
މެންޗެސްޓަރ ޔުނއިޓަޑްގެ ކުރީގެ ކޯޗު އެރިކް ޓެން ހަގް ބަޔާން ލެވަކޫސަން އަށް
ޓެން ހަގް އާއެކު 2 އހަރު ދުވަހުގެ އެއްބަސްވުމެއް ލެވަކޫސަން އިން ވަނީ ހަދާފައި
ޒަބީ އަލޮންސޯ ބަޔާން ލެވަކޫސަން ދޫކޮށްލުމާއެކު އެ ކްލަބްގެ ކޯޗުގެ މަޤާމަށް މެންޗެސްޓަރ ޔުނައިޓަޑްގެ ކުރީގެ ކޯޗު އެރިކް ޓެން ހަގް ހަމަޖައްސައިފިއެވެ. ލެވަކޫސަން އިން މިއަދު ވަނީ ޓެން ހަގް އާއެކު ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މިއީ 55 އަހަރުގެ ޓެން ހަގް މެންޗެސްޓަރ ޔުނިއަޓަޑަށް ފަހު ކަލްބެއްގެ ކޯޗުކަމާ ހަވާލުވި ފުރަތަމަ ފަހަރެވެ.
ލެވަކޫސަންގެ ކުރީގެ ކޯޗު އަލޮންސޯ ސްޕެއިންގެ ރެއާލް މެޑްރިޑް އާ ހަވާލުވިކަން އިއްޔެ އެ ކްލަބުންވެސް ވަނީ ހާމަކޮށްފައެވެ. މިއަދުގެ ވަގުތެއްގައި ރަސްމީކޮށް އަލޮންސޯ ރެއާލްގެ ކޯޗުގެ ގޮތުގައި ތައާރަފް ކުރާނެއެވެ.
އޯލްޑް ޓްރެފޯޑްގައި ހޭދަކުރި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ޓެން ހަގް ވަނީ މެންޗެސްޓަރ ޔުނައިޓަޑްއަށް އިނގިރޭސި ލީގު ކަޕް އަދި އެފް އޭ ކަޕް ހޯދައިދީފައެވެ. ނަމަވެސް މިސީޒަންގެ ޕްރިމިއަރ ލީގުގެ ނަތީޖާތައް ދަށްވެ ޓެން ހަގް މަގާމުން ވަކިކުރި އިރު މެންޗެސްޓަރ ޔުނައިޓަޑް އޮތީ ލީގު ތާވަލްގެ 14 ވަނައިގައެވެ.
ނެދަލެންޑްސްގެ ޓެން ހަގް 2022 ގައި މެންޔޫ އާ ގުޅުމުގެ ކުރިންވަނީ އަޔެކްސް އަށްވެސް ކޯޗުކޮށްދީފައެވެ.2018 ން 2022 ށް އަޔެކްސްގައި ހޭދަކުރި މުއްދަތުގައި އޭނާވަނީ ނެދަލެންޑްސް ލީގު ތިންފަހަރު އަދި އިތުރު ދެ ޑޮމެސްޓިކް ތަށި އަޔެކްސްއަށް ހޯދައިދީފައެވެ.
ޓެން ހަގް ރަސްމީކޮށް ލެވަކޫސަންގެ ކޯޗުގެ މަސްޢުލިއްޔަތާ ހަވާލުވާނީ އަންނަ މަހު 1 ވަނަ ދުވަހުއެވެ.
އަލޮންސޯގެ އިރުޝާދުގެ ދަށުން 2023ގެ ބުންޑަސްލީގާ ލެވަކޫސައިން ވަނީ ކާމިޔާބުކޮށްފައެވެ. އަދި 2024 -2013 ގެ ޖަރުމަނު ކަޕް ވަނީ އުފުލާލާފައެވެެ. މިސީޒަން ނިމުންއިރު ލެވަކޫސަން އޮތީ ލީގުތާވަލްގެ ކުރީގައި އޮތް ބަޔާން މިއުނިކަށްވުރެ 13 ޕޮއިންޓް މަދުކޮށް ދެ ވަނައިގައެވެ.
"އަަހަރެން ލެވަކޫސަން އާ މި ގުޅެނީ ވޭތުވެދިޔަ ތަނުގައި ކްލަބް ހޯދަމުން އައި ކާމިޔާބީ ދަމަހައްޓާ ކުރިއެރުވުމުގެ އަޒުމުގަ" ޓެން ހަގް ބުނެފައި ވެއެވެ.
ރިއެކްޝަންސް






