އަމާޒަކީ ދެ ހަފްތާ ތެރޭގައި މަސްވެރިން ކިރާ މަހަށް ފައިސާ ދިނުން: މިނިސްޓަރު ޝިޔާމް
ފިޝަރީޒް މިނިސްޓަރ ޝިޔާމް

އަމާޒަކީ ދެ ހަފްތާ ތެރޭގައި މަސްވެރިން ކިރާ މަހަށް ފައިސާ ދިނުން: މިނިސްޓަރު ޝިޔާމް

2 months ago - 18:05

ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހުރި މިންވަރަށް ބެލުމަށްފަހު މިފްކޯއިން މަސް ގަންނަން ފެށުމުން، މިހާރުގެ އަމާޒަކީ މަސްވެރިން ކިރާ މަހަށް ދެ ހަފްތާގެ ތެރޭގައި ފައިސާ ދިނުން ކަމުގައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، ޝިޔާމް މިއަދު ވިދާޅުވި، ރިޔާސީ އިންތިޚާބުގައި ވަޢުދުވި ގޮތަށް 48 ގަޑިއިރު ތެރޭގައި މަސްވެރިން ކިރާ މަހަށް ފައިސާ ނުދެވެނީ، މިފްކޯގެ ޙާލަތު މިވަގުތު ހުރިގޮތުން ކަމަށާއި ނަމަވެސް ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހުރި މިންވަރަށް ބެލުމަށްފަހު މިފްކޯއިން މަސް ގަންނަން ފެށުމުން، މިހާރު އަމާޒު ހިފާފައި ވަނީ މަސްވެރިން ކިރުވާ މަހަށް ދެ ހަފުތާގެތެރޭގައި ފައިސާ ދިނުމަށް ކަމަށެވެ.

"ފުރަތަމަ ކަމަކަށް މިފްކޯގެ ކޭޝްފްލޯއެއް ވެސް އޮވެގެން އެ ހިސާބަށް (48 ގަޑީއިރުތެރޭގައި ފައިސާ) ދެވޭނީ. މިފްކޯއަށް ކޭޝްފްލޯއެއް ގެނެވޭނީ މިފްކޯއަކީ ބްރޭކްއީވަންގައި ހިންގޭ ކުންފުންޏަކަށް ހެދިގެން،" ޝިޔާމް ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ އަމާޒަކީ ދެ ހަފްތާ ތެރޭގައި މަސްވެރިން ކިރާ މަހަށް މިވަގުތު މިގެނެވުނު ބަދަލާއެކީ ފައިސާ ދިނުން."

މިއަދުގެ ނޫސްވެރިންގެ މި ބައްދަލުވުމުގައި މިފްކޯގެ ޗީފް ފައިނޭންޝަލް އޮފިސަރު އިލްޔާސް ހަނީފު ވިދާޅުވީ، މިފްކޯއަށް މިއަދުން ފެށިގެން މަސްގަތުމުގައި ގެނައި ބަދަލާގުޅިގެން، ސަރުކާރުން ސަބްސިޑީއަށް ކުރާ ހޭދަ ވެސް ވަރަށް ބޮޑަށް ކުޑަވެގެން ދާނެ ކަމަށެވެ.

އޭނާ ތަފްސީލްކޮށް ދެއްވަމުން ވިދާޅުވީ، ކުރިން 16ރ.، 17ރ.އަށް މަސް ގަންނަމުންދިޔައިރު އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 250 މިލިއަން ރުފިޔާ ސަބްސިޑީއަށް ބޭނުންވާ ކަމަށާއި  އެގޮތުން މިހާރު ވެސް ގާތްގަނޑަކަށް އެހާވަރުގެ އަދަދެއް ބޭނުންވާނެ ކަމަށެވެ.

"އެކަމަކު މި އަހަރުގެ މިހާތަނަށް އައިއިރު 25ރ. އާއި 20ރ.އާ ދެމެދުގެ އަގުތަކެއްގައި މަސް ގަންނަމުން އައީ. އެހެންވީމަ  ހަމަ ވަރަށް ބޮޑު އަދަދެއް ސަރުކާރުން ސަބްސިޑީގެ ގޮތުގައި މިފްކޯއަށް ހަރަދުކުރަން ޖެހޭނެ،" އިލްޔާސް ވިދާޅުވި އެވެ.

ސަބްސިޑީއާ ބެހޭގޮތުން މިނިސްޓަރ ޝިޔާމް ވިދާޅުވީ،  20ރ.ގެ މަގުން މަސް ގަންނަ ނަމަ ވެސް، ސަރުކާރުން މިފްކޯއަށް ސަބްސިޑީގެ ގޮތުގައި އަހަރަކު 560 މިލިއަން ރުފިޔާ ދޭން ޖެހޭ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ދައުލަތުގެ އާމްދަނީ މިހާރު ހުރިގޮތުންނާއި ކުރަން ޖެހޭ ހޭދަ، އޭގެ ތެރޭގައި ލޯން ރީޕޭމަންޓުތަކާއި އިތުރު ހޭދަތައް ވެސް ހުރުމުން އެވަރުގެ ސަބްސިޑީއެއް ދިނުމަކީ މިވަގުތު ދަތި ކަމެއްކަމަށެވެ.

"އެއީ މި ބަދަލު ގެނައުމުގެ އެއް ބޭނުމަކީ. އަނެއް ބޭނުމަކީ ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރުން،" ޝިޔާމް ވިދާޅުވި އެވެ.

ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހުރިގޮތް ބެލުމަށް ފަހު، މިފްކޯއިން މިހާރު ނިންމާފައި ވަނީ މިއަދުން ފެށިގެން ކޮންމެ ހަފްތާއަކު، އެކުންފުނިން މަސް ގަންނާނެ އަގު ކަނޑައަޅާއި އިޢުލާން ކުރާގޮތަށެވެ. އެގޮތުން މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް މިފްކޯއިން މިހަފުތާގައި މަސް ގަންނަން ކަނޑައެޅި އަގަކީ  ކިލޯއެއް 16ރ. އަށެވެ.

މިފްކޯއިން މަސްގަންނަ އަގު ކަނޑައަޅަނީ، ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހުރި މިންވަރަށާއި މަސް އެކްސްޕޯޓު ކުރަން ހިނގާނެ ހަރަދަށް ބެލުމަށް ފަހު އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow