
ރައީސް ތިލަފުށީގެ ކުނި މެނޭޖްކުރުމުގެ މަޝްރޫޢު ބައްލަވާލައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތިލަފުއްޓަށް ޒިޔާރަތްކުރައްވައި، ގްރޭޓަރ މާލެ އެންވަޔަރަންމަންޓް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް މަޝްރޫޢުގެ މަސައްކަތްތައް ބައްލަވާލައްވައިފިއެވެ.
މި ޒިޔާރަތުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް އޮފީހުން ވިދާޅުވި ގޮތުގައި މި މަޝްރޫޢުގެ އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުމެވެ. މަޝްރޫޢު ކުރިއަށްދަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއި ޖަޕާން ފަންޑް ފޮރ ޕަވަޓީ ރިޑަކްޝަންގެ އެހީގައި، ދިވެހި ސަރުކާރުގެ ޚަރަދުގައިކަމަށް އެ އޮފީހުން ވިދާޅުވިއެވެ.
ރައީސް އޮފީހުން ވިދާޅުވި ގޮތުގައި ތިލަފުށީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއަށް ގެނެވިފައިވާ ބަދަލުތަކުގެ ތެރޭގައި ދުވާލަކު 76 ބޭލްގެ ކުނި އުފެއްދުމާއި، 991 ކުނި ބޭލް އެހެން ސަރަހައްދަކަށް ބަދަލުކުރުން ހިމެނެއެވެ. އަދި ރިސޯޓްތަކުން އަންނަ އުޅަނދުފަހަރު ހުސްކުރުމަށް ހޭދަވާ ވަގުތު ކުޑަކުރެވި، ފެސިލިޓީގެ ސެކިއުރިޓީ ވަރުގަދަކުރެވިފައިވެއެވެ.
މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި، މާލެ ސަރަހައްދާއި އެހެނިހެން ރަށްރަށުން ކުނި ނެގުމާއި، ކުނި އުފުލައި ނައްތާލުން ޒަމާނީ ފެންވަރަށް ތަރައްޤީކުރުން ހިމެނިފައިވާއިރު، ދެވަނަ ފިޔަވަހީގައި ކުނިން ހަކަތަ އުފެއްދުމުގެ ޓެކްނޮލޮޖީ ތަޢާރަފުކޮށް، ދުވާލަކު 774 ޓަނުގެ ކުނީގެ މައްސަލައަށް ހައްލު ހޯދުމަށް ރޭވިފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ރައީސް އޮފީހުން ވިދާޅުވި ގޮތުގައި މި މަޝްރޫޢުތަކުގެ މަޤްޞަދަކީ ރާއްޖޭގެ ކުނި މެނޭޖްކުރުމާއި ތިމާވެށި ރައްކާތެރިކުރުމުގެ ގޮންޖެހުންތަކަށް ޙައްލު ހޯދައި، މޫސުމީ ކުއްލި ނުރައްކަލުގެ ހިރާސް ކުޑަކުރުމަށް މަސައްކަތްކުރުމެވެ.
ރިއެކްޝަންސް






