މެންޗެސްޓަރ ސިޓީއާއެކު ޕެޕް ގާޑިއޯލާ ހަދާފައިވާ އެއްބަސްވުން އާކޮށްފި
މެންޗެސްޓަރ ސިޓީގެ މިހާރުގެ ކޯޗު ޕެޕް ގާޑިއޯލާ ކްލަބާއެކު ކުރިއަށް ދާން ނިންމާ 2027 އާ ހަމައަށް އެއްބަސްވުން އާކޮށްފިއެވެ. ގާޑިއޯލާ އިތުރު ދެ އަހަރު ކްލަބްގައި މަޑުކުރަން ނިންމާ އެއްބަސްވުމުގައި ސޮއިކޮށްފައިވާކަން ކްލަބުން ވަނީ ބުރާސްފަތި ދުވަހު އިޢުލާންވެސް ކޮށްފައެވެ. 53 އަހަރުގެ ގާޑިއޯލާ ސިޓީއާއެކު ހަދާފައިވާ އެއްބަސްވުން ކުރިން އޮތީ މި ސީޒަނާއެކު ހަމަވާ ގޮތަށެވެ.
އެއްބަސްވުމަށް ދެއަހަރު އިތުރުވުމާއެކު 10 އަހަރުގެ މުއްދަތަކަށް ގާޑިއޯލާ ސިޓީއަށް ކޯޗުކޮށްދޭނެއެވެ. ދިހަ އަހަރު ހަމަވާނީ 2026 ވަނަ އަހަރުގެ ހޫނު މޫސުމުގައެވެ. ގާޑިއޯލާ ބަޔާން މިއުނިކުން ސިޓީއަށް ބަދަލުވީ 2016 ވަނައަހަރު އެވެ.
"ސީޒަން ފެށުނީއްސުރެ އަހަރެން މިއަންނަނީ ވަރަށް ބޮޑަށް ވިސްނަމުން. އަހަރެން ބޭނުން ތެދަށް ވާހަކަދައްކަން. އަހަރެން ހިތުން (މި ސީޒަން) މިއީ އަހަރެންގެ ފަހު ފަހަރު. އެކަމަކު ފާއިތުވި މަހު ދިމާވި ކަންތަކާއެކު އަހަންނަށް ގަބޫލުކުރެވުނު މިއީ ކްލަބް ދޫކޮށްދާން އެންމެ ރަނގަޅު ވަގުތު ނޫންކަން. އަހަރެން ބޭނުމެއްނޫން ކްލަބަށް ދެރަގޮތެއްވާކަށް" ގާޑިއޯލާ އީއެސްޕީއެން އަށް ބުނެފައި ވެއެވެ.
ގާޑިއޯލާ އިތުރަށް ބުނީ މެންޗެސްޓަރ ސިޓީއަކީ އޭނާގެ ހަޔާތުގެ މުހިއްމު ބަޔަކަށް ވެފައިވާކަމަށާއި, ކްލަބާއެކު އުފާވެރި ގިނަ ތަޖުރިބާތަކެއް ހިއްސާކުރާ ކަމަށެވެ. ކްލަބަށް އޭނާގެ ހިތުގައި ޙާއްސަ މަޤާމެއް ދެވިފައިވާ ކަމަށާއި އެހެން ކަމުން އިތުރު ދެ އަހަރު ކްލަބާއެކު މަޑުކުރަން ނިންމީ އުފަލުންކަމަށް ވެސް އޭނާ ބުންޏެވެ.
މަސްދަރުތައް ބުނާގޮތުން މި ސީޒަނަށް ފަހު ގާޑިއޯލާ ކްލަބް ދޫކޮށްލަފާނެ ކަމުގެ ވާހަކަތަކާއެކު ކްލަބުން އޮތީ ކަންބޮޑުވުމެއްގެ ތެރޭގައެވެ. އެއީ ކްލަބްގެ ޑިރެކްޓަރ އޮފް ފުޓްބޯލް ޒިކީ ބެގިރިސްޓެއިން ވެސް މިސީޒަނަށް ފަހު ކްލަބު ދޫކޮށްލުމަށް ނިންމާފައި ވާތީއެވެ. ނަމަވެސް ގާޑިއޯލާ އިތުރު ދެއަހަރު ކްލަބުގައި މަޑުކުރަން ނިންމުމާއެކު މިހާރު އެމީހުން ތިބީ ހިތްހަމަޖެހިފައެވެ.
ގާޑިއޯލާ އަކީ ސިޓީގެ ތާރީޚްގައި އެންމެ ކާމިޔާބު ކޯޗެވެ. އޭނާ އާއެކު އެ ކްލަބުން 15 ތަށި ހޯދާފައިވާއިރު އޭގެ ތެރޭގައި ހަ ޕްރިމިއަރ ލީގާއި ޗެމްޕިއަންސް ލީގުގެ ޓްރޮފީ ހިމެނެއެވެ.
ސިޓީން އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ބަލިވި އިރު މިއީ 2006 ގެ ފަހުން ވިދިވިދިގެން ހަތަރު މެޗަކުން ސިޓި ބަލިވި ފުރަތަމަ ފަހަރެވެ. ޕްރިމިއަރ ލީގުގެ ތާވަލްގައި ސިޓީ މިވަގުތު އޮތީ އެއްވަނައިގައި އޮތް ލިވަޕޫލަށް ވުރެ ފަސް ޕޮއިންޓް މަދުކޮށް ދެވަނައިގައެވެ.
ރިއެކްޝަންސް