
ލިވަޕޫލް, އާސެނަލް އަދި ނިއުކާސަލް ވެސް މޮޅު, ނޮޓިންގްހަމް ފޮރެސްޓް ބަލި
އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ ލިވަޕޫލްއިން އިޕްސްވިވް ޓައުން ގެ މައްޗަށް ކުރިހޯދީ ކޯޑީ ގަޕްކޯގެ ދެގޯލާއެކު 4-1 ންނެވެ. ތާވަލްގެ ދެވަނައިގައި އޮތް އާސެނަލް ފަހުވަގުތު ވަނީ 1-0 ން ވުލްވްސްގެ ކައިރިން ސަލާމަތްވެފައެވެ. އަދި, ނިއުލާސަލް ޔުނައިޓަޑް ސައުތަމްޕްޓަން ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. ތާވަލްގެ ހަތަރު ވަނައިގައި އޭރު އޮތް ނޮޓިންގްހަމަ ފޮރެސްޓް ބާންމައުތުގެ އަތްދަށުވީ 5-0 ންނެވެ.
ލިވަޕޫލްގެ ދަނޑުގައި ކުޅުނު މެޗުގެ 11 ވަނަމިނިޓްގައި އެޓީމަށް ލީޑުނަގައިދިނީ ޑޮމިނިކް ޒޮބޮސްލައީ އެވެ. ފުރަތަމަ ހާފު ލިވަފޫލްއިންނިންމާލީ 35 ވަނަ މިނިޓްގައި މުޙައްމަދު ޞަލާޙް ކާމިޔާބުކޮށްދިން ގޯލާއެކު 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ކޯޑީ ގަޕްކޯވަނީ 44 ވަނަ މިނިޓް އަދި 66 ވަނަ މިނިޓްގައި ލިވަޕޫލްއަށް އިތުރު ދެ ގޯލް ކާމިޔާބުކޮށްދީފައެވެ. އިޕްސްވިޗް ޓައުންގެ ހަމައެކަނި ގޯލް މެޗުގެ 90 ވަނަ މިނިޓްގައި ލިބުނު ކޯނަރަކުން ކާމިޔާބުކުރީ ޖޭކޮބް ގްރީވެސް އެވެ.
އާސެނަލް އާއި ވުލްވްސް ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފު ނިމެންދަނިކޮށް މައިލެސް ލެވިސް-ސްކެލީ އަށް ދެއްކި ރަތްކާޑާއެކު އެޓީމުން މެޗުގެ ބާކީވައި ކުޅުނީ 10 ކުޅުންތެރިންނާއެކުއެވެ. 18 އަހަރާއި 121 ދުވަހުގެ ލެވިސްއަށް ދެއްކި ރަތްކާޑާއެކު އޭނާވަނީ ޕްރިމިއަރ ލީގުގައި މެޗަކުން ރަތްކާޑާއެކު ފޮނުވާލީ ތިންވަނައަށް ޒުވާންކުޅުންތެރިޔާއަށް ވެފައެވެ. އެއީ ވޭން ރޫނީ އަދި މައިކަލް އޮވެންގެ ފަހަތުންނެވެ.
މެޗުގައި ވުލްވުސް ޔާއޮ ގޮމޭޒްއަށްވެސް ދެ ރީނދޫކާޑާއެކު މެޗުގެ 70 ވަނަ މިނިޓްގައިވަނީ ރަތްކާޑެއް ދައްކާފައެވެ.
ގޯލެއް ކާމިޔާބު ނުކުރެވި ނަމަވެސް ފަހުކޮޅު ގިނަ ހަމާލާތަކެއް އުފެއްދި އާސެނަލް މެޗުގެ 70 ވަނަ މިނިޓްގައި ހެއްވާލަދިނީ ރިކާޑޯ ކަލަފިއޯރީ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުއިން ކަލަފިއޯރީގެ ގޯލްގެ ކުރިން ކައި ހަވާޓްޒް ވަނީ ވުލްވްސްއަށް ނުރައްކާ ކޮށްފައެވެ.
ސައުތަމްޕްޓަން އިން ގޯލެއް ކާމިޔާބުކޮށްފައިވަނިކޮށް ފަހަތުން އަރާ ނިއުކާސަލް އިން މެޗު ކާމިޔާބުކުރިއިރު އަލެކްސަންޑަރ އިސާކް ވަނީ ދެ ގޯލް ކާމިޔާބުކޮށްފައެވެ. ނިއުކާސަލްގެ ފުރަތަމަ ގޯލް ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކުރުމަށްފަހު އޭނާވަނީ އޭގެ ހަތަރު މިނިޓްފަހުން ނިއުކާސަލްއަށް ލީޑު ފުޅާކޮށްދީފައެވެ. 30 ވަނަ މިނިޓްގައި ލީޑު ފުޅާކުރުމަށް އެހީތެރިވީ ޖޭކޮބް މާފީ އެވެ. މެޗު ޑޮމިނޭޓްކޮށްގެ ކުޅުނު ނިއުކާސަލްގެ ތިންވަނަ ގޯލް 51 ވަނަ މިނިޓްގައި ކާމިޔާބުކުރީ ސަންޑްރޯ ޓޮނާލީއެވެ.
ގިނަ ގޯލްތަކެއްޖަހާ ޕްރިމިއަރ ލީގުގައި ބަލިނުވެ 11 ވަނަ މެޗު ހަމަކުރި ބާން މައުތުން ނޮޓިންގްހަމަ ފޮރެސްޓްވަނީ ވިޓާލިޓީ ސްޓޭޑިއަމްގައި ބަލިކޮށްފައެވެ. މެޗުގައި ބާންމައުތަށް 9 ވަނަ މިނިޓްގައި ލީޑު ނަގައިދިން ޖަސްޓިން ކްލުއިވާޓް ވަނީ މިސީޒަންގައި 11 ލީގު ގޯލް ކާމިޔާބުކޮށްދީފައެވެ. މެޗުގައި ބާންމައުތުގެ ޑެންގޯ ކުއާޓަރާ ވަނީ ހެޓް-ޓްރިކް ހަދާފައެވެ. ފަހު ގޯލް މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ އެންޓޮއިން ސަމެންޔޯއެވެ.
މި ނަތީޖާ ތަކާއެކު ލިވަޕޫލް ތާވަލްގެ އެންމެ ކުރީގައި އޮތީ 21 މެޗުން 53 ޕޮއިންޓާއެކު 7 ޕޮއިންޓްގެ ލީޑެއްގައެވެ. ދެވަނައިގައި 22 މެޗުން 47 ޕޮއިންޓް ހޯދައިގެން އާސެނަލް އޮތްއިރު, 22 މެޗުން 44 ޕޮއިންޓާއެކު އިންވަނައިގައި އޮތީ ނޮޓިންގްހަމް ފޮރެސްޓެވެ. ނިއުކާސަލް ޔުނައިޓަޑް 41 ޕޮއިންޓާއެކު ފަސް ވަނައިގައި އޮތްއިރު ބާންމައުތު ހަވަނައިގައި އޮތީ 40 ޕޮއިންޓް ހޯދައިގެންނެވެ.
ރިއެކްޝަންސް






