ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް މުޙައްމަދު ޢަފީފް ޢައްޔަންކޮށްފި
ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް މުޙައްމަދު ޢަފީފް ޙުސައިން މިއަދު ޢައްޔަންކުރައްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މި މަޤާމަށް ޢައްޔަންކުރައްވާފައިވަނީ މއ. ވޭސްސައިޑް، 304 ފްލެޓް، މުޙައްމަދު ޢަފީފް އެވެ. މުޙައްމަދު ޢަފީފަކީ ތަޢުލީމީ ގޮތުންނާއި ތަޖުރިބާގެ ގޮތުން ބަލާއިރު މި ދާއިރާއަށް ނުހަނު ޤާބިލު ބޭފުޅެކެވެ. އެގޮތުން އޭނާއަކީ ޝަރީޢާގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ސިންގަޕޫރު މެނޭޖްމަންޓް ޔުނިވަރސިޓީން ބޯޑް އެގްޒެކެޓިވް ސެޓްފިކެޓް އިން ޑައިރެކްޓަރޝިޕް ފުރިހަމަކުރައްވައި، ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއިން ޑިޕްލޮމާވެސް ވަނީ ހާސިލުކުރައްވާފައެވެ. އަދި އޭނާއަކީ 'ބެލެންސްޑް ސްކޯކާޑް' އާއި 'ރިސްކް މެނޭޖްމަންޓް' ފަދަ އިދާރީ ހިންގުމުގެ ފަންނީ ދާއިރާތަކުންވެސް ސަނަދު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
ދައުލަތަށް ޚިދުމަތް ކުރެއްވުމުގައި 40 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ ޢަފީފް ވަނީ ސަރުކާރުގެ އެކި މިނިސްޓްރީތަކުގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުތައް ފުރުއްވާފައެވެ. ޚާއްޞަކޮށް ޕަބްލިކް ވޯކްސް، ހައުސިންގ އަދި ކޯޕަރޭޓް ޑިޕާޓްމަންޓްތަކުގައި އޭނާ ވަނީ އުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ހިންގުމުގައި އިސް ދައުރެއް އަދާކުރައްވާފައެވެ.
ފެނަކައިގެ އެމްޑީގެ މަޤާމަށް ޢައްޔަންކުރެއްވުމުގެ ކުރިން ޢަފީފް ހުންނެވީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (MTCC) ގެ ޗެއާމަންގެ މަޤާމުގައެވެ. މީގެ ކުރިން އޭނާ ވަނީ ސްޓެލްކޯ އަދި ފެނަކައިގެ ޗެއާމަންކަންވެސް ކުރައްވާފައެވެ. މަސައްކަތުގެ ދާއިރާއަށް އެންމެ ފުރަތަމަ ފެނާއި ނަރުދަމާގެ ޚިދުމަތުގެ ތެރެއިން ވެދެވަޑައިގަތް ޢަފީފަކީ، ރާއްޖޭގެ ކަރަންޓާއި އުމްރާނީ ތަރައްޤީގެ ދާއިރާއިން ފާހަގަކޮށްލެވޭ ފަދަ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އޭނާ ފެނަކައިގެ ހިންގުމާ ހަވާލުވެވަޑައިގަތުމަކީ އެ ކުންފުނީގެ ޚިދުމަތްތައް ހަރުދަނާކޮށް ކުރިއެރުވުމަށް ލިބިގެންދާނެ ބޮޑު ބާރެއް ކަމަށް ބެލެވެއެވެ.
ރިއެކްޝަންސް





