ޗެމްޕިއަންސް ލީގު: ޑިއަޒްގެ ހެޓްރިކާއެކު ލިވަޕޫލް އެއްވަނައިގައި, ސިޓީ އާއި ރެއާލް ވެސް ބަލި
ޔުއެފާ ޗެމްޕިއަންސް ލީގުގައި 4-0 ން ބަޔާން ލެވަކޫސަން އަތުން މޮޅުވެ ލިވަޕޫލުން ލީގު ބުރުގެ އެއްވަނައަށް ޖެހިލައިފި އެވެ. ނަމަވެސް އަންގާރަ ދުވަހު ކުޅުނު މެޗުތަކުން މުބާރާތުގެ އެންމެ ފަހުގެ ދެ ޗެމްޕިއަނުން ކަމަށްވާ މެންޗެސްޓަރ ސިޓީ އާއި ރެއަލް މެޑްރިޑް ވެސް ވަނީ ބަލިވެފައެވެ. އަމިއްލަ ދަނޑުގައި ރެއަލް ބަލީވީ އޭސީ މިލާން އަތުން 3-1 ނެ ނެވެ. ރަށުން ބޭރުގައި ސޓީ 1-4 ން ބަލިވީ ސްޕޯޓިން ލިޒްބަން އަތުންނެވެ.
އާނެ ސްލޮޓްގެ އިރުޝާދުގެ ދަށުން ސީޒަންގައި އެންމެ ފަހުން ކުޅުނު ތިން މެޗުންވެސް ލިވަޕޫލް ވަނީ މޮޅުވެފައެވެ. އަންގާރަ ދުވަހުގެ މެޗުގައި ލުއިސް ޑިއަޒްގެ ވަނީ ލިވަޕޫލަށް ފުރަތަމަ ހެޓްރިކް ކާމިޔާބުކޮށްދީފައެވެ. އަނެއް ގޯލް ކާމިޔާބު ކުރީ ކޮޑީ ގަކްޕޯއެވެ. ޑިއަޒްގެ ގޯލްތައް ފެނުނީ 61, 83, އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ދެވަނަ މިނިޓްގައެވެ. ގޯލްތައް ޖެހުމަށް އެހީތެރިވީ ކަރޓިސް ޖޯންސް އަދި މުޙައްމަދު ޞަލާޙް އެވެ. 63 ވަނަ މިނިޓްގައި ގަކްޕޯ ކާމިޔާބުކޮށްދިން ގޯލަކީ ވެސް ޞަލާޙް ތަނަވަސްކޮށްދިން ފުރުޞަތެއްގައި ކާމިޔާބުކޮށްދިން ގޯލެކެވެ.
ލިވަޕޫލްގެ ކުރީގެ މިޑްފީލްޑަރ, ޒަބީ އޮލޮންސޯ ކޯޗުކޮށްދޭ ލެވަކޫސަންއިން އިންވެސް މެޗުގައި ރަނގަޅު ހަމަލާތަކެއް އުފެއްދިއެވެ. ނަމަވެސް ގޯލެއް ކާމިޔާބު ނުކުރެވި ހުސްއަތާ ނިންމާލިއިރު ލިވަޕޫލްގެ ކީޕަރު ކޮއިމްހިން ކެލެހާ ވަނީ މެޗުގައި ރަނގަޅު ސޭވްތަކެއް ކޮށްފައެވެ.
ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން, ރެއަލް މެޑްރިޑް އޭސި މިލާއަތުން 3-1 ން ބަލިވިއިރު, ދާދިފަހުން ބާސެލޯނާއިންވެސް ވަނީ ލަލީގާގައި ހައިރާންކުރުވަނިވި ނަތީޖާއަކުން ރެއަލް ބަލިކޮށްފައެވެ. މެޗުގައި މޮޅަށްކުޅުނު މިލާންއިން ފުރަތަމަ ހާފުވެސް ނިންމާލީ ލީޑުގައި އޮވެއެވެ.
މެޗުގެ ފުރަތަމަ ގޯލް 12 ވަނަ މިނިޓްގައި ޕުލިސިޗް ތަނަވަސްކޮށްދިން ފުރުޞަތުގައި ކާމިޔާބުކުރީ ޑިފެންޑަރު މަލިކް ތިއޯ އެވެ. ނަމަވެސް 23 ވަނަ މިނިޓްގައި ވިނީޝިއުސް ކާމިޔާބުކުރި ޕެނަލްޓީއާއެކު ރެއަލްއިން ނަތީޖާ އެއްވަރުކުރިއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން މިލާން އަށް އަލުން ލީޑު ނަގައިދިނީ އަލްވަރޯ މޮރާޓާއެވެ. އެއީ 39 ވަނަ މިނިޓްގައި ރަފެއެލް ލެއާއޮ ތަނަވަސްކޮށްދިން ފުރުޞަތުގައެވެ. މިލާން ގެ ފަހު ގޯލް 73 ވަނަ މިނިޓްގައި ތިޖާނީ ރެއިންޑާސް ކާމިޔާބުކޮށްދިނީވެސް ލެއާއޮ ތަނަވަސްކޮށްދިން ފުރުޞަތުގައެވެ.
