
މައްކާ ރޫޓް އިނީޝިއޭޓިވް ލިބިގެންދިއުމަކީ ޙައްޖުވެރިންނާއި މެދު ރައީސް ގެންގުޅުއްވާ ހެޔޮ ވިސްނުންފުޅުގެ ނަތީޖާ: ޑރ.ޝަހީމް
ދިވެހި ޙައްޖުވެރިންނަށް އިތުރު ލުއިފަސޭހަތަކެއް ގެނެސްދޭ މައްކާ ރޫޓް އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙްކުރެވިގެން ދިއުމަކީ ދިވެހި ހައްޖުވެރިންނާއި މެދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހިތްޕުޅުގައި އޮތް ހެޔޮ ވިސްނުންފުޅުގެ ނަތީޖާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޑރ.ޝަހީމް މިފަދައިން ވިދާޅުވީ ދިވެހި ޙައްޖުވެރިންނަށް އިތުރު ލުއިފަސޭހަތަކެއް ގެނެސްދޭ މައްކާ ރޫޓް އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙްކުރުމަށް މިއަދު ވީއައިއޭގައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ޑރ. ޝަހީމް ވިދާޅުވީ އިނީޝިއޭޓިވްއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ޙައްޖުގެ ކަންކަމަށް ގެނެވުނު ހެޔޮ ބަދަލުތަކުގެ ނަތީޖާކަމަށާއި، އެމަނިކުފާނުގެ އިސްނެގުމާއެކު ޙައްޖުގެ ނިޒާމް ހަރުދަނާކޮށް، ޙައްޖުވެރިންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްގެ ޚިދުމަތް ރާއްޖެއަށް ފޯރުކޮށްދިނުމަށް ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ނިންމާފައިވަނީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްސަ ހުއްދައާއެކު، އާންމު ޝަރުތުތަކުން ރާއްޖެ އިސްތިސްނާކޮށްގެންކަމަށާއި، މިއީ ދިވެހިންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއްގެ ގޮތުގައި ވަޒީރު ވިދާވިއެވެ.
ވަޒީރު ޑރ، ޝަހީމް އިތުރަށް ވިދާޅުވީ މި އިނީޝިއޭޓިވްގެ ސަބަބުން ދިވެހި ޙައްޖުވެރިންނަށް ޙައްޖަށް ދިއުމުގެ މަގު ފަސޭހަވެގެންދާނެ ކަމަށާއި، އަދި މިއީ ޙައްޖުގެ ނިޒާމުގައި ހުރި އެތައް ކަމެއް ހައްލުކުރެވި، އާ އުސޫލުތަކެއް ތަޢާރަފުކުރެވިގެންދާނެ މުހިންމު ފިޔަވަޅެއްކަމަށެވެ.
ދިވެހި ޙައްޖުވެރިންނަށް މައްކާ ރޫޓް އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާ ދިވެހި ހައްޖާއްޖީންނަށް ފުރަތަމަ ޕާސްޕޯޓް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަބަލުން މެޑަމް ސާޖިދާ މުހައްމަދެވެ.
ރިއެކްޝަންސް






