ޚަރަދުތައް ކުޑަކުރުމަށް ގިނަފިޔަވަޅުތަކެއް އެޅުމަށް ރައީސް ނިންމަވައިފި
ސިޔާސީ މަގާމުތައް މަދުކޮށް، މިނިވަންދުވަހުގެ ފުޅަނދުބުރާއި ރިސެޕްޝަން ވެސް މިއަހަރު ނުބޭއްވުމަށް ރައީސް ވަނީ ނިންމަވާފައި
ދައުލަތުގެ ކަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފި އެވެ.
އެކްސްގައި ބުރާސްފަތި ދުވަހު ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވީ، ސަރުކާރުގެ ރިކަރަންޓް ޚަރަދު ކުޑަކުރުމަށްޓަކައި އެކިއެކި ފިޔަވަޅުތައް އެޅުއްވުމަށް ނިންމަވާފައިވާ ކަމަށެވެ.
އެގޮތުން ރައީސް އަޅުއްވަން ނިންމަވާފައިވާ ކަންތައްތަކުގެތެރޭގައި، ސިޔާސީ މަގާމުތަކުގެ ޢަދަދު މަދުކުރުމާއި، އެކި މުނާސަބަތުތަކުގައި ބާއްވާ ޙަފްލާތަކަށް ކުރާ ޚަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭ ކަމަށެވެ.
"މިގޮތުން ކުރިޔަށްއޮތް މިނިވަން ދުވަހަށް ފުޅަނދުބުރާއި، ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށާއި ހަމައެކަނި މިނިވަން ދުވަސް ފާހަގަކުރުމަށް ޖަލްސާއެއް ބާއްވާ ޚަރަދުތައް އެތައް ގުނައެއްކުޑަކުރުމަށް ވާނީ ކަމާބެހޭ ފަރާތްތަކަށް އަންގަފައި." ރައީސް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައި ވެ އެވެ.
މީގެއިތުރުން ވެސް ގިނަ ފިޔަވަޅުތަކެއް ކުރިޔަށް އޮތް ދުވަސްތަކުގައި އެޅިގެންދާނެ ކަމަށް ރައީސް ވިދާޅުވެފައި ވެ އެވެ.
ރައީސްގެ މި ޕޯސްޓާއި ގުޅިގެން ވަރަށް ގިނަ ފަރާތްތަކުން ސޯޝަލްމީޑިއާގައި ، އެމަނިކުފާނުގެ އެނިންމެވުމަށް ތަޢުރީފް ކުރައްވައި މަރުޙަބާ ދަންނަވަމުން އެބަގެންދަވަ އެވެ. އެގޮތުން ފުވައްމުލަކު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ހުސެއިން (އިއްބެ) ވެސް ވަނީ ރައީސްގެ އެ ނިންމެވުމަށް ތަޢުރީފް ކުރައްވައި ޝުކުރު އަދާކުރައްވާފަ އެވެ.
އިއްބެ ވިދާޅުވީ، ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ރައީސް ތިޔަ ނިންމެވި ނިންމެވުމަކީ، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށްޓަކައި ނިންމެވި ނިންމެވުމެއްކަން ކަށަވަރު ކުރައްވާ ކަމަށެވެ.
ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ވޯލްޑް ބޭންކާއި އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ވެސް ވަނީ ސަރުކާރަށް ލަފާދެއްވާފަ އެވެ.
ރިއެކްޝަންސް