'ސްކީލާން' އަށް ފަނޑިޔާނުން ވަނީ %69.47 ދީފަ
އަދަދު ނޫހުން އުފެއްދި 'ސްކީލާން' ޑޮކިއުމެންޓްރީ އަށް ފަނޑިޔާނުން %69.47 މާރކްސް ދީފައިވާކަން މާކްސް ޝީޓުން ހާމަވެއްޖެއެވެ. އޯޑިއޯ/ވީޑިއޯ ކެޓަގަރީން ތަހުގީގީ ދާއިރާއިން އެންމެ މޮޅު ޑޮކިއުމެންޓްރީ އަކަށް ސްކީލާން ހޮވާ އެވޯޑް ދިނުމުން އަމާޒުވަމުންދާ ފާޑުކިއުންތަކާއެކު އަދި އޭސީސީން އެމައްސަލަ ބަލަންވެސް ފަށާފައި ވަނިކޮށް މޯލްޑިވްސް މީޑިޔާ ކައުންސިލުން ވަނީ އެވޯޑްތަކަށް އިންސާފްކުރި ފަނޑިޔާރުން ދީފައިވާ މާރކްސްތައް އާއްމުކޮށްފައެވެ. އަދި ފަނޑިޔާރުންގެ ރިޕޯރޓްވެސް ވަނީ އާއްމުކޮށްފައެވެ.
އެވޯޑް ލިބެނީ އެދާއިރާއަކުން ހުށަހަޅާ ހުށަހެޅުންތަކުގެ ތެރެއިން %65 އިން މަތިން ލިބޭ އުފެއްދުންތަކުގެ ތެރެއިން އެންމެ މަތީ މާރކްސް ލިބޭ އުފެއްދުމަކަށެވެ. ސްކީލާން އަށް އެވޯޑް ލިބުނު ކެޓަގަރީން އިތުރު ހުށަހެޅުމެއް ނެތެވެ. އަދި އެވޯޑް ދޭން ކަނޑައަޅާފައިވާ މިންވަރަށް ސްކީލާން އަށް މާރކްސް ދީފައިވާކަން މާރކްސް ޝީޓުން ސާފް ވެއެވެ.
ތަހުގީގީ ދާއިރާގެ ބަޔަށް އިންސާފްކޮށްފައިވަނީ އަބްދުالله އަޒްމީން އާއި ޝަމްއާން ޝާކިރު އާއި, އަޝްވާ އެވެ. ސްކީލާން ޑޮކިއުމެންޓްރީ އަށް އެވޯޑް ދިނުމާ ގުޅިގެން އަމާޒުވި ފާޑުކިއުންތަކުގެ ތެރޭގައި މީޑިޔާ ކައުންސިލުން ބުނެފައިވަނީ އެވޯޑް ލިބޭ ފަރާތްތައް ކަނޑައެޅުމުގެ ފުރިހަމަ އިހުތިޔާރާއި ބާރު އޮންނަނީ ފަނޑިޔާރުންނަށް ކަމަށެވެ. ނަމަވެސް ފަނޑިޔާރުން ސޮއިކޮށް ނެރެފައިވާ ކަމަށް ބުނާ ބަޔާނެއްގައި ވަނީ އެޑޮކިއުމެންޓްރީ ބަލައިގަނެ ފަނޑިޔާރުންނާ ހަމައަށް ފޮނުވި ނިޔަތާ މެދު ސުވާލު އުފައްދާފައެވެ. އަދި މާރކްސް ދިނުމުގައި ތަހުގީގީ ނަޒަރިއްޔާތަށްވުރެ ބޮޑަށް ޓެކްނިކަލް ބަޔަށް އިސްކަންދޭ ގޮތަށް ކްރައިޓީރިއާ ހަދާފައިވާ ކަމަށްވެސް ބުނެފައެވެ.
ފަނޑިޔާރުންގެ މާރކްސް ޢާއްމުކުރީ އަމާޒުވި ފާޑުކިއުންތަކާއެކު މީޑިޔާ ކައުންސިލްގެ ކުއްލި ބައްދަލުވުމަކުން ފާސްކޮށްގެންނެވެ. ސްކީލާން ޑޮކިއުމެންޓްރީ އަކީ ރިޔާސީ އިންތިޚާބުގެ ތެރޭގައި އޭރުގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ދޮންމަންމާފުޅު ރައީސްއަށް ތުހުމަތުތަކެއް ކޮށް ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓްރީ އެކެވެ. އޭރުވެސް ރައީސް އެޑޮކިއުމެންޓްރީގައި ހުރި ވާހަކަތައް ދޮގުކުރެއްވި އެވެ.
ރިއެކްޝަންސް