ވިލިމާލެއިން ހައްޔަރުކުރި ފިލްމީ ތަރިން ކަމަށްވާ އަޒޭ، ޖުމާ އަދި ރޯމަން މަސްތުވާތަކެތި ބޭނުންކުރި ކަމަށް އިއުތިރާފުވެއްޖެ

ވިލިމާލެއިން ހައްޔަރުކުރި ފިލްމީ ތަރިން ކަމަށްވާ އަޒޭ، ޖުމާ އަދި ރޯމަން މަސްތުވާތަކެތި ބޭނުންކުރި ކަމަށް އިއުތިރާފުވެއްޖެ

42 minutes ago - 20:36
Advertisement
Advertisement

ވިލިމާލޭގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު އަތުލައިގަތް މަގުބޫލު ފިލްމީ ތަރިން ކަމަށްވާ އަހްމަދު އަޒްމީލް (އަޒޭ)، އިސްމާއިލް ޖުމައިހް (ޖުމާ) އަދި މުޙައްމަދު ވިޝާލް (ރޯމަން) ޝަރީއަތުގެ މަޖިލީހުގައި މަސްތުވާތަކެތި ބޭނުންކުރި ކަމަށް އިއުތިރާފުވެއްޖެއެވެ.


މިދިޔަ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހު ފުލުހުން ވިލިމާލޭގައި ހިންގި މި އޮޕަރޭޝަނުގައި މި ތިން ތަރިންގެ އިތުރުން ދެން ހައްޔަރުކޮށްފައިވަނީ އަޒޭގެ ކޮއްކޮ، ޝާހިލް މުޙައްމަދެވެ. ނަމަވެސް ޝާހިލްގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ތަފްސީލެއް އަދި މިހާތަނަށް ސާފުވާގޮތެއް ނުވެއެވެ.


ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށްދިޔަ އަޑުއެހުމުގައި އަޒޭ، ޖުމާ އަދި ރޯމަން ވަނީ އެމީހުންގެ މައްޗަށް ކުރެވޭ ކުށުގެ ދައުވާތަކަށް އިއުތިރާފުވެފައެވެ. މި މައްސަލައިގައި އަޒޭގެ މައްޗަށް އުފުލާފައިވަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ޖަދުވަލު އެކެއްގައި ބަޔާންކޮށްފައިވާ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ. އަދި ރޯމަންގެ މައްޗަށް އުފުލާފައިވަނީ ކެނަބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.


މީގެއިތުރުން، ފިލްމީ ތަރި ޖުމާގެ މައްޗަށް މަސްތުވާތަކެތީގެ އިތުރު އެއްވެސް މައްސަލައެއްގެ ރެކޯޑެއް ނެތުމުން، އޭނާއާއެކު ނަސޭހަތުގެ އެއްބަސްވުމެއް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ވަނީ ކޯޓުގައި ހާމަކޮށްފައެވެ.
ދައުލަތުން މިއަދުގެ އަޑުއެހުމުގައި އެދިފައިވަނީ، އަޒޭއާއި ރޯމަންގެ މައްސަލަ ޑްރަގް ކޯޓަށް ފޮނުވައި، ފަރުވާގެ ނިޒާމުގެ ތެރެއަށް ވެއްދުމަށްޓަކައި، ކްރިމިނަލް ކޯޓުގައި އެ ދެ މީހުންގެ މައްޗަށް މިހާރު އުފުލާފައިވާ ޖިނާއީ ދައުވާތައް އަނބުރާ ގެންދިއުމުގެ ހުއްދައަކަށެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement