ފަރެސްމާތޮޑާއިން 18 ހެކްޓަރުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި
ގދ. ފަރެސްމާތޮޑާއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، އެ ރަށުން 18 ހެކްޓަރުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
ފަރެސްމާތޮޑާގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މި ބޮޑު މަޝްރޫއަކީ 142.6 މިލިއަން ރުފިޔާއަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއު އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައެވެ. މި މަޝްރޫއުގެ ދަށުން 18 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމުގެ އިތުރުން، ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް 620 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.
ކުރިން ވަކިން އޮތް ފަރެސް އަދި މާތޮޑާ އެއްފަސްކުރުމަށް މީގެކުރިންވެސް ބިން ހިއްކާފައިވީ ނަމަވެސް، ދެ ރަށް އެއްކޮށް ނުގުޅުވި ގާތްގަނޑަކަށް 15 ވަރަކަށް ހެކްޓަރުގެ ސަރަހައްދެއް އޮތީ ނުހިއްކައެވެ. އެހެންކަމުން، މިހާރު ފަށައިގެން ކުރިއަށްދާ މަޝްރޫއުގެ ދަށުން ހިއްކަމުން ދަނީ އެ ދެ ރަށް ދޭތެރޭގައި އޮތް ފަޅު ސަރަހައްދެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ސަރުކާރުން އެންމެ އިސްކަމެއް ދެއްވާ އެއް ދާއިރާއަކީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުން ކަމަށެވެ. އެގޮތުން ފަރެސްމާތޮޑާގެ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވުމަށާއި، ރަށުގައި އިގްތިސާދީ އެކި މަސައްކަތްތައް ފުޅާކުރުމަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އެ ރަށުގެ ބިން ހިއްކަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
އާބާދީގައި 2000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ފަރެސްމާތޮޑާއަކީ މިހާރު ޖުމްލަ 44 ހެކްޓަރުގެ ރަށެކެވެ. މި މަޝްރޫއު ނިމުމުން އެ ރަށުގެ ބިމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބި، ރަށުގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް އައު ދޮރުތަކެއް ހުޅުވިގެންދާނެއެވެ.
ރިއެކްޝަންސް





