މިއަދުން ފެށިގެން މަސްގަންނާނީ ދުނިޔޭގެ މަހުގެ ބާޒާރުގެ އަގަށް ބަލައިގެން: މިފްކޯ
މަސްވެރިންނަށް ނުދެވިހުރި ހުރިހާ ފައިސާއެއް މިއަދުގެ ނިޔަލަށްދީ ޚަލާސްކުރަނީ
މިއަދުން ފެށިގެން، ސަރުކާރު މަސް ކުންފުނި މިފްކޯއިން މަސް ގަންނަ އަގު ކުޑަކޮށް، ބާޒާރުގެ އަގަށް ފައްތަން ނިންމާފައިވާ ކަން އެ ކުންފުނިން ހާމަކޮށްފި އެވެ.
މިފްކޯއިން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، މަސްވެރިން އަތުން ގަންނަ މަހަށް ގަވައިދުން އަގު ދެވޭނެ ގޮތަށް މިފްކޯގެ ސިޔާސަތު ބަދަލުކޮށްފައިވާ ކަމަށާއި، ނަމަވެސް މިހާތަނަށް މަސްވެރިންނަށް ނުދެވި ހުރި ފައިސާ އެކުންފުނިން އިއްޔެގެ ނިޔަލަށް ދައްކާ ހަލާކޮށްފައިވާ ކަމުގަ އެވެ.
"1 ޖުލައި [މިއަދު]އިން ފެށިގެން މިފްކޯއިން މަސްވެރިން އަތުން މަސް ގަންނަމުން ދާނީ ބައިނަލްއަގްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނޭ ހަރަދުތަކަށް ބަލައި ކޮންމެ ހަފްތާއަކު ކަނޑައަޅާ އަގައްގަ އެވެ. މި އަގު ކޮންމެ ހަފްތާއަކު އާއްމުކޮށް މިފްކޯއިން އިޢުލާންކުރަމުންގެންދާނެ އެވެ،" މިފްކޯގެ ބަޔާނުގައި ބުނެފައިވެ އެވެ.
މިފްކޯގެ ބަޔާނުގައިވާ ގޮތުގައި އެ ކުންފުންޏަށް ކިރުވާފައިވާ މަހަށް މިހާތަނަށް ދައްކަން ޖެހިފައިވާ ފައިސާ ސަރުކާރާއި އެ ކުންފުންޏާ ގުޅިގެން މިއަދު ދައްކާ ހަލާސްކުރާނެ އެވެ. އެގޮތުން، މިއަދު ދޫކުރާ ފައިސާ ހިމަނައިގެން މި އަހަރުގެ މިހާތަނަށް އައިއިރު ސަރުކާރުން 353 މިލިއަން ރުފިޔާ ވަނީ މަސްވެރިންނަށް ދީފައި ވާކަމުގަ އެވެ. އޭގެ އިތުރުން ކުންފުނީގެ އާމްދަނީން މަސްވެރިންނަށް އިތުރު 389 މިލިއަން ރުފިޔާ ދޫކުރި ކަމަށް ވެސް އެބަޔާނުގައި އޮތެވެ. ތެލާއި އައިސްއަށް ދީފައިވާ ކުރެޑިޓު ހިމެނޭހެން 831 މިލިއަން ރުފިޔާ މި އަހަރު ވަނީ މަސްވެރިންނަށް ދީފައި ކަމަށް ވެސް ބަޔާނުގައި އޮތެވެ.
މަސްވެރިން މަސްބާނަނީ: މިއަދުގެ ނިޔަލަށް މަސްވެރިންނަށް ނުދެވިހުރި ފައިސާ ދީ ޚަލާސް ކުރަނީ.
މިފްކޯއިން ބައިނަލްއަގްވާމީ ބާޒާރުގައި މަސް ވިއްކުމަށް ފަހު ލިބޭ އާމްދަނީއަށް ވުރެ މަސްވެރިންގެ އަތުން ގަންނަ މަހަށް ދައްކަން ޖެހޭ ފައިސާ އާއި މަސް ގަނެ، ޕްރޮސެސްކޮށް، ވިއްކުމަށް ހިނގާ ޚަރަދު ބޮޑު ތަނުން އިތުރުވާތީ ކުންފުންޏަށް އިތުރަށް ބޭނުންވާ ފައިސާ މިހާތަނަށް ހަމަޖައްސާފައިވަނީ ލޯނު ނަގައިގެންނާއި ސަރުކާރުގެ އެހީގައި ކަމަށް ކުންފުނީގެ ހާލަތު ކިޔައިދެމުން މިފްކޯއިން ބުނެފައިވެ އެވެ.