ސިޓީއާއި ސްޕޯޓިން ލިޒްބަން ބައްދަލުކުރި މެޗުން ލިޒްބަން މޮޅުވީ ފަހަތުން އަރާ ހަތަރު ގޯލް ކާމިޔާބުކޮށްގެންނެވެ. އެއީ މެޗުގެ 4 ވަނަ މިނިޓްގައި ފިލް ފޯޑެން ސިޓީއަށް ގޯލެއް ކާމިޔާބުކޮށްދީ ލީޑު ނަގާފައިވަނިކޮށެވެ. މިއާއެކު ސިޒަންގައި ސިޓީ އެންމެ ފަހުން ކުޅުނު ތިން މެޗުންވެސް ވަނީ ބަލިވެފައެވެ.
ސްޕޯޓިންއިން ފުތަރަމަ ގޯލް ޖަހާ ނަތީޖާ އެއްވަރު ކުރީ ފުރަތަމަ ފާހު ނިމެންދަނިކޮށް 39 ވަނަ މިނިޓްގައެވެ. ޖޮއިވާނީ ކުއެންޑާ ތަނަވަސްކޮށްދިން ފުރުޞަތުގައި ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ ވިކްޓަރ ގޮޔޯކޭސް އެވެ. އޭނާ ވަނީ ޕެނަލްޓީއަކުން ލިސްބަންގެ 3 ވަނަ ގޯލްވެސް 49 ވަނަ މިނިޓް ގައި ކާމިޔާބުކޮށް, އިތުރު ޕެނަލްޓީއެއް 80 ވަނަ މިނިޓްގައި ކާމިޔާބުކުރުމާއެކު ހެޓްރިކް ހަދާފައެވެ. ލިޒްބަންގެ ދެވަނަ ގޯލް 46 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ މެކްސިމަލިއާނޯ އަރައުހޯއެވެ.
69 ވަނަ މިނިޓްގައި ސިޓީއަށް ޕެނަލްޓީއެއް ލިބުން ނަމަވެސް އާލިން ހާލަންޑްގެ ޕެނަލްޓީ ވަނީ ނާކާމިޔާބު ވެފައެވެ. މި ނަތީޖާ އާއެކު ސިޓީ އޮތީ ހަތް ޕޮއިންޓާއެކު ހަވަނައިގައެވެ. ރެއާލް އޮތީ ހަ ޕޮއިންޓާއެކު 17 ވަނައިގައެވެ. ރޭގެ މެޗުގައި ރެއަލް ބަލިކުރި އޭސި މިލާންވެސް 18 ވަނައިގައި އޮތީވެސް ހަމަ އެއަދަދަށް ޕޮއިންޓް ހޯދައިގެންނެވެ.
ހަތަރު މެޗުން 10 ޕޮއިންޓާއެކު ސްޕޯޓިން އޮތީ ދެ ވަނައިގައެވެ.
މިއީ ސްޕޯޓިންގެ ކޯޗު ރުބެން އަމޯރިމް މެންޗެސްޓަރ ޔުނައިޓަޑަށް ބަދަލުވުމުގެ ކުރިން އެޓީމްގެ ދަނޑުގައި އިރުޝާދު ދިން ފަހު މެޗެވެ.
އަންގާރަ ދުވަހު ކުޅުނު މުހިއްމު އެހެން މެޗުތަކަށް ބަލާއިރު ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް 1-0 ން ސްޓާމް ގްރާޒް ބަލިކޮށްފައިވާއިރު, ފްރާންސްގެ ލިލްއާއި ޔުވެންޓަސް ކުޅުނު މެޗު ވަނީ 1-1 ނެ އެއްވަތު ވެފައެވެ. މި ނަތީޖާއާއެކު ޑޯޓްމަންޑް 9 ޕޮއިންޓާއެކު ހަތަރުވަނައަށް ޖެހިލާފައިވާ އިރު 7 ޕޮއިންޓާއެކު ޔުވެންޓަސް އޮތީ 10 ވަނައިގައެވެ.
ރިއެކްޝަންސް