
ފޮއްދޫ ބަނދަރުގެ އަމަލީ މަސައްކަތް ފަށައިފި
ދާއިރާގެ މެމްބަރުގެ އެއްބާރުލުމެއް ނުލިބޭ
ނ.ފޮއްދޫ ބަނދަރުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. ފޮއްދޫ ބަނދަރުގެ އަމަލީ މަސައްކަތް ފެށީ ރައީސުލްޖުމްހޫރިއްޔާ ނ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފޮއްދޫއަށް ވަޑައިގެންނެވު ދުވަހާ ދިމާކޮށެވެ.
390 ދުވަހުގެ ތެރޭގައި ނިންމަން ފޮއްދޫ ބަނދަރުގެ މަސައްކަތް ހަވާލުކުރީ އެމްޓީސީސީއާއެވެ. މިމަޝްރޫޢުގެ ދަށުން ބަނދަރު ފުންކޮށް 450 މީޓަރުގެ ކީވޯލް ޖެއްސުމާއި, ބޭރު ތޮށި ހެދުމާއި, ބަނދަރު ޕޭމަންޓާއި, މަގުބައްތި އަދި ނެރުބައްތި ޖަހާނެއެވެ. ބޭރުތޮއްށްޓާއި އިންވެގެން ޑިންގީ ފަދަ ކުދި އުޅަނދު އެޅުމަށް 150 މީޓަރުގެ ޖެޓީއެއްވެސް ހަދާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ވިދާޅުވިއެވެ. ގޮނޑުދޮށް ހިމާޔަތްކުރުންވެސް މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ. މިއީ 53 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވަނީ ފޮއްދޫއަށް ވަޑައިގެން އެރަށުގެ ތަރައްޤީއާ ގުޅޭ މުހިއްމު މަސައްކަތްތަކުގެ ޔަގީންކަން ދެއްވާފައެވެ. އެގޮތުން ފޮއްދޫ ކައިރީގައި އޮންނަ ހިމާޔަތްކުރެވިފައިވާ ފޮއްދިއްޕަރު ފަޅުގެ ނަފާ ކައުންސިލަށް ލިބޭނެގޮތަށް ކަންކަން ހަމަޖެއްސަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.
ރައީސް ވިދާޅުވީ، އެފަޅަކީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރމަންޓުން ހިމާޔަތްކޮށްފައިވާ މުހިންމު ތަނަކަށްވާތީ، މިނިސްޓްރީ އާއި ކައުންސިލް ގުޅިގެން ހަދާ މެނޭޖުމަންޓް ޕްލޭނެއްގެ ދަށުން އެފަޅު ބަލަހައްޓާ އަދި އެފަޅުން ކައުންސިލަށް އާމްދަނީ ލިބޭނެ ނިޒާމެއް އެގްރިމަންޓެއްގެ ދަށުން ހަމަޖައްސަވައިދެއްވާނެކަމަށެވެ.
މީގެ އިތުރުން ފޮއްދޫގައި އިމާރާތްކުރާ ޕޮލިސް ޕޯސްޓްގެ ބިންގާއަޅުއްވައި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ ވެސް މިއަދު ވަނީ އަޅާފައެވެ.
ޑޮކްޓަރީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ކަންކަން ހަމަޖައްސަވައިދެއްވައި، ޞިއްހީ މަރުކަޒުގެ އައު އިމާރާތް ނިމޭއިރު، ލެބޯޓްރީގެ ޚިދުމަތް އިތުރުކޮށް ޞިއްޙީ ދާއިރާއަށް ބޭނުންވާ ކަންކަން އިތުރަށް ފުރިހަމަވެ ކައިރި ހޮސްޕިޓަލްތަކަށް ދާންޖެހުން މަދުވެގެންދާނެ ގޮތަށް ކަންކަން ފުރިހަމަކޮށްދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެއާއެކު އެމަނިކުފާނު ވަނީ ފޮއްދޫ ހިމެނޭ ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އައްބާސްގެ ފަރާތުން ދާއިރާގެ ތަރައްޤީގެ ކަންކަމުގައި އެއްބާރުލެއްވުން ނުލިބޭކަމަށް ވިދާޅުވެފައެވެ.
ރިއެކްޝަންސް






