ރޮހިންޖާ މުސްލިމުންނަށް އިންސާފު ހޯދައިދޭން އައިސީޖޭއިން ކުރި ހުކުމަށް ރާއްޖެއިން ތާއީދުކޮށްފި

ރޮހިންޖާ މުސްލިމުންނަށް އިންސާފު ހޯދައިދޭން އައިސީޖޭއިން ކުރި ހުކުމަށް ރާއްޖެއިން ތާއީދުކޮށްފި

5 hours ago - 10:46
Advertisement
Advertisement

ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް މިޔަންމާ ސިފައިން ހިންގި ލާއިންސާނީ ޖަރީމާތަކަކީ ގަތުލުއާންމެއް ކަމަށާއި، އޭގެ ފުރިހަމަ ޒިންމާ ދައުލަތެއްގެ ހައިސިއްޔަތުން މިޔަންމާއިން އުފުލަންޖެހޭނެ ކަމަށް ބައިނަލްއަގުވާމީ އަދުލުގެ ކޯޓު (އައިސީޖޭ) އިން ކުރި ތާރީހީ ހުކުމަށް ދިވެހިރާއްޖެއިން މަރުހަބާ ކިޔައިފިއެވެ.

މި ހުކުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ތެރެއިން އިންސާނީ ކަރާމާތް ރައްކާތެރިކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވަނީ ވިދާޅުވެފައެވެ.

ގެމްބިއާއިން ހުށަހެޅި މި މައްސަލައިގައި ކޯޓުން ނިންމި ނިންމުމަކީ އައިސީޖޭގެ ތާރީހުގައިވެސް ގަތުލުއާންމެއްގެ ޒިންމާ ސީދާ ދައުލަތަކުން ނަގަންޖެހޭނެ ކަމަށް ކަނޑައެޅި ފުރަތަމަ ފަހަރެވެ. ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވަނީ 2017 ވަނަ އަހަރު މިޔަންމާގެ އުތުރު ރަކީން ސްޓޭޓްގައި އެ ގައުމުގެ ސަލާމަތީ ބާރުތަކުން ރޮހިންޖާގެ އެތައް ހާސް ބަޔަކު މަރައި، ޖިންސީ ގޯނާކޮށް، ކުޑަކުދިންނަށް ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަމަށެވެ. އަދި މި ޖަރީމާތައް ހިންގި ފަރާތްތައް ތަހުގީގުކޮށް ޝަރީއަތް ހިންގުމަށާއި، ