ދިފާޢީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ރާއްޖެއާއި ސަޢޫދީން މަޝްވަރާކޮށްފި

ދިފާޢީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ރާއްޖެއާއި ސަޢޫދީން މަޝްވަރާކޮށްފި

1 hour ago - 19:39
Advertisement
Advertisement

ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު ދިފާޢީ ދާއިރާއިން ޤާއިމްކޮށްފައިވާ އުޚުއްވަތްތެރި ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ދެ ޤައުމުން މިއަދު މަޝްވަރާކޮށްފިއެވެ.


މި މަޝްވަރާކުރުންތައް ކުރިއަށްދިޔައީ ސަޢޫދީ ޢަރަބިއްޔާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދުގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައެވެ.


ދިފާޢީ ވުޒާރާގައި ބޭއްވުނު މި ބައްދަލުވުމާ ގުޅޭގޮތުން އެ ވުޒާރާއިން ބުނީ، އިސްލާމީ އުޚުއްވަތްތެރިކަމުގެ ބަދަހި ގުޅުމެއް އޮތް މި ދެ ޤައުމުގެ ދެމެދުގައި، ދިފާޢީ ދާއިރާއިން މިހާރުވެސް އޮތް ގުޅުންތައް އިތުރު ހަރުފަތަކަށް ގެންދިއުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވި ކަމަށެވެ.


މި ބައްދަލުވުމުގައި ދިފާޢީ ވަޒީރު ޙަސަން ރަޝީދު ވަނީ ދިވެހިރާއްޖޭގެ ދިފާޢީ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް ސަޢޫދީ ސަރުކާރުން މެދުނުކެނޑި ދެއްވަމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާފައެވެ. އަދި އެކަމަށްޓަކައި ސަޢޫދީ ސަރުކާރާއި ރަސްގެފާނަށް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.


ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއަކީ އަބަދުވެސް ދީނީ އަދި ސަޤާފީ ގޮތުން ގާތް ގުޅުމެއް ބާއްވަމުން އަންނަ ދެ ޤައުމެވެ. މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ދަށުން، އިސްލާމީ ޤައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުންނެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement