އަންހެން ކުދިންނަށް ޚާއްސަކޮށްގެން ބާއްވާ ސެޓެލައިޓް ޕްރޮޖެކްޓުގައި ދިވެހި ދަރިވަރަކު ބައިވެރިވަނީ
ހަމައެކަނި އަންހެން ކުދިންނަށް ޚާއްޞަކޮށްގެން ދުނިޔޭގައި ފުރަތަމަ ފަހަރަށް ކުރިއަށްގެންދާ ހަނދު ސެޓެލައިޓް ޕްރޮޖެކްޓުގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހި ދަރިވަރަކަށް ލިބިއްޖެއެވެ.
ވިމެން އިން މެނޭޖްމަންޓް (ވިމް) އިން ހާމަކޮށްފައިވާ ގޮތުގައި، މި މަހުގެ 23 އިން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ "މިޝަން ޝާކްތީސެޓް" ގެ ދެވަނަ އެޑިޝަންގައި ރާއްޖެ ތަމްސީލުކުރާނީ އާމިނަތު ނޯޔާ ސަމީހުއެވެ.
"ސްޕޭސް ކިޑްސް އިންޑިއާ" ގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ "މިޝަން ޝާކްތީސެޓް" އަކީ 108 ޤައުމަކުން އުމުރުން 14 އަހަރާއި 18 އަހަރާ ދެމެދުގެ 12،000 އަންހެން ކުދިން ބައިވެރިވާ ބައިނަލްއަޤްވާމީ ބޮޑު ޕްރޮޖެކްޓެކެވެ. މި ޕްރޮގްރާމްގެ ފުރަތަމަ އެޑިޝަންގައި ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ އަދި މެތަމެޓިކްސް (ސްޓެމް) ގެ ދާއިރާތަކުން ތަޢުލީމު ފޯރުކޮށްދީފައިވާއިރު، މިފަހަރުގެ ދެވަނަ އެޑިޝަނަކީ ޓެކްނޮލޮޖީ އެއްކޮށްލައި، ސެޓެލައިޓް ރޭވުމާއި އުފެއްދުމުގެ ޢަމަލީ މަސައްކަތްތައް ކުރިއަށްގެންދާ މަރުޙަލާއެކެވެ.
މި މަހުގެ 23 އިން 31 އަށް އިންޑިއާގެ ގްރޭޓަރ ނޮއިޑާގައި ހުންނަ ގައުތަމް ޔުނިވަރސިޓީގައި ކުރިއަށްދާ މި ޙަރަކާތުގައި، ކޮންމެ ޤައުމަކުން ވެސް ބައިވެރިވަނީ ހޮވާލެވޭ އެއް ކުއްޖެކެވެ. އޮންލައިންކޮށް އުނގެނުމުގެ ބަޔަށްފަހު، މި ދަތުރުގައި އޮންނާނީ ސެޓެލައިޓްގެ ބައިތައް ޢަމަލީގޮތުން ގުޅުވައިލުމާއި މުހިންމު އާލާތްތައް ފަރުމާކޮށް މިޝަންއަށް ފުރިހަމައަށް ތައްޔާރުވުމުގެ މަސައްކަތްތަކެވެ.
ސައިންސާއި ކޮމްޕިއުޓަރ ޓެކްނޮލޮޖީއަށް ބޮޑު ޝައުޤުވެރިކަމެއް ހުންނަ ނޯޔާއަކީ މީގެކުރިންވެސް ރާއްޖެއާއި ބައިނަލްއަޤްވާމީ އެކި ފޯރަމްތަކުގައި ބައިވެރިވެ، ސައިބަރ ބުލީއާއި ސައިބަރ ސޭފްޓީއަށް ހޭލުންތެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ދަރިވަރެކެވެ.
މި ތާރީޚީ ދަތުރާ ގުޅޭގޮތުން ނޯޔާ ބުނީ، މި ތަޖުރިބާގެ ސަބަބުން އަމިއްލަ ނަފްސަށް އޮތް އިތުބާރު ބޮޑުވެ، ކުރެވިދާނެ ކަންކަމަށް ހުރަސްތަކެއް ނުބަހައްޓައި ބޮޑެތި އަމާޒުތަކަށް މަސައްކަތް ކުރުމުގެ ހިތްވަރު ލިބިގެން ގޮސްފައިވާ ކަމަށެވެ.
ވިމެން އިން މެނޭޖްމަންޓުން ވަނީ ނޯޔާ ހޯދި މި ފަޚުރުވެރި ކާމިޔާބީއަށް މަރުޙަބާ ކިޔައި، މިއީ ރާއްޖެއަށް ލިބުނު ބޮޑު ޝަރަފެއްގެ ގޮތުގައި ފާހަގަކޮށްފައެވެ. އަދި ނޯޔާގެ މި ކާމިޔާބީ ވެގެންދާނީ ރާއްޖޭގެ އެހެން އަންހެން ކުދިންނަށްވެސް ބޮޑެތި ހުވަފެންތައް ޙަޤީޤަތަކަށް ހެދުމަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރަކަށް ކަމަށް އެ ޖަމްޢިއްޔާއިން ބުނެއެވެ.
ރިއެކްޝަންސް





