
މައްކާ ރޫޓް އިނީޝިއޭޓިވްއަކީ ދިވެހި ޙައްޖުވެރިންނަށް ލިބުނު ތާރީޚީ ކުރިއެރުމެއް: ރައީސް މުޢިއްޒު
ހައްޖުގެ ޚިދުމަތް ސީ ލެވަލްއިން ބީ ލެވަލްއަށް ވަނީ މަތިވެފައި
ދިވެހި ޙައްޖުވެރިންނަށް މައްކާ ރޫޓް އިނީޝިއޭޓިވް ތަޢާރަފުކުރެވިގެންދިއުމަކީ ދިވެހި ޙައްޖުވެރިންނަށް ލިބުނު ތާރީޚީ ކުރިއެރުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ދިވެހި ޙައްޖުވެރިންނަށް އިތުރު ލުއިފަސޭހަތަކެއް ގެނެސްދޭ މައްކާ ރޫޓް އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙްކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖެ މި އިނީޝިއޭޓިވްގައި ހިމެނުމަށް ނިންމެވި ކަމަށްޓަކައި ސަޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއަށާއި ޕްރިންސް މުޙައްމަދު ބިން ސަލްމާނަށް ޝުކުރު އަދާކުރައްވަމުން ރައީސް ވިދާޅުވީ، މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ދުވަސްވީ ގާތް ގުޅުމުގެ ހެއްކެއްކަމަށެވެ.
ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހި ޙައްޖުވެރިންނަށް ހަމަޖައްސައިދެއްވާފައިވާ އިންތިޒާމުތަކަކީ ވަރަށް ފުރިހަމަ އިންތިޒާމުތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ކަމުގައި އެހީތެރިވެދެއްވި ސަޢޫދީ ޢަރަބިއްޔާގެ އެކި މުއައްސަސާތަކަށް ވެސް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ދިވެހި ޙައްޖުވެރިންނަށް މައްކާ ރޫޓް އިނީޝިއޭޓިވް ލިބިގެންދާއިރު، ރާއްޖޭގެ ހައްޖުވެރިން ސަޢުދީ ޢަރަބިއްޔާގެ ކަމާއިބެހޭ އިދާރާތަކާއި ގުޅިގެން ފުރަތަމަ ފަހަރަށް ވަނީ ޚާއްސަ ކްލިނިކެއްވެސް ގާއިމުކޮށްފައެވެ. އަދި މިނާގައި ތިބުމަށް ހަމަޖެހިފައިވާ ފޭލިގެތަކުގެ ފެންވަރުވެސް މިއަހަރު ވަރަށް ބޮޑުތަނުން ރަނގަޅުކުރެވިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.
މީގެ ކުރިން ރާއްޖޭގެ ހައްޖުވެރިންނަށް ލެވަލު ސީ ގައި ޚިދުމަތް ދެވެމުން ދިޔަނަމަވެސް މިއަހަރުން ފެށިގެން ލެވަލް ބީ އަށް ހިދުމަތުގެ ފެންވަރު މަތިކުރެވިފައިވާކަމަށް ހައްޖު ކޯޕަރޭޝަނުން ވިދާޅުވިއެވެ.
ރިއެކްޝަންސް






