އީޔޫގެ ގަވާއިދުތަކާ ޚިލާފުވުމުން 'ޓެމޫ' 232 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ޗައިނާގެ މަޝްހޫރު އޮންލައިން ރީޓެއިލާ "ޓެމޫ" އިން ނުރައްކާތެރި ކުޑަކުދިންގެ ކުޅޭ އެއްޗިއްސާއި ފެންވަރު ދަށް ޗާޖަރު ފަދަ ތަކެތި ވިއްކި މައްސަލާގައި، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އެ ކުންފުނި 232 މިލިއަން ޑޮލަރުން (200 މިލިއަން ޔޫރޯ) ޖޫރިމަނާކޮށްފިއެވެ.
ޔޫރަޕިއަން ކޮމިޝަނުން ހާމަކުރި ގޮތުގައި، މި ފިޔަވަޅު އަޅާފައިވަނީ ޓެމޫގެ ޕްލެޓްފޯމުގައި ވިއްކާ ތަކެތީގެ ސަބަބުން ކަސްޓަމަރުންނަށް ލިބިދާނެ ގެއްލުންތަކާއި ނުރައްކާތައް ދެނެގަނެ، އެކަންކަން ވަޒަންކުރުމުގައި އެ ކުންފުނިން އިހުމާލުވެފައިވާތީއެވެ. އީޔޫގެ ގާނޫނުތަކުގެ ދަށުން 'ވެރީ ލާޖް އޮންލައިން ޕްލެޓްފޯމް' އެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޓެމޫގެ މަސައްކަތްތައް 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ދިޔައީ ތަހުގީގު ކުރަމުންނެވެ.
މި ތަހުގީގުގެ ތެރެއިން މިނިވަން އިދާރާއަކުން ކުރިއަށްގެންދިޔަ 'މިސްޓްރީ ޝޮޕިންގް' ހަރަކާތްތަކުން ފާހަގަވި ގޮތުގައި، ޓެމޫ މެދުވެރިކޮށް ގަނެފައިވާ ޗާޖަރުތަކުގެ ބޮޑު އިންސައްތައެއް ވަނީ ކަރަންޓުގެ ރައްކާތެރިކަމުގެ މިންގަނޑުތަކުން ފޭލްވެފައެވެ. މީގެ އިތުރުން، ކުޑަކުދިންގެ ކުޅޭ އެއްޗިހީގައި މަނާ ކެމިކަލްތައް ހުރުމާއި، ކުޑަކުދިން ކޮށި އަރާފާނެ ފަދަ ކުދި ބައިތައް ހިމެނޭކަން ވެސް ވަނީ ފާހަގަކުރެވިފައެވެ.
އީޔޫގެ ޓެކް ކޮމިޝަނަރު ހެނާ ވިރްކޫނަން ވިދާޅުވި ގޮތުގައި، މި ނިންމުމަކީ ޓެމޫއަށް ދެވުނު ވަރުގަދަ އިންޒާރެކެވެ. މި ޖޫރިމަނާގެ އިތުރުން، ފާހަގަކުރެވުނު މައްސަލަތައް ހައްލުކުރުމަށް ކުރާނެ މަސައްކަތުގެ ޕްލޭނެއް އަންނަ އޮގަސްޓް މަހުގެ 28 ގެ ކުރިން ހުށަހެޅުމަށް ޓެމޫއަށް ވަނީ އަންގާފައެވެ.
މި މައްސަލައާ ގުޅިގެން ޓެމޫގެ ތަރުޖަމާނަކު ވިދާޅުވީ، ޔޫރަޕިއަން ކޮމިޝަނުގެ ނިންމުމާ އެ ކުންފުނިން އެއްބަސްނުވާ ކަމަށާއި، ޖޫރިމަނާގެ އަދަދު އެކަށީގެންވާ ވަރަށް ވުރެ ބޮޑު ކަމަށެވެ. އަދި މިހާރު އެ ކުންފުނީގެ ނިޒާމުތައް ކުރިއަށްވުރެ ހަރުދަނާކޮށްފައިވާނެ ކަމަށް ވެސް ޓެމޫއިން ބުނެފައިވެއެވެ.
މިއީ އީޔޫގެ ޑިޖިޓަލް ސާވިސަސް އެކްޓްގެ ދަށުން ކުންފުންޏަކަށް ދިން ދެވަނަ ބޮޑު ޖޫރިމަނާއެވެ. މީގެ ކުރިން މިދިޔަ ޑިސެމްބަރު މަހު އެލޮން މަސްކްގެ 'އެކްސް' ޕްލެޓްފޯމް ވަނީ 120 މިލިއަން ޔޫރޯ އިން ޖޫރިމަނާކޮށްފައެވެ.
ރިއެކްޝަންސް





