އެޑިޔުކޭޝަނަލް އެކްސެލަންސް ސެންޓަރުތަކުގައި "ވެލްބީން ޔުނިޓް" ގާއިމުކުރަނީ

އެޑިޔުކޭޝަނަލް އެކްސެލަންސް ސެންޓަރުތަކުގައި "ވެލްބީން ޔުނިޓް" ގާއިމުކުރަނީ

5 hours ago - 14:50
Advertisement
Advertisement

ދަރިވަރުންނާއި މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި، ރާއްޖޭގެ 20 އެޑިޔުކޭޝަނަލް އެކްސެލަންސް ސެންޓަރެއްގައި "ވެލްބީން ޔުނިޓް" ތަކެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ތައުލީމީ ވުޒާރާއިން ފަށައިފިއެވެ.


މި މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި، ސްކޫލް ވެލްބީންގ ޔުނިޓްތައް ގާއިމުކޮށް، އެ ތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ބޭނުންވާ ލަފާދޭނެ ނޭޝަނަލް ކޮންސަލްޓަންޓެއް ހޯދުމަށް އެ ވުޒާރާއިން މިހާރު ވަނީ އިއުލާންކޮށްފައެވެ. މި ކޮންސަލްޓަންޓްގެ އެހީގައި ޔުނިޓްތައް އުފެއްދުމުގެ މަސައްކަތް ހަރުދަނާކޮށް، މަސައްކަތް ކުރެވޭނެ ފަސޭހަ މަގުތަކެއް ފަހިވެގެންދާނެ ކަމަށް ތައުލީމީ ވުޒާރާއިން ބުނެއެވެ.


ތައުލީމީ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ޔުނިޓްތަކުގެ މައިގަނޑު ބޭނުމަކީ ދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލުތަކެއް ގެނެސް، ނަފްސާނީ ދުޅަހެޔޮކަމަށް ދަރިވަރުންނާއި ޓީޗަރުން ހޭލުންތެރިކުރުވުމެވެ. އަދި ސްކޫލްތަކަކީ ހަމައެކަނި ފޮތީގެ ތައުލީމު އުނގަންނައިދޭ ތަނަކަށް ވުމުގެ ބަދަލުގައި، ދިރިއުޅުމުގެ މުހިންމު ހުނަރުތަކާއި ދުޅަހެޔޮ ދިރިއުޅުމެއް އާދަކޮށްދޭ ތަނަކަށް ހެދުމެވެ. ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަތަކުގައި ބައެއް ފަރާތްތަކުން އަދިވެސް ފަސްޖެހޭތީ، މި މަސައްކަތް ކުރިއަށް ގެންދާނީ ނާޒުކު އަދި ރޭވުންތެރި ގޮތެއްގައިކަން އެ ވުޒާރާއިން ފާހަގަކުރެއެވެ.


މި މަޝްރޫއަކީ އެ ވުޒާރާއިން ކުރިއަށް ގެންދާ "ސިސްޓަމް ޓްރާންސްފޯމޭޝަން ގްރާންޓް" ގެ ދަށުން ހިންގާ މަސައްކަތެކެވެ. މީގެ ދަށުން:

ދަރިވަރުންނަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުން.
މައިންޑްފުލްނެސް ޕްރެކްޓިސް ކުރުމަށް ޚާއްޞަ ޖާގަތަކެއް ސްކޫލްތަކުގައި ހެދުން.
އުނދަގޫތައް ތަހައްމަލުކުރާ ދަރިވަރުންނާއި ޓީޗަރުންނަށް އެހީވާނެ "އިން-ސްކޫލް ރެފަރަލް މެކޭނިޒަމް" އެއް ގާއިމުކުރުން ހިމެނެއެވެ.

މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ ކޮންމެ އަތޮޅެއްގައި ގާއިމުކޮށްފައިވާ "ސެންޓާ ފޯ އެޑިއުކޭޝަނަލް އެކްސެލެންސް" ތަކުގެ ތެރެއިންނެވެ. މި ސެންޓަރުތަކުގައި ގާއިމުކުރާ ވެލްބީންގ ސަޕޯޓް ޔުނިޓްތަކުގައި، ނަފްސާނީ ބަލިތަކަށް ފަރުވާދޭ ޤާބިލު ޕްރޮފެޝަނަލުން މަސައްކަތް ކުރާނެއެވެ. އެ ބޭފުޅުން ސްކޫލްތަކުގެ ޔުނިޓްތަކަށް ބޭނުންވާ އިރުޝާދާއި ޓެކްނިކަލް ސަޕޯޓް ފޯރުކޮށްދޭނެއެވެ.


މީގެ އިތުރުން، މި ސެންޓަރުތަކަށް ބޭނުންވާ ސާމާނު ހޯދުމަށްވެސް ތައުލީމީ ވުޒާރާއިން މިހާރު ވަނީ އިއުލާންކޮށްފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ތައުލީމީ ދާއިރާގެ ފެންވަރު މަތިކޮށް، ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ދެއްވާ އަހަންމިއްޔަތު ހާމަވެގެންދާ މުހިންމު ފިޔަވަޅެކެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement