އިސްރަށްވެހިންނަކީ ޤައުމެއްގެ އެންމެ ހަރުދަނާ ތަނބުތައް: މެޑަމް ސާޖިދާ
ކޮންމެ ޤައުމެއްގައި ވެސް އިސްރަށްވެހިންނަކީ، އެ ޤައުމެއް މިއަދު އޮތް ހިސާބަށް ގެނެސްދިނުމުގައި އެންމެ ބޮޑު ޤުރުބާނީއެއް ވީ ފަރާތްތައް ކަމަށާ، އެ ޤައުމަކަށް ދިމާވި ކޮންމެ ބޮޑު ކަމެއްގައި އެންމެ ބޮޑެތި ބުރަތައް އުފުލައި، އަދި އެ ޤައުމު ބިނާކުރާނެ ޒުވާން ޖީލުތައް ތަރުބިއްޔަތުކޮށް، ޚިދުމަތުގެ މައިދާނަށް ހަދިޔާކުރި، އެންމެ ހަރުދަނާ ތަނބުތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވެފައިވަނީ، ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ޙަފުލާ ޝަރަފުވެރި ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިޙަފުލާ ބާއްވާފައި ވަނީ، މިއަދު ހެނދުނު ކާށިދޫގައި ހުންނަ، ކ. އަތޮޅު މަދަރުސާގައެވެ. މި ޙަފުލާއަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަޑައިގެންނެވުމުން، އެކަމަނާއަށް މަރުޙަބާ ދެންނެވީ، ޞިއްޙަތާއި ޢާއިލާއާއި، އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީއެވެ.
އެކަމަނާގެ ވާހަކަ ފުޅުގައި، ނަފުސާނީ ދުޅަހެޔޮކަމަކީ ކޮންމެ އިންސާނަކަށް ވެސް މުހިންމު ބަހާއެއް ކަމުން، ވަކިން ޚާއްޞަކޮށް އިސްރަށްވެހިންގެ ނަފުސާނީ ދުޅަހެޔޮ ކަމަށް ބޮޑު އަހަންމިއްޔަތެއް ދޭން ޖެހޭ ކަން ފާހަގަ ކުރެއްވިއެވެ. ހަމަ މިޔާއެކު، އިސްރަށްވެހިންނަށް ކަމޭހިތުމަކީ، މާތްވެގެންވާ އިސްލާމްދީނުގައި ވެސް ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާކަމެއް ކަމަށާ، އިސްރަށްވެހިންނަށް ޤަދަރުކޮށް، ކަމޭ ހިތައި، އެހީތެރިކަމާއި މަދަދުވެރިކަން ދިނުމަށާ، އިސްރަށްވެހިންގެ ރައްކާތެރިކަމާ ބެހޭ ހުރިހާ ދާއިރާއަކަށް، އަޅުގަނޑުމެން ޚާއްޞަ ފަރުވާތެރިކަމެއް ބަހައްޓަން ޖެހޭކަމުގައި އެކަމަނާ ވިދާޅުވިއެވެ.
އެކަމަނާ އިތުރަށް ވިދާޅުވީ، ފާއިތުވެ މިދާ ދެތިން އަހަރުތެރޭގައި، އިސްރަށްވެހިންގެ މަރުކަޒުތައް ހުޅުވެމުންދާ ކަމަށާ، އެތަންތާނގައި ހިންގާ ހަރަކާތްތަކުގެ ސަބަބުން، އިސްރަށްވެހިންގެ އެކަނިވެރިކަން ފިލައި، ނަފްސާނީ ދުޅަހެޔޮކަމަށް ހެޔޮބަދަލު އަންނަމުންދާނެ ކަމުގައެވެ. އަދި، ކުރިޔަށް އޮތް ތާނގައި އެ މަރުކަޒުތަކުގެ ދައުރު އިތުރަށް ފުޅާވަމުންދާނެކަމުގެ ޔަޤީންކަންވެސް އެކަމަނާ ދެއްވިއެވެ.
މި ރަސްމިއްޔާތުގައި، ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ކަސްރަތުގެ ޙަރަކާތާ، ދުވަހުގެ މުނާސަބަތުގައި ކުރިޔަށް ގެންދެވުނު "އިސްރަށްވެހިންގެ ސައްލާ" ގައި އެކަމަނާ ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މިޙަރަކާތްތަކުގައި ބައިވެރިވި ފަރާތްތަކާއެކު ނެގުނު ފޮޓޯގައިވެސް އެކަމަނާ ބައިވެރިވެ ވަޑައިގަތެވެ.
ރިއެކްޝަންސް





