅު މުހިއްމު ނަމަވެސް ބާސެލޯނާ އަދި ބަޔާން މިއުނިކްގެ ކުރީގެ ކޯޗު ގާޑިއޯލާ ގަބޫލުކުރާ ގޮތުގައި ރެއާލްގެ ދަނޑުގައި މޮޅުވުމަށްޓަކައި ބުދަ ދުވަހު އޭނާގެ ޓީމުން ފަރުބަދައަކަށް އަރަންޖެހޭނެއެވެ. އެކަމަކުވެސް ދެން އޮތް ބުރަށް ދިއުމުގެ ކުޑަކުޑަ ފުރުޞަތެއް އޮތްކަމަށް އޭނާ ވަނީ ބުނެފައެވެ.
"މިހާލަތުގައި ބާނަބެއުގައި މޮޅުވުމުގެ މާޖިން އަކީ, އެންމެންނަށްވެސް އެނގޭނެ މެޗުގެ ކުރިން އަހައިފިއްޔާ އެއީ ހަމަ %1 ގެ ޗާންސެއްކަން. ދެން ނޭނގެ" އީއެސްޕީއެން އަށް ގާޑިއޯލާ ބުންޏެވެ.
ގާޑިއޯލާ ބުނީ ފުރުޞަތު ކިތަންމެ ކުޑަނަމަވެސް, ފުރުޞަތެއް އޮތިއްޔާ ސިޓީން އެކަމަށް މަސައްކަތްކުރާނެ ކަމަކީ ޔަޤީން ކަމެއްކަމުގައެވެ.
މިއީ ގާޑިއޯލާ 2016ގައި ސިޓީގެ ކޯޗުކަމާ ހަވާލުވީ ފަހުން ސިޓިން ގުނަމުންދާ އެންމެ ދަށް ސީޒަނެވެ. ސީޒަނުގެ ހުރިހާ މުބާރާތަކުން 12 މެޗުން ބަލިވެފައިވާއިރު މިސީޒަންގައި އެންމެ ތައްޓެއްވެސް ޙާސިލްކުރެވިދާނެކަމަށް ކުރަމުންދާ އުއްމީދުތައް ވަނީ ފަނޑުވެފައެވެ.
ރިއެކްޝަންސް






