މިސަރުކާރު ހަވާލުވިއިރު ސާޅީހަކަށް ޕްރިންސިޕަލުން ތިބީ ތިބެން ޖެހޭތަން ނޫން އެހެން ތަނަކަށް އަރުވާލެވިފަ- އެޑިއުކޭޝަން މިނިސްޓަރ
މިސަރުކާރު ހަވާލުވިއިރު ސާޅީހަކަށް ޕްރިންސިޕަލުން ތިބީ އެބޭފުޅުން ތިބެން ޖެހޭތަން ނޫން އެހެން ތަނަކަށް އަރުވާލެވިފައި ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގައި މިއަދު ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ހުސައިން (އިއްބެ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މެމްބަރު ސުވާލުކުރެއްވީ ބައެއް ސްކޫލްތަކުގެ ޕްރިންސިޕަލުން ކުދިންގެ މެދުގައި ތަފާތުކުރާކަމަށް ބައެއް ބެލެނިވެރިން ބުނާ މައްސަލަ މިދިޔަ ސަރުކާރުގައި ހުށަހަޅާފައިވާއިރު އެކަމަށް ފިޔަވަޅު އެޅިފައިވޭތޯއެވެ. އަދި އެފަދަ ތަފާތުކުރުން ގެންގުޅޭކަން މިނިސްޓަރަށް ފާހަގަކުރެވިފައިވޭތޯ އެވެ. ވަޒީރު ވިދާޅުވީ އަންނަ ކޮންމެ ޝަކުވާއަކަށް ފިޔަވަޅު ނާޅުއްވާ ކަމަށެވެ. އޭގެ ބަދަލުގައި ޝަކުވާއެއް އުފުލިއްޖެ ނަމަ އެޘަކުވާއަކީ ކްރެޑިބަލް ގޮތެއްގައި ހުށަހެޅިފައި އޮތް އަދުލުވެރި ގޮތެއްގައި ހުށަހެޅުނު ޝަކުވާއެއްތޯ ބައްލަވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެއީ ޕްރިންސިޕަލެއް ނުވަތަ ޓީޗަރަކާ މެދު ހުށަހެޅޭ ޝަކުވާއެއް ކަމުގައި ވިޔަސް ޝަކުވާގެ ސައްހަކަން ނުބަލާ ފިޔަވަޅު ނާޅުއްވާ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދެއްވާފައިވާ އިރުޝާދަކީވެސް އަދުލުވެރިވުން ކަމަށެވެ.
" ފިޔަވަޅު އެޅުމުގައި އަޅުގަނޑުމެން ގެންގުޅޭނީ އަދުލުވެރިކަން އަދި ކްރެޑިބަލް އިންފޮރމޭޝަން ބަލާ އަޅުގަނޑުމެންގެ ޓީމްތައް އެރަށަކަށް ދަތުރުކޮށް, އަޅުގަނޑުމެން އަމިއްލައަށް ކަންކަން ބެލުމަށްފަހުގަ މެނުވީ އެހެން އަންނަ ބައެއް ޝަކުވާތަކަށް އަޅުގަނޑުމެން ފިޔަވަޅު އަޅަން ގަސްތެއް ނުކުރަން." މިނިސްޓަރ ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އަންނަ ކޮންމެ ޝަކުވާއަކަށް ފިޔަވަޅު އަޅަން ފަށައިފިނަމަ ޤާނޫނު އަސާސީން މުވައްޒަފުންނަށް ލިބިދީފައިވާ ހައްގާއި, ވަޒީފާއާ ބެހޭ ޤާނޫނުން މުވައްޒަފުންނަށް ލިބިދީފައިވާ ހައްގު ނިގުޅިގެން ހިނގައިދާނެ ކަމަށެވެ.
އެކަމަމު މިސަރުކާރު ހަވާލުވިއިރު ރާއްޖޭގެ ސާޅީހަކަށް ސްކޫލްގެ ޕްރިންސިޕަލުން އެބޭފުޅުން ތިއްބަވަން ޖެހޭ ތަން ނޫން އެހެން ތަނަކަށް އަރުވާލެވިފައިވާކަން ފާހަގަކުރެއްވި އެވެ. އަދި ބައެއް މުވައްޒަފުންނަށް އަނިޔާވެރިވެފައިވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން 300 އެއްހާ މުވައްޒަފުންނަށް އެކަށީގެންވާ ހެއްކެއް ނެތި އަދަބު ދީފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ރިއެކްޝަންސް