10 މަހަށްފަހު ގަވީ ބާސެލޯނާގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި
ބާސެލޯނާގެ މެދުތެރެއަށް ކުޅެމުން އަންނަ ސްޕެއިންގެ ޕަބްލޯ ގަވީ ބުރަސްފަތި ދުވަހު ބާސާގެ ފަރިތަކުރުންތަކުގައި ބައިވާން ފަށައިފިއެވެ. ގަވީ އެނބުރި ކުޅުމުގެ ތެރެއަށް މިއައީ ގާތްގަނޑަކަށް 10 މަސްދުވަހު ކުޅުމާ ދުރުގައި ހުރުމަށްފަހުއެވެ.
އޭނާ ކުޅުމާ ދުރުގައި ހުރީ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ. ފާއިތުވި އަހަރުގެ ފަހުކޮޅު ޔޫރޯ ކޮލިފައިންގައި ސްޕެއިން އިން ޖޯޖިއާ އާ ދެކޮޅާށް ކުޅުނު މެޗުގައި ގަވީގެ ކަކުލުގެ ލިގަމެންޓަށް އަނިޔާވެ އޭސީއެލް ސާޖަރީއެއްވަނީ ހަދާފައެވެ.
މަސްދަރަކާ ހަވާލާ ދީ އީއެސްޕިއެން އިން ބުނިގޮތުގައި ގަވީއަށް އަދި މެޗުތަކުގައި ކުޅެވޭނެ ދުވަހެއް ބުނާކަށް ނޭނގެއެވެ. އެކަން ނިންމާނީ އޮޕަރޭޝަނަށް ފަހު ރިކަވާ ވުމަށް މިހޭދަވާ މުއްދަތުގައި އަންނަ ކުރިއެރުމަށް ބެލުމަށްފަހު ކަމަށް މަސްދަރާ ހަވާލާދީ ބުނެފައި ވެއެވެ.
ސްޕެނިޝް ލަލީގާ ގައި އާދިއްތަ ދުވަހު ބާސެލޯނާއިން ޖިރޯނާ އާ ދެކޮޅަށް ކުޅޭނެއެވެ. އަދި ޗެމްޕިއަންސް ލީގުގައި ބާސާ ކުޅޭ ފުރަތަމަ މެޗުގައި ބުރާސްފަތި ދުވަހު އެޓީމު ނިކުންނާނީ މޮނާކޯއާ ދެކޮޅަށެވެ. އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ބަޔާން މިއުނިކް އާއި ރެއާލް މެޑްރިޑް އާ ދެކޮޅަށް ކުޅޭ މެޗުތަކާއެކު ކުރިއަށްއޮތީ ބާސާއަށް ބުރަ ދެ މަހެވެ.
ގަވީއަށް ބާސެލޯނާ އަށް ކުޅޭވޭނެ ދުވަހެއް އަދި މުޅިން ކަށަވަރުވެފައި ނުވިނަމަވެސް, އޭނާ ފަރިތަކުރުންތަކުގައި ބައިވެރިވާން ފެށުމަކީ ބާސާއަށް ހިތްހަމަ ޖެހުމެކެވެ. ޓީމުގެ ކުޅުންތެރިން ވަނީ ގަވީގެ އެނބުރި އައުން ވަރަށް ކުލަ ގަދަކޮށް ފާހަގަކޮށް ގާޑް އޮފް އޮނާއެއްވެސް އަރުވާފައެވެ.
20 އަހަރުގެ ގަވީ ބާސެލޯނާއަށް އޭނާގެ ފުރަތަމަ މެޗު ކުޅުނީ އުމުރުން އެންމެ 16 އަހަރުގައެވެ. ފާއިތުވި ނޮވެމްބަރު މަހު ގަވީއަށް އަނިޔާވެ ކުޅުމާ ދުރަށް ދާންޖެހުނުއިރު އޭނާ ވަނީ ބާސެލޯނާއަށް 111 މެޗު ކުޅެދީފައެވެ.
އަނިޔާއަށް ފަހު ފާއިތުވި ސީޒަންގައި ބާސެލޯނާ ކުޅުނު ހުރިހާ މެޗެއް ގަވީއަށް ވަނީ ގެއްލިފައެވެ. އަދި މިއަހަރު ޖަރުމަނުގައި ބޭއްވި ޔޫރޯގައި ސްޕެއިންގެ ޤައުމީ ޓީމުގެ މެޗުތައް ވެސް ވަނީ އޭނާއަށް ގެއްލިފައެވެ. ނަމަވެސް ހާއްސަ މެހެމާނެއްގެ ގޮތުގައި ގަވީ ވަނީ ސްޕެއިން އިން 4 ވަނަ ފަހަރަށް ޔޫރޯގެ ތަށި އުފުލާލި ފައިނަލް މެޗަށް ގޮސްފައެވެ. އިނގިރޭސިން ބަލިކޮށް ސްޕްއިން ކާމިޔާބު ކުރި ތައްޓާއެކު ގަވީ ވަނީ ކުޅުންތެރިންނާ އެކު އުފާފާޅުކޮށްފައެވެ.
ގަވީގެ އެނބުރި އައުން ވެގެންދާނީ ކޯޗު ހެންރީ ފްލިސްއަށް މިވަގުތު ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށެވެ. އެއީ ބާސާގެ މެދުތެރެއަށް ކުޅެމުން އަންނަ ބައެއް ކުޅިންތެރިން މިވަގުތު ތިބީ އަނިޔާގައި ކަމަށް ވުމުންނެވެ. ރަޔޯ ވަޔަކާނޯ އާ ދެކޮޅަށް ކުޅުނު މެޗުގައި މާކް ބާނަލް ގެ ކަކުލަށްވެސް ވަނީ އަނިޔާވެފައެވެ.
އިކާ ގުންޑޮގަން މިސީޒަން ފެށުނުއިރު ބާސެލޯނާ ދޫކޮށް ގޮސްފައިވާއިރު, މިދިޔަ ސީޒަންގައި މެދުތެރެއަށްކުޅުނު ސެންޓަރ ބެކް, އަންދުރެސް ކްރިސްޓެންސެން އަށް އަނިޔާވެ ވަނީ ކުޅުމާ ދުރަށްދާން ޖެހިފައެވެ. އިންޓަނޭޝަނަލް ބްރޭކްގައި ފެރޭންކީ ޑި ޔޯންގ އަދި ފާމިން ލޮޕޭޒް އަށްވެސް ވަނީ އަނިޔާވެފައެވެ.
ރިއެކްޝަންސް