މިފްކޯއިން ބުނީ މާކެޓުގެ އަގަށް ރިއާޔަތްނުކޮށް މަސްވެރިންގެ އަތުން މަސް ގަނެ ޕްރޮސެސްކޮށް އެކްސްޕޯޓުކުރުމަކީ މާލީ ގޮތުން ދެމެހެއްޓެނިވި ގޮތެއް ނޫން ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން މިފްކޯއިން ބުނެފައި ވަނީ، ގެއްލުމަކާ ނުލާ އެ ކުންފުންޏަށް މަސް ގެނެވޭނެ އަގަކީ، 12ރ. ކަމަށެވެ. ނަމަވެސް ސަރުކާރުން ސަބްސިޑައިޒް ކުރާ ގޮތަަށް، އެކުންފުނިން މަސްގަންނާނީ އެއަށް ވުރެ ބޮޑުކޮށް ކަމުގަ އެވެ.
މިފްކޯއިން ބުނީ، މިސާލަކަށް މި އެއްބަސްވެނީ، މިފްކޯއަށް މާކެޓްގައި ހުރި އަގަށް ބަލާއިރު، މަސް ގަނެވޭނީ 18ރ. ނޫނީ 16ރ. އަށް ކަމަށާއި، އެހެން ނަމަވެސް ސަރުކާރުން ސަބްސިޑައިޒް ކުރާ ގޮތަަށް، ސަރުކާރުން ބާކީ ބައި ލާ ގޮތަށް 20ރ.އަށް އަގު ހިފަހެއްޓިދާނެ ކަމުގަ އެވެ.
މިފްކޯއިން ބުނީ އެކުންފުނިން މަސައްކަތް ކުރާނީ، މިފްކޯއަށް ވެސް އަދި މަސްވެރިންނަށް ވެސް އިންސާވެރި އަގެއް ލިބޭނެ ގޮތެއް ހޯދުމަށް، ކޮންމެ ހަފްތާއަކު މަސްގަންނަ އަގުތައް ޝާއިއުކުރަމުން ގެންދިއުމަށް ކަމަށެވެ.
މާލީ ބޮޑެތި މައްސަލަތަކެއްގެ ތެރޭގައި އޮތް މިފްކޯއިން މިހާތަނަށް މަސް ގަންނަމުން އައީ ބޭރުގެ ބާޒާރުގައި ހުރި އަގަށްވުރެ ބޮޑުކޮށް، ކިލޯއެއް 20ރ.ގެ ރޭޓުންނެވެ. ރިޔާސީ ކެމްޕެއިން ތެރޭ ކުރީގެ ސަރުކާރުން މަހުގެ އަގު 25ރ.އަށް ހެދި ނަމަވެސް، މި ސަރުކާރުން މަސްގަންނަ އަގު ވަނީ 20ރ.އަށް މިދިޔަ ފެބްރުއަރީ މަހު ތިރިކޮށްފަ އެވެ.
މިފްކޯގެ އެފިޝަންސީ އިތުރުކޮށް، އާމްދަނީ އިތުރުކުރެވޭނެ އިތުރު ގޮތްގޮތް ބަލައި، ހަރަދުތައް ކުޑަކުރުމަށް ހަރުދަނާ ފިޔަވަޅުތައް ސަރުކާރުގެ ކަމާ ގުޅޭ ވުޒާރާތަކާ ގުޅިގެން އަޅަމުންދާނެ ކަމަށް ވެސް އެ ބަޔާނުގައި އޮތެވެ.
މިފްކޯގެ މި ނިންމުން މިއައީ ކުންފުންޏަށް މާލީ ވަރަށް ބޮޑެތި މައްސަލަތަކެއް ވެސް ދިމާވެފައިވާ ދަނޑިވަޅެއްގަ އެވެ. މިފްކޯއަށް ނުގަނެވޭ އަގެއްގައި މަސް ގަންނަން އެ ކުންފުންޏަށް ފައިސާ ދޭން ޖެހެނީ ސަރުކާރުންނެވެ. އެކަމަކު ސަރުކާރުގެ މާލީ ހާލަތު ދަށްކަމުން އެ ފައިސާ ބަރާބަރަށް ނުދެވި، މަސްވެރިންގެ ޝަކުވާ އަބަދު އޮންނަނީ ބޮޑުވެފަ އެވެ.
މިފްކޯއަށް ސަރުކާރުން ދޭ އެތައް ސަތޭކަ މިލިއަން ރުފިޔާގެ ސަބްސިޑީ ކަނޑާލަން ޖެހޭ ވަރަށް ދައުލަތުގެ މާލީ ހާލަތު ދަށްކަމަށް، ސަރުކާރުގެ ވެރިން އެއްބަސްވެ އެވެ. އެހެންކަމުން މިފްކޯގެ މި ނިންމުން މިއައީ ސަރުކާރުގެ ހަރަދު ކުޑަކުރަން މިހާރު އަޅަމުން އަންނަ ފިޔަވަޅުތަކުގެ ބައެއްގެ ގޮތުންކަން ފާހަގަކުރެވެ އެވެ.
ރިއެކްޝަންސް