
ހުޅުމާލެ ހޮސްޕިޓަލްގެ ޒަމާނީ އިމަޖެންސީ ރޫމްގެ ޚިދުމަތް ރައީސް އިފްތިތާހުކޮށްދެއްވައިފި
ހުޅުމާލެ ހޮސްޕިޓަލްގެ ޒަމާނީ އިމަޖެންސީ ރޫމްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު އިފްތިތާހުކޮށްދެއްވައިފިއެވެ. މިއީ މި ސަރުކާރުގެ "ނިއު ޕޮލިސީ އިނިޝިއޭޓިވް"ގެ ދަށުން ކުރިއަށްއެޅި ފިޔަވަޅެކެވެ.
ޒަމާނީ މެޑިކަލް އާލާތްތަކާއިއެކު ފަރުމާކޮށްފައިވާ މި އިމަޖެންސީ ރޫމުގައި، ކްރިޓިކަލް ބަލިމީހުންނަށް ޚާއްޞަ ފަރުވާ ދިނުމަށް ރިސަސިޓޭޝަން ރޫމެއް ވަނީ ޤާއިމުކޮށްފައިވެއެވެ. ފުރާނައަށް ނުރައްކާވާ ހާލަތުގައި އަވަސް ފަރުވާދެވޭ އެންމެ ފުރިހަމަ އާލާތްތަކާއެކު، މި ރޫމް ތައްޔާރުކޮށްފައި ވަނީ ބޮޑެތި އިމަޖެންސީ ހާލަތްތަކަށް ޚާއްޞަ އިސްކަމެއް ދީގެންނެވެ.
އިމަޖެންސީ ރޫމުގެ ޚިދުމަތް ފުޅާކުރުމުގެ މަޝްރޫޢަކީ ސަރުކާރުން ކަނޑައަޅާފައިވާ ޞިއްޙީ ސިޔާސަތުތަކުގެ ތެރެއިން، ހުޅުމާލެ ހޮސްޕިޓަލް އިތުރަށް ތަރައްޤީކޮށް މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ފުރިހަމަ ޞިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކުރިއަށްގެންދިޔަ މަޝްރޫޢެއް ކަމަށް ސަރުކާރުން ވިދާޅުވިއެވެ.. މި މަޝްރޫޢު ނިމުމާއެކު ހުޅުމާލެ ހޮސްޕިޓަލްގެ އެމަރޖެންސީ ރޫމުގައި ފަރުވާދޭ އެނދުތަކުގެ އަދަދު ވަނީ ދެގުނަ ވެފައެވެ. ހުޅުމާލެ ހޮސްޕިޓަލުގެ އެމަރޖެންސީ ރޫމުގައި މިހާރު އެއްފަހަރާ 14 އެނދުގައި ބަލި މީހުން އެޑްމިޓްކޮށްގެން ފަރުވާ ދިނުމުގެ ޤާބިލްކަން ހުންނާނެކަމަށް ސަރުކާރުން ވިދާޅުވިއެވެ.
އީ.އާރު އިފްތިތާހުކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ހުޅުމާލެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމު ބައްލަވާލައްވާފައެވެ. އަދި އެވަގުތު ޚިދުމަތް ހޯދަމުންދިޔަ ފަރާތްތަކާއި އެ ހޮސްޕިޓަލުގެ މުވައްޒަފުންނާ ބައްދަލުކޮށްލައްވައި ވާހަކަފުޅު ދެއްކެވިއެވެ.
ރިއެކްޝަންސް






