ފެނަކައިން ކުރިއަށްގެންދާ ގިނަ މަޝްރޫއުތަކެއް މިއަހަރުގެ ނިޔަލަށް ނިންމާލުމަށް އަމާޒު ހިފައިފި
ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ ތަރައްގީގެ ގިނަ މަޝްރޫއުތައް މިއަހަރުގެ ނިޔަލަށް އެއްކޮށް ނިންމާލުމަށް ބާރުސްޕީޑުގައި މަސައްކަތް ކުރަމުންދާކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް ހުސައިން ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އެމްޑީ އަފީފް ވިދާޅުވީ، އޭނާ މަގާމާ ހަވާލުވިއިރު ކުންފުނީގެ މާލީ ނިޒާމާއި ހިންގުން ވަރަށް ދަށު ދަރަޖައެއްގައި އޮތުމުގެ ސަބަބުން މަޝްރޫއުތައް ކުރިއަށްގެންދިއުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވި ކަމަށެވެ. އެހެންނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުންފުނީގެ އޮނިގަނޑު އިސްލާހުކޮށް، ހިންގުން ހަރުދަނާކުރުމަށްޓަކައި މިހާރު ގިނަ ބަދަލުތަކެއް ގެންނަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
ފެނަކައިން ރަށްރަށުގައި ފޯރުކޮށްދޭ ކަރަންޓާއި، ފެނާއި، ނަރުދަމާގެ އަސާސީ ހިދުމަތްތަކުގެ އިތުރުން، ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުގެ ދަށުން ހިންގާ ގިނަ މަޝްރޫއުތަކެއް އެ ކުންފުންޏާ ވަނީ ހަވާލުކޮށްފައެވެ. އެގޮތުން ރާއްޖޭގެ 35 ރަށެއްގައި ޖުމްލަ 48 މަޝްރޫއެއްގެ މަސައްކަތް މިހާރުވެސް ހިނގަމުންދާކަމަށް އަފީފް ވިދާޅުވިއެވެ. މީގެ ތެރެއިން 6 ރަށެއްގެ މަޝްރޫއުތައް މިހާރު އެއްކޮށް ނިމިފައިވާއިރު، އިތުރު 6 ރަށެއްގެ މަސައްކަތްތައް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ.
މި މަޝްރޫއުތަކުގެ ތެރޭގައި އަސާސީ ހިދުމަތްތަކުގެ އިތުރުން ބައެއް ރަށްރަށުގެ ޕޮލިސް ޕޯސްޓުތަކާއި، ސްކޫލްތަކުގެ އިމާރާތްތަކާއި އަދި ހޮސްޕިޓަލްތަކުގެ ބިނާކުރުމުގެ މަސައްކަތްތައްވެސް ހިމެނެއެވެ.
މަޝްރޫއުތައް ނިންމުމަށް ރާވާފައިވާ ތާވަލާ ގުޅޭގޮތުން ތަފްސީލު ދެއްވަމުން އެމްޑީ ވިދާޅުވީ، ބައެއް މަޝްރޫއުތަކުގެ މަސައްކަތްތައް ކުރިއަށް އޮތް 3 ނުވަތަ 4 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. އަދި ބޮޑުބައި މިއަހަރުގެ ނިޔަލަށް ނުވަތަ އެންމެ ލަސްވެގެން އަންނަ 2027 ވަނަ އަހަރުގެ ޖެނުއަރީގެ ނިޔަލަށް ނިންމުމަށް އަމާޒުހިފާފައިވާކަމަށް ވިދާޅުވިއެވެ. ނަމަވެސް ބައެއް މަޝްރޫއުތަކުގެ ބާވަތުން އިތުރު އަހަރެއްހާ ދުވަސް ނަގާފާނެ ކަމަށްވެސް އޭނާ ލަފާކުރެއްވިއެވެ.
"ބައެއް މަޝްރޫއުތައް އެ މަޝްރޫއުތަކުގެ ބާވަތުގެ ގޮތުން އަދި އަހަރެއްހާ ދުވަސް ނަގާފާނެ. އެކަމަކު ގިނަ މަސައްކަތްތައް މިއަހަރުގެ ނިޔަލަށް ނުވަތަ އަންނައަހަރުގެ ޖެނުއަރީގެ ނިޔަލަށް ނިންމޭތޯ އަޅުގަނޑުމެން މިދަނީ މަސައްކަތްކުރަމުން،" އަފީފް ވިދާޅުވިއެވެ.
ރަށްރަށުގައި މަޝްރޫއުތައް ކުރިއަށްގެންދާއިރު، މަސައްކަތަށް ބޭނުންވާ މާއްދީ ތަކެއްޗާއި ސާމާނު ލޮޖިސްޓިކްސްގެ ތެރެއިން ފޯރުކޮށްދިނުމުގައްޔާއި، މަސައްކަތްތައް ހިންގާނެ ފަންނީ އަދި ގާބިލު މުވައްޒަފުން ހޯދުމުގައި ދަތިތަކަކާ ކުރިމަތިވަމުންދާކަން ފެނަކައިން ފާހަގަކުރެއެވެ. އެހެންނަމަވެސް، ރައްޔިތުންނަށް ދޭ ހިދުމަތުގެ ފެންވަރު މަތިކޮށް، މަޝްރޫއުތައް އަވަހަށް ނިންމުމަށް މުޅި ފެނަކަ ޓީމުން އަންނަނީ ހާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރަމުންނެވެ.
ރިއެކްޝަންސް





