ރާއްޖެއަށް މިހާރު ބޭނުންވަނީ އިޖުތިމާއީ އަދި އަހުލާގީ ބޮޑު އިސްލާހެއް: މިނިސްޓަރު އިހުސާން

ރާއްޖެއަށް މިހާރު ބޭނުންވަނީ އިޖުތިމާއީ އަދި އަހުލާގީ ބޮޑު އިސްލާހެއް: މިނިސްޓަރު އިހުސާން

4 hours ago - 23:40

ދިވެހި މުޖުތަމައުގެ އަހުލާގީ ފެންވަރު އިންތިހާއަށް ދަށަށް ގޮސްފައިވާ ކަމަށާއި، ރާއްޖެއަށް މިހާރު ބޭނުންވަނީ ހަމައެކަނި އިގުތިސާދީ ނުވަތަ ސިޔާސީ އިސްލާހެއް ނޫން ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދިވެހި މުޖުތަމައުގައި މިހާރު ހިނގަމުންދާ ނޭދެވޭ ކަންކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.


އިހުސާން ވިދާޅުވި ގޮތުގައި، ދިވެހިރާއްޖެ މިހާރު ބަދަލުވެފައިވަނީ ކުށްވެރިންނަށް ތައުރީފުކޮށް، ހުތުރު ބަސްމަގު ކުރިއަރުވައި، އަދި ރިވެތި އަހުލާގަށް ފުރައްސާރަކުރާ ގައުމަކަށެވެ. މިގޮތުން، ކޯޓުގެ ހުރުމަތް ކަނޑައިގެން ޖަލަށްލާ މީހުންނަކީ ގައުމީ ބަތަލުންގެ ގޮތުގައި ދެކެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. މިއީ މުޖުތަމައުގެ ވިސްނުން ހުރިގޮތް ދައްކުވައިދޭ ކަމެއް ކަމަށާއި، ކުށްކުރާ ފަރާތްތަކަށް މުޖުތަމައުގެ ތެރެއިން ލިބެންޖެހޭ ނިކަމެތިކަމުގެ ބަދަލުގައި ލިބެމުންދަނީ މަޝްހޫރުކަން ކަމަށް އޭނާ ވިދާޅުވިއެވެ.


ގައުމަށް ދިމާވެފައިވާ ހިތާމަވެރި ހާލަތްތައް ސިޔާސީކުރަމުންދާ މިންވަރަށް އަލިއަޅުއްވާލައްވަމުން، އިހުސާން ވިދާޅުވީ، ބޭރުގެ ޑައިވަރުންތަކެއްގެ ހަށިގަނޑު ހޯދުމުގެ މަސައްކަތުގައި އުޅެނިކޮށް ގައުމަށްޓަކައި ފުރާނަ ގުރުބާންކުރި ސިފައިންގެ މީހެއްގެ މަރުގެ ހާދިސާގެ ހަގީގަތް ނުހޯދެނީސް، އެކަން ސިޔާސީ ހަތިޔާރަކަށް ހަދައި، މުއައްސަސާތަކަށް އަމާޒުކޮށް ފާޑުކިޔުންތައް އަމާޒުކޮށްފައިވާކަމަށެވެ. ގައުމީ ހިދުމަތުގައި ފުރާނަ ދޫކޮށްލާ ފަރާތްތަކަށް ހައްގުވާ އިހުތިރާމް ދިނުމުގެ ބަދަލުގައި، އެފަދަ ހާދިސާތައްވެސް ސިޔާސީ ފައިދާ ހޯދުމަށް ބޭނުންކުރުމަކީ ހިތާމަހުރި ކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.


މީގެ އިތުރުން، މިނިސްޓަރު ވިދާޅުވީ، ގައުމީ ގަދަ ދިހައެއްގައި އެއްވަނަ ހޯއްދަވައި، ޕީއެޗްޑީ ހާސިލުކުރައްވައި، ހަތް އަހަރު މިނިސްޓަރުކަން ކުރައްވައި، އަދި ރައްޔިތުންގެ ވޯޓުން ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އިންތިހާބުކޮށްފައިވާ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުންނާއި ދަރިންނަށް އަމާޒުކޮށް މެދުކެނޑުމެއްނެތި ދޮގު ވާހަކަތައް ފަތުރައި، އަބުރު ކަތިލަމުންދާކަމަށެވެ. މިފަދަ އަމަލުތައް ހިންގަނީ މުޖުތަމައަށް އެއްވެސް ފައިދާހުރި ކަމެއް ކޮށްދީފައިނުވާ ބައެއްކަން ފާހަގަކުރައްވައި، މިއީ ގައުމަށް ހިދުމަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ބަދަލުގައި އެފަރާތްތައް ނިކަމެތިކޮށްލުމަށް ހިންގޭ ފިނޑި އަމަލުތަކެއްކަމަށް އޭނާ ސިފަކުރެއްވިއެވެ.


