ހުޅުމާލޭގެ އައު މާސްޓަރޕްލޭނަކީ ދެމެހެއްޓެނިވި ތަރައްޤީ ޔަޤީންކުރެވޭނެ މާސްޓަރޕްލޭނެއް: ރައީސުލްޖުމްހޫރިއްޔާ
ހުޅުމާލޭގެ އައު މާސްޓަރޕްލޭން އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަދައްކަވަނީ: ފޮޓޯ-ރައީސް އޮފީސް

ހުޅުމާލޭގެ އައު މާސްޓަރޕްލޭނަކީ ދެމެހެއްޓެނިވި ތަރައްޤީ ޔަޤީންކުރެވޭނެ މާސްޓަރޕްލޭނެއް: ރައީސުލްޖުމްހޫރިއްޔާ

12 days ago - 15:47
May 26, 2025 - 15:47
Advertisement
Advertisement

ހުޅުމާލޭގެ އައު މާސްޓަރޕްލޭނަކީ ދުރުރާސްތާއަށް ވިސްނައިގެން، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ޔަޤީންކުރެވޭނެ މާސްޓަރޕްލޭނެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، ހުޅުމާލޭ ރިވައިސްޑް މާސްޓަރޕްލޭން އަދި ހައުސިންގް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)ގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް ބަދަލުގެނެވިފައިވާ ރަސްމީ ވެބްސައިޓް އިފުތިތާޙުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހުޅުމާލޭ ރިވައިސްޑް މާސްޓަރޕްލޭނާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމުން ގާތްގަނޑަކަށް 3 ލައްކައެއްހާ ރައްޔިތުންނަށް، ފެންވަރު ރަނގަޅު ދިރިއުޅުމެއް އުޅުމުގެ ފުރުޞަތު އެތައް ގޮތަކުން ފަހިވެގެންދާނެކަމަށެވެ. ހުޅުމާލޭ ރިވައިސްޑް މާސްޓަރޕްލޭން ޙަޤީޤަތަކަށް ހެދުމުގައި، ހުރިހާ ބޭފުޅުންގެ ވިސްނުން އެއްގޮތް ކުރައްވައި، ބުރަ މަސައްކަތްތަކެއް ކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ގްރޭޓަރ މާލޭ ސަރަޙައްދުގައި ފައިނޭންޝަލް ކެޕިޓަލެއްގެ ގޮތުގައި ހުޅުމާލެ ބައްޓަން ކުރުމަށް، މި މާސްޓަރޕްލޭނުން މަގުފަހިކޮށްދެވޭނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މާލޭ ސިޓީގައި އޮތް ތޮއްޖެހިފައިވާ ނުތަނަވަސްކަމަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، ހުޅުމާލޭގެ ތަރައްޤީގެ ކަންކަން ކުރިއަށްގެންދަންވާނީ، މިކަންކަމުން ފިލާވަޅު ލިބިގަނެގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރިވައިސްޑް މާސްޓަރޕްލޭނާއެކު އެ ފުރުޞަތު ފަހިވާކަން ފާހަގަކުރައްވާ ވިދާޅުވީ މި ޕްލޭން ޙަޤީޤަތަކަށް ހެދުމަށްޓަކައި، ސަރުކާރުގެ ހުރިހާ މުއައްސަސާތަކުންވެސް އެއްބާރުލުން ދެއްވާނެކަމަށެވެ.

ސަރުކާރުގެ އެކި ކުންފުނިތަކުގެ ހިންގުމުގެ ނިޒާމާއި، އެ ތަންތަނުގެ އިސްވެރިންނާއި ޓީމަށްވެސް އެކި ބަދަލުތައް ގެންނަވާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އޭގެ މަޤުޞަދަކީ ގުޑް ގަވަނަންސް ނުވަތަ ހެޔޮވެރިކަން ކަށަވަރުކުރައްވައި، ދެފުށް ފެންނަ، ކޮރަޕްޝަން ނައްތާލެވިފައިވާ ނިޒާމެއްގެ ތެރެއިން ކުންފުނިތަކުގެ ހިންގުން ޔަޤީންކުރެއްވުން ކަމުގައެވެ.

Advertisement
Advertisement

" ރަނގަޅު ހިންގުމުގެ ނިޒާމެއްގެ ތެރެއިން ދެފުށް ފެންނަ ގޮތެއްގައި އިހުލާސްތެރި ޚިދުމަތެއް ކުރުމުގައި ކުރިއަށް ދިއުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް, މަސްއޫލިއްޔަތެއް. އެހެންވީމަ އެޗްޑީސީން މިކުރާ މަސައްކަތް އަޅުގަނޑު ވަރަށްބޮޑަށް ބަލައިގަންނަން, އުފާކުރަން." ރައީސް ވިދާޅުވިއެވެ.

މީގެ 24 އަހަރު ކުރިން އެކުލަވާލެވުނު ހުޅުމާލޭ މާސްޓަރޕްލޭނަށް ޒަމާނީ މުހިންމު ބަދަލުތަކެއް ގެނެސް، މިއަދު އިފްތިތާޙުކުރެވިގެންދިޔަ ހުޅުމާލޭ ރިވައިސްޑް މާސްޓަރޕްލޭނަކީ އާންމު ދިރިއުޅުން އައު ހަރުފަތަކަށް އުފުލައިލެވި، ވިޔަފާރިއާއި އިޤްތިޞާދީ ފުދުންތެރިކަން އިތުރުކޮށްދެވި، ދެމެހެއްޓެނިވި ތަރައްޤީގެ ވެއްޓެއް ކަށަވަރުކޮށްދެނިވި މާސްޓަރޕްލޭނެއްކަމަށް ސަރުކާރުން ދެކެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement