ހުޅުމާލޭގެ 'އަމާން ދޯދި' ސަރަހައްދުން އެއްދުވަސް ތެރޭ 670 ޓަނުގެ ކުނި ނަގައިފި
ހުޅުމާލޭގައި ހުންނަ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ 'އަމާން ދޯދި' ޓަވަރުތައް ހިމެނޭ ސަރަހައްދު ސާފުކުރުމަށް މިއަދު ހިންގި ބޮޑު ހަރަކާތުގައި، އެ ސަރަހައްދުން އެކަނިވެސް 670 ޓަނުގެ ކުނި ނަގައިފިއެވެ.
މިއީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިސްނަގައިގެން، މަދިރި އާލާވާ ގޮތަށް ހުރި ތަންތަން ސާފުކޮށް ބަލިމަޑުކަމުން ރައްކާތެރިވުމަށް ފެށި 'މަދިރިން ރައްކާ' ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި ހަރަކާތުގައި އެފްޑީސީއާއި، ދިވެހި ފުލުހުންގެ ހިދުމަތުގެ އިތުރުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ވަނީ އަމަލީ ގޮތުން ބައިވެރިވެފައެވެ.
އެޗްޑީސީގެ ހެޑް އޮފް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން މަލްޝާ ޝަރީފް ވިދާޅުވި ގޮތުގައި، މިއަދު ނެގުނު 670 ޓަނުގެ ކުންޏަކީ ގާތްގަނޑަކަށް 450 އާއި 500 އާ ދެމެދުގެ އަދަދެއްގެ ކާރުގެ ބަރުދަނެވެ. އަދި ސާފުކުރުމުގެ މަސައްކަތް މުޅިން ނުނިމޭތީ، މާދަމާވެސް ޓީމުތަކުން އެ ސަރަހައްދުގައި ހަރަކާތްތެރިވާނެ ކަމަށާއި، މާދަމާގެ ނިޔަލަށް އެ ސަރަހައްދު އެއްކޮށް ސާފުކޮށް ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ހަރަކާތާ ގުޅޭގޮތުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ، "މަގޭ ހުޅުމާލެ" ޝިއާރުގެ ދަށުން އަމާޒަކީ އެންމެން ގުޅިގެން ސާފުތާހިރު މާހައުލެއް ބިނާކުރުން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި "އަމާން އުދަރެސް" ސަރަހައްދުގައި ކުޑަކުދިންނަށް ކުޅިވަރު ކުޅެވޭނެ އިންތިޒާމުތަކާއި، އާންމުންނަށް ހިތްފަސޭހަ މައިޒާންތައް ތަރައްގީކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މަދިރި މަދުކުރުމަށް ކުރިއަށްގެންދާ މި ކެމްޕޭނުގެ ދަށުން ސާފުކުރުމުގެ އިތުރުން ފޮގްކުރުމުގެ މަސައްކަތްތައްވެސް ދަނީ ކުރަމުންނެވެ. އަދި ކޮންމެ ހޮނިހިރު ދުވަހަކު ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފުކުރުމުގެ ހަރަކާތްތައް ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ މާލެ ސަރަހައްދާއި ރަށްރަށުގެ ސާފުތާހިރުކަން ދަމަހައްޓައި، ދިރިއުޅުމަށް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންނެވެ.
ރިއެކްޝަންސް





