ގދ. ގައްދޫގައި ޕާސްޕޯޓުގެ ޚިދުމަތް ދޭން ފަށައިފި
ސަރުކާރުގެ ޚިދުމަތްތައް ލާމަރުކަޒުކޮށް، ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ މަސައްކަތްޕުޅުގެ ދަށުން، ގދ. ގައްދޫގައި ޕާސްޕޯޓު ހެއްދުމުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، ގައްދޫގައި މި ޚިދުމަތް ތަޢާރަފުކުރުމާއެކު، މިހާރު ހުވަދު އަތޮޅު ދެކުނު ބުރީގެ ދެ ރަށަކުން ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެއެވެ. މީގެ ކުރިން އެ އަތޮޅުން މި ޚިދުމަތް ލިބެނީ ހަމައެކަނި ތިނަދޫ ސިޓީންނެވެ. އިމިގްރޭޝަނުން ބުނީ "އިމުގާ" ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓަށް ހުށަހަޅާއިރު، ޕާސްޕޯޓާ ހަވާލުވާ މަރުކަޒެއްގެ ގޮތުގައި މިހާރު ގައްދޫ އިޚްތިޔާރު ކުރެވޭނެ ކަމަށެވެ.
ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، އައިޑީ ކާޑާއި ޕާސްޕޯޓު ހެއްދުމުގެ ޚިދުމަތް މާލެއިން ބޭރުން ލިބެނީ ވަރަށް މަދު ރަށަކުންނެވެ. ނަމަވެސް، އެމަނިކުފާނުގެ ސަރުކާރުގެ އަމާޒަކީ މިފަދަ އަސާސީ ޚިދުމަތްތައް ރައްޔިތުން ދިރިއުޅޭ ރަށްރަށާ ގާތުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. އެގޮތުން މިހާރު ރާއްޖޭގެ ހުރިހާ އަތޮޅަކުންވެސް މި ޚިދުމަތްތައް ލިބޭނެ މަގު ވަނީ ފަހިކޮށްދީފައެވެ.
ޚިދުމަތްތައް ލާމަރުކަޒު ކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި ރަށްރަށުގައި ބޭންކް އޭޓީއެމްތައް ބެހެއްޓުމާއި، ސިއްހީ މަރުކަޒުތަކުގައި ލެބޯޓަރީގެ ޚިދުމަތް ތަޢާރަފުކުރުމާއި، އަތޮޅު ތެރޭގެ ހޮސްޕިޓާތަކުގެ ފެންވަރު މަތިކުރުމުގެ އިތުރުން ޔުނިވަރސިޓީތަކުގެ ކެމްޕަސްތައް ރަށްރަށުގައި ގާއިމުކުރުން ހިމެނެއެވެ.
މި ބަދަލާއެކު ގައްދޫއާއި އެ ސަރަހައްދުގެ ރަށްތަކުގެ ރައްޔިތުންނަށް ޕާސްޕޯޓުގެ ޚިދުމަތް ހޯދުމަށް ކުރަންޖެހޭ ދަތުރުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. ސަރުކާރުގެ މިފަދަ ނިންމުންތަކުގެ ބޭނުމަކީ ކޮންމެ ރައްޔިތަކަށްވެސް އެމީހަކު ދިރިއުޅޭ ރަށަކުން ނުވަތަ އެންމެ ކައިރި ރަށަކުން ސަރުކާރުގެ މުހިންމު ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ ގޮތް ހެދުމެވެ.
ރިއެކްޝަންސް





