ކެޕިޓަލް މާކެޓް ހަރުދަނާކުރަން އެމްއެސްއީއިން 5 އަހަރުގެ ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލައިފި
ރާއްޖޭގެ ކެޕިޓަލް މާކެޓްގެ އިންފްރާސްޓްރަކްޗާ މިހާރަށް ވުރެ ހަރުދަނާކޮށް، ވިޔަފާރިތަކަށާއި އިންވެސްޓަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމުގެ މަގްސަދުގައި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖު (އެމްއެސްއީ) އާއި ސެންޓްރަލް ސެކިއުރިޓީޒް ޑިޕޮސިޓަރީ (އެމްއެސްޑީ) ގުޅިގެން 2026 އިން 2030 އަށް އަމާޒުކޮށް 5 އަހަރުގެ ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލައިފިއެވެ.
މި ސްޓްރެޓެޖިކް ޕްލޭނުގެ މައިގަނޑު އަމާޒަކީ ދިވެހި ވިޔަފާރިތަކާއި އިންވެސްޓަރުންގެ އިތުރުން، ދިވެހިރާއްޖޭގެ ގައުމީ ތަރައްގީގެ ލަނޑުދަނޑިތައް ދުރުރާސްތާގެ އިންވެސްޓްމެންޓު ސްޓްރެޓެޖީތަކާ ގުޅުވައިދިނުމެވެ. މި ޕްލޭނުގައި، އެމްއެސްއީން ގާއިމުކޮށްގެން ހިންގާ ރާއްޖޭގެ ކެޕިޓަލް މާކެޓް އިންފްރާސްޓްރަކްޗާއިން އަދާކުރެވިދާނެ މުހިންމު ދައުރު ވަނީ ތަފްސީލުކޮށް ބަޔާންކޮށްފައެވެ.
އެމްއެސްއީ އަކީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ލައިސަންސް ދޫކޮށްފައިވާ، ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ސެކިއުރިޓީޒް ލިސްޓުކޮށް ސެކަންޑަރީ މާކެޓުގައި ވިއްކުމުގެ ހުއްދަ އޮންނަ މައި އޮޕަރޭޓަރެވެ. އަދި އެ ކުންފުނީގެ ސަބްސިޑަރީ ކުންފުނި ކަމަށްވާ އެމްއެސްޑީ އަކީ ސެކިއުރިޓީތައް ގަނެވިއްކުމުގެ މުއާމަލާތްތަކަށް ބޭނުންވާ ސެންޓްރަލް ޑިޕޮސިޓަރީގެ ހިދުމަތާއި، ކްލިއަރިން އަދި ސެޓްލްމަންޓުގެ މަސައްކަތްތައް ފުރިހަމަކުރާ މައި އިދާރާއެވެ.
ރާއްޖޭގެ މާލީ އަދި އިގްތިސާދީ ހާލަތު ތަފާތު ގޮންޖެހުންތަކާ ކުރިމަތިލަމުންދާ މިފަދަ ނާޒުކު ދަނޑިވަޅެއްގައި، ބޭންކު ލޯނު ފަދަ ދަރަނީގެ ވަސީލަތްތަކަށް އެކަނި ބަރޯސާވުމުގެ ބަދަލުގައި އެހެނިހެން މާލީ ވަސީލަތްތައް ބޭނުންކުރެވޭނެ މަގު ފަހިކުރުމަކީ މި ޕްލޭނުގެ މުހިންމު ބައެކެވެ. އެގޮތުން އިކުއިޓީ، ކޯޕަރޭޓް ބޮންޑު، ސުކޫކް އަދި މާކެޓް-ބޭސްޑް އެހެނިހެން ސެކިއުރިޓީޒްތައް ބޭނުންކުރުމުގެ ފުރުސަތު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަސޭހަކަމާއެކު ލިބިގެންދިއުމަކީ އެމްއެސްއީގެ މެދު ރާސްތާގެ އަމާޒެކެވެ.
މި އަމާޒަށް ވާސިލުވުމަށްޓަކައި، ކުންފުނިތައް ލިސްޓުކުރުމަށް އެކަށީގެންވޭތޯ ބެލުމަށާއި، ގަވާނަންސް، ފައިނޭންޝަލް ރިޕޯޓިން، ޑިސްކްލޯޝާ އަދި އިންވެސްޓަރުންނާ މުއާމަލާތްކުރުން ހަރުދަނާކުރުމަށް އެހީތެރިވުމުގެ ގޮތުން "އިޝުއާ-ރެޑިނަސް" ޕްރޮގްރާމްތަކެއް ތައާރަފުކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް (އެމްއެސްއެމްއީ) އަމާޒުކޮށް، ޕްރައިވެޓް މާކެޓުގެ ތެރެއިން "ގްރޯތް ބޯޑު" ތައާރަފްކުރުމަށް ވެސް ވަނީ ރާވާފައެވެ.
އަދި ސީއެމްޑީއޭއާ ގުޅިގެން އެމްއެސްއެމްއީ ނޯޓްސް، ގެސްޓްހައުސް ބޮންޑު އަދި ލީސިން-ބެކްޑް ސެކިއުރިޓީޒް ފަދަ އައު މާލީ ވަސީލަތްތައް ބާޒާރަށް ނެރުމަށް ވަނީ ހަމަޖެހިފައެވެ.
ކެޕިޓަލް މާކެޓް ކުރިއެރުވުމަށް އެންމެ ބޮޑު ފުރުސަތެއް އޮތް އެއް ދާއިރާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއެވެ. ނަމަވެސް، މިހާތަނަށް ޑޮމެސްޓިކް ކެޕިޓަލް މާކެޓުގައި ފަތުރުވެރިކަމުގެ ވިޔަފާރިތަކުގެ ބައިވެރިވުން ވަރަށް ކުޑައެވެ. އެހެންކަމުން، އެމްއެސްއީގެ އައު ސްޓްރެޓެޖިކް ޕްލޭންގެ ދަށުން، ފަތުރުވެރިކަމަކީ ކުރިމަގުގައި އެންމެ ބޮޑަށް އިސްކަންދޭނެ އެއް ދާއިރާގެ ގޮތުގައި ކަނޑައަޅައި، 2027 ވަނަ އަހަރުގެ ނިޔަލަށް އެ ދާއިރާއިން "އެންކަރ ލިސްޓިން" އެއް ހިއްސާގެ ބާޒާރަށް ގެނައުމަށް ވަނީ އަމާޒު ހިފާފައެވެ.
ރިއެކްޝަންސް





