
އެލް ކްލެސީކޯ: އެމްބާޕޭ ހެޓްރިކް ހެދިނަމަވެސް ފަހަތުން އަރާ ބާސެލޯނާ މޮޅުވެ ލީގު ކަށަވަރުކުރުމާ ގާތަށް!
ސީޒަންގެ ފަހު ކްލެސީކޯގައި އާދިއްތަ ދުވަހު ލަލީގާގައި ކުޅުނު މެޗުގައި ކީލިއަން އެމްބާޕޭގެ ހެޓްރިކެއް ފެނިގެންދިޔަ ނަމަވެސް ފަހަތުން އަރާ 4-3 ން ބާސެލޯނާއިން ވާދަވެރި ރެއާލް މެޑްރިޑް ބަލިކޮށް, ލީގު ކަށަވަރުކުރުމާ ގާތަށް ޖެހިލައިފިއެވެ.
މެޗުގައި ފުރަތަމަ ލީޑު ނެގީ ރެއާލުންންވެ. 5 ވަނަ މިނިޓްގައި ރެއާލަށް ލިބުނު ޕެނަލްޓީ އެމްބާޕޭ ކާމިޔާބުކޮށް ފުރަތަމަ ސާދަ މިނިޓް ތެރޭގައި އިތުރު ގޯލެއްވެސް ކާމިޔާބުކޮށް އޭނާވަނީ ވަނީ ނަތީޖާ 2-0 ށް ބަދަލުކޮށްލާފައެވެ.
ނަމަވެސް ކްލެސީކޯގެ ފޯރި ފެނިގެން ދިޔަ ފުރަތަމަ ހާފުގައި ބާސެލޯނާއިން ވަނީ ހާފު ނިމުމުގެ ކުރިން ނަތީޖާ 4-2 ށް ބަދަލުކޮށްލާފައެވެ. ފުރަތަމަ ގޯލް އެރިކް ގާސިއާ ކާމިޔާބު ކުރިއިރު ދެވަނަ ގޯލް ޖެހީ ލަމީން ޔަމާލް އެވެ, ފަހު ދެގޯލާއެކު ބާސެލޯނާއަށް އަލުން ލީޑު ނަގައިދިނީ ރަފީނިއާއެވެ. މެޗުގައި ފެރަން ޓޮރޭސްވަނީ ބާސެލޯނާއަށް ތިންގޯލް ކާމިޔާބުކޮށްދިނުމުގައި އެހީތެރިވެފައެވެ.
މެޗު ނިމެން 20 މިނިޓަށް ވެފައި ވަނިކޮށް އެމްބާޕޭ ގެ ގޯލާއެކު ހެޓްރިކް ހެދި އިރު މިއީ އެމްބާޕޭ ރެއާލަށް ކާމިޔާބުކޮށްދިން 39 ވަނަ ގޯލެވެ. މިއީ ރެއާލަށް ކުޅޭ ފުރަތަމަ ސީޒަނުގައި ކުޅުންތެރިއަކު މިހާތަނަށް އެންމެ ގިނަ ގޯލް ޖެހި ފުރަތަމަ ފަހަރެވެ.
މެޗުގެ ފުރިހަމަ ވަގުތު ނިމި އިތުރު ވަގުތުގައި ބާސެލޯނާގެ ފާމިން ލޮޕޭޒް ގޯލެއް ކާމިޔާބުކުރިނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ ވަނީ އެއީ ހޭންޑްބޯލް އެއްކަމަށް ބަލާ ގޯލް ބަލައިނުގެންފައެވެ.
ބާސެލޯނާއަށް ލިބުނު ފުރިހަމަ ކާމިޔާބީ އާއެކު ތާވަލްގެ އެއްވަނައިގައި 7 ޕޮއިންޓްގެ ލީޑަކާއެކު ހަމަޖެހިލިއިރު ލީގުގައި ކޮންމެ ޓީމަކަށްވެސް ބާކީ އަދި ތިން މެޗު އެބައޮތެވެ. އެހެންކަމުން 75 ޕޮއިންޓާއެކު ދެވަނައިގައި އޮތް ރެއާލަށް އަދިވެސް ލީގު ހޯދުމުގެ ހަނި ފުރުޞަތެއް އެބައޮތެވެ. ނަމަވެސް އެއީ ބާކީ އޮތް ތިންމެޗުންވެސް މޮޅުވެ, ބާސެލޯނާގެ މެޗުތަކުގެ ނަތީޖާވެސް ބުރަވާ ގޮތެއްގެ މައްޗަށް އޮތް ފުރުޞަތެކެވެ.
ރިއެކްޝަންސް