މީސްމީޑިއާގެ ނުފޫޒާއި ނޫސްވެރިކަމުގެ ނަމުގައި ހިންގާ އަމަލުތަކަށްވެސް އިހުސާން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެއްވެސް ތައުލީމީ ފެންވަރެއް، އަހުލާގީ މިންގަނޑެއް އަދި އިތުބާރެއް ނެތް މީސްމީޑިއާގެ އިންފްލުއެންސަރުންނާއި ކުއްލިއަކަށް ނޫސްވެރިންނަށް ވެގެން އުޅޭ މީހުން، ރައްޔިތުން އިންތިހާބުކޮށްފައިވާ ދުސްތޫރީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށްވުރެ މޮޅުކަމަށް ދެކޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހިޔާލު ފާޅުކުރުމަށްވުރެ ހުތުރު ބަސްތައް ބޭނުންކުރުން އާންމުވެ، އަޑުގަދަކުރުމަކީ މޮޅުކަން ކަމުގައި ދެކޭ މުޖުތަމައުއަކަށް ރާއްޖެ ވެފައިވާކަމަށާއި، ގައުމީ ބަހުސްތަކުގައި އެންމެ އަޑުގަދަކޮށް އިވެނީ އެންމެ ހުތުރު ބަސްމަގު ބޭނުންކުރާ މީހުންގެ އަޑުކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.


މިނިސްޓަރު އިތުރަށް ވިދާޅުވީ ކޮންމެ ރެޔަކު ޓީވީތަކުން ގައުމުގެ ވެރިންނަށް ފުރައްސާރަކޮށް އަބުރު ކަތިލާ މަންޒަރު މައިންބަފައިންނާއެކު ކުދިން ބަލަން ތިބޭއިރު، އެ ނުބައި އާދަތައް ސްކޫލުތަކަށް ގެންގޮސް އެހެން ކުދިންނަށް ބުލީކުރަމުންދާކަމަށެވެ. މީގެ އިތުރުން، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަކީ މަޝްހޫރު މީހުންނަށްވެ، ގޭންގު ކަލްޗަރަކީ ފެޝަނަކަށް ވެފައިވާކަމަށާއި، ތައުލީމާއި އަހުލާގަށްވުރެ ގޯސް ނަން ހޯދުމަކީ މުހިންމު ކަމެއްކަމަށް ޒުވާނުންނަށް ގަބޫލުކުރެވެން ފަށާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.


ގައުމުގެ ތަރައްގީއަށް ހުރަސްއެޅޭ ސަބަބުތައް ބަޔާންކުރައްވަމުން، ތައުލީމީ ގާބިލު މީހުން ގައުމު ދޫކޮށްދާން މަޖުބޫރުވެ، އޭގެ ބަދަލުގައި ޖާހިލުކަމާއި ބޮޑާކަމަށް ތަރުހީބު ލިބެމުންދާކަމަށް އިހުސާން ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ މިހާރު ހަމައެކަނި ސިޔާސީ މައްސަލައެއް ނޫނެވެ. މިއީ އަހުލާގީ ގޮތުން މުޖުތަމައު ފަސާދަވެ، އިހުތިރާމާއި ބޭއިހުތިރާމް، ތެދު މައުލޫމާތާއި ޕްރޮޕެގެންޑާ ވަކިކުރަން ނޭނގޭ ހިސާބަށް މުޖުތަމައު ބަލިކަށިވެފައިވާކަމުގެ ހެއްކެކެވެ. އެހެންކަމުން، ރާއްޖެއަށް މިހާރު އެންމެ ބޮޑަށް ބޭނުންވަނީ މުޅި މުޖުތަމައުގެ އަހުލާގީ އަދި އިޖުތިމާއީ ފެންވަރު އަލުން ބައްޓަންކުރުން ކަމަށް މިނިސްޓަރު ވަނީ ތަކުރާރުކުރައްވާފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow