އާޖެންޓީނާގެ ގޯލްކީޕަރަށް ވޯލްޑް ކަޕް ކޮލިފައިންގެ ދެ މެޗަށް ސަސްޕެންޑްކޮށްފި
އާޖެންޓިނާގެ ގޯލްކީޕަރު އެމީލިއާނޯ "ޑީބޫ" މާޓިނޭޒް ފީފާއިން ސަސްޕެންޑް ކޮށްފިއެވެ. ފީފާގެ ޑިސިޕްލިނަރީ ކޮމިޓީގެ ނިންމުމުގައި ވާގޮތުން ވޯލްޑްކަޕް ކޮލިފައިންގައި އާޖެންޓީނާ ކުޅޭ ދެމެޗަށް މާޓިނޭޒް ސަސްޕެންޑް ކޮށްފައިވަނީ އޭނާގެ ފަރާތުން ފެނިފައިވާ ކުޅިވަރުގެ އަޙްލާގާ ޚިލާފް އަމަލުތަކުގެ ސަބަބުންނެވެ. އަދި "ކުޅިވަރުގެ އުޞޫތަކާވެސް" ޚިލާފްވެފައި ވާތީއެވެ.
ފީފާގެ މި ނިންމުމާއެކު އޮކްޓޯބަރު 10 ގައި ވެނެޒުވޭލާ އަދި 15ގައި ބޮލީވިއާ އާ ދެކޮޅަށް ވޯލްޑްކަޕް ކޮލިފައިންގައި އާޖެންޓިނާ ކުޅޭ ދެ މެޗު މާޓިނޭޒްއަށް ގެއްލޭނެއެވެ.
ފީފާއިން މާޓިނޭޒްއަށް ފީފާގެ އަޙްލާގީ މިންގަނޑާބެހޭ އުޞޫލުން ފިޔަވަޅުއެޅީ ކޮޕާ އެމެރިކާގެ ޓްރޮފީއާ އެކު އޭނާ ދެއްކި ހުތުރު ޢަމަލުގެ ސަބަބުން ކަމުގައި ބުނެފައެވެ. މާޓިނޭޒްވަނީ 2022 ފީފާ ވޯލްޑްކަޕް އާޖެންޓީނާ ހޯދިއިރު ތައްޓާއެކު ދެއްކި ހުތުރު އަމަލު ކޮޕާ އެމެރިކާގެ ތަށި ކާމިޔާބު ކުރިއިރުވެސް ތަކުރާރުކޮށްފައެވެ.
އެސްޓަންވިލާގެ ވެސް ކީޕަރު އެމީލިއޯ މާޓިނޭޒް އަށް ފީފާއިން އިތުރު އަދަބެއްވެސް ދީފައި ވެއެވެ. އެއީ ސެޕްޓެމްބަރު 10 ވަނަ ދުވަހު އާޖެންޓީނާއިން ކޮލަންބިއާ އާދެކޮޅަށް ކުޅެ 2-1 ން ބަލިވި މެޗަށްފަހު ކެމެރާކުރާ ސާމާނުތައް ކޮށްޕާ ގެއްލުންދިނުމުގެ އަމަލެއް ހިންގާފައިވާތީއެވެ.
ކެމެރާމަން ޖޯނީ ޖެކްސަން ކޮލަންބިއާގެ މީޑިއާތަކަށް މަޢުލޫމާތު ދީފައިވާގޮތުގައިމާޓިނޭޒް ވަނީ އޭނާއަށް 'ހަމަލާ" ދީފައެވެ. އަދި އެކަމާގުޅިގެން އޭނާ ވަރަށް ހިތްހަމަނުޖެހިފައި ހުރިކަމަށްވެސް ބުންޏެވެ.
އާޖެންޓީނާގެ ފުޓްބޯޅަ ފެޑެރޭޝަނުން(އޭއެފްއޭ) ބުނެފައިވަނީ ފީފާއިން ފިޔަވަޅު އެޅުމުގެ ކުރިން ފީފާ އަށާއި އެފެޑެރޭޝަނަށް މާޓިނޭޒްގެ ފަރާތުން ދިފާއު ހުށަހަޅާފައިވާނެކ ކަމަށެވެ.
"ފީފާގެ ޑިސިޕްލިނަރީ ކޮމިޓީއިން ނިންމާފައިވާ ނިންމުމާމެދު އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ކަނޑައެޅިގެން ދެކޮޅުހަދަން" އޭއެފްއޭގެ ބަޔާނުގައި ބުނެފައި ވެއެވެ.
ރިއެކްޝަންސް