ކޮމަންވެލްތާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖެއިން މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ޚާރިޖީ ވަޒީރު ދެއްވައިފި
ކޮމަންވެލްތާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ދެއްވައިފިއެވެ.
ވަޒީރު މި ޔަގީންކަން ދެއްވީ، އިނގިރޭސިވިލާތުގެ ލަންޑަނުގައި ހުންނަ ކޮމަންވެލްތުގެ މައި މަރުކަޒު ކަމަށްވާ މާލްބަރާ ހައުސްގައި، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޝާލީ އަޔޯކޯ ބޮޗްވޭއާއެކު ބޭއްވެވި ރަސްމީ ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރު އިރުތިޝާމް ވަނީ، ކޮމަންވެލްތާއެކު އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށާއި، ދެފަރާތުން އިސްކަންދޭ މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރު ކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެ ކަމަށް ވިދާޅުވެފައެވެ. މިއީ ބައިނަލްއަޤުވާމީ ގުޅުންތައް ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބޭއްވި މުހިންމު ބައްދަލުވުމެެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޝާލީ ބޮޗްވޭ ސޯޝަލް މީޑިއާގައި ވިދާޅުވީ، ކޮމަންވެލްތުގެ އާއިލާގެ ތެރޭގައި ކުދި ޖަޒީރާ ޤައުމުތަކުގެ ޙައްޤުތަކަށް އިސްކަންދޭ ކަންކަމުގައި ރާއްޖެއިން އަދާކުރާ އިސް ދައުރާއި ބާއްވާ ގާތް ގުޅުން އުފަލާއެކު ބަލައިގަންނަ ކަމަށެވެ.
"ކޮމަންވެލްތުގެ އާއިލާގެ ތެރޭގައި ކުދި ދައުލަތްތަކާއި ޖަޒީރާ ޤައުމުތަކުގެ އިސްކަންދޭ ކަންކަމުގައި ވަކާލާތު ކުރުމުގައި ރާއްޖެއިން ދައްކުވައިދޭ އިސްނެގުމާއި ބާއްވާ ގާތް ގުޅުން އަޅުގަނޑުމެން އުފަލާއެކު ފާހަގަކުރަން،" ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.
މީގެ އިތުރުން ސެކްރެޓަރީ ޖެނެރަލް ވަނީ، މާލްބަރާ ހައުސްއިން ވަޒީރު އިރުތިޝާމަށް މަރުހަބާ ދެންނެވުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށާއި، މި ބައްދަލުވުމުގެ ސަބަބުން ކުރިއަށް އޮތްތަނުގައި ކޮމަންވެލްތާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށް ވިދާޅުވެފައެވެ.
56 މެންބަރު ޤައުމުގެ މައްޗަށް އެކުލެވިގެންވާ ކޮމަންވެލްތާ ރާއްޖެއިން އަލުން ގުޅުނު ފަހުން، އެ ޖަމާއަތާއެކު ތަފާތު ދާއިރާތަކުން އަންނަނީ ގާތުން މަސައްކަތް ކުރަމުންނެވެ. ވަކިން ޚާއްސަކޮށް، ބައިނަލްއަޤުވާމީ މައިދާނުގައި ކުދި ޖަޒީރާ ޤައުމުތަކުގެ މަސްލަހަތު ޙިމާޔަތް ކުރުމުގައި ރާއްޖެއިން ދަނީ އިސް ދައުރެއް އަދާކުރަމުންނެވެ.
ރިއެކްޝަންސް





