
ދުންފަތުގެ ވިޔަފާރިއަށް ލައިސަންސް ނެގުމުގެ ފުރުޞަތު ހުޅުވާލައިފި
ދުންފަތުގެ ވިޔަފާރިއަށް ލައިސަންސް ނެގުމުގެ ފުރުޞަތު ހެލްތު މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ. މިއީ "ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ އާންމު ގަވާއިދު" ގެ ދަށުން ހުޅުވާލި ފުރުޞަތެކެވެ.
މިނިސްޓްރީން ވިދާޅުވީ މި ގަވާއިދުގެ ދަށުން ހުޅުވާލާފައިވާ ލައިސަންސްތަކުގެ ތެރޭގައި ދުންފަތުގެ ބާވަތްތައް ވިއްކުމުގެ ލައިސަންސް، އިމްޕޯޓުކުރުމުގެ ލައިސަންސް، ރިއެކްސްޕޯޓުކުރުމުގެ ލައިސަންސް އަދި އައު ބާވަތްތައް ރަޖިސްޓްރީކުރުމުގެ ލައިސަންސް ހިމެނޭކަމަށެވެ. އަދި މި ލައިސަންސްތަކަށް އެދި ހުށަހަޅަންޖެހެނީ ވަންގަވް ޕޯޓަލް މެދުވެރިކޮށް ކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ.
ލައިސަންސްތައް ދޫކުރެވޭނީ ފަސް އަހަރު ދުވަހުގެ މުއްދަތައް ކަމަށާއި، ވިއްކުމުގެ ހުއްދައަށް 5,000 ރުފިޔާ އަދި އެހެނިހެން ހުއްދަތަކަށް 10,000 ރުފިޔާގެ ފީއެއް ދައްކަންޖެހޭނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. އަދި މިހާރު ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން ތިން މަސްދުވަހުގެ ތެރޭގައި ލައިސަންސް ނަގަންޖެހޭނެ ކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ.
ގަވާއިދާ ޚިލާފަށް ދުންފަތުގެ ބާވަތްތަކުގެ މުއާމަލާތްކޮށްފިނަމަ، ފުރަތަމަ ފަހަރު 50,000 ރުފިޔާއިން އަދި ތަކުރާރުކޮށްފިނަމަ 100,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ ކަމަށާއި، އަދި މި ގަވާއިދުގެ މަޤްޞަދަކީ ދުންފަތުގެ ވިޔަފާރި ހަރުދަނާކޮށް، ދުންފަތުގެ ބޭނުންކުރުން ކޮންޓްރޯލްކުރުން ކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ.
ރިއެކްޝަންސް






