މިޞްރުގެ ހައިވޭގައި ތެޔޮ ޓޭންކަރެއް އެކްސިޑެންޓްވެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
މިޞްރުގެ ޤާހިރާގެ ހައިވޭއެއްގައި ތެޔޮ ޓޭންކަރެއް އެކްސިޑެންޓްވެ ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާއާއި ގުޅިގެން، މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙް އަލް ސީސީއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މި ހިތާމަވެރި އަލިފާނުގެ ހާދިސާގައި، ގިނަ ބައެއްގެ އަގުހުރި ފުރާނަ ގެއްލި، އެތައް ބަޔަކަށް އަނިޔާވެ، ބޮޑެތި ގެއްލުންތަކެއް ލިބުނު ޚަބަރު އެމަނިކުފާނު އެއްސެވީ ފުން ހިތާމައާއި ކަންބޮޑުވެވަޑައިގެންނެވުމާއި އެކުގައި ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނުގެ މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، މިޞްރުގެ ރައީސަށާއި، އެ ޤައުމުގެ ސަރުކާރާއި، އަޚުވަންތަ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ.
މި ހާދިސާގައި އަނިޔާވި ފަރާތްތަކަށް އަވަސް ޝިފާއެއް ދެއްވުމަށާއި، މީހުން ސަލާމަތްކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާރު ކުރަމުންދާ މަސައްކަތްތައް ކާމިޔާބުކަމާއެކު ނިމިގެންދިއުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ދުޢާކުރައްވާފައިވެއެވެ.
ރިއެކްޝަންސް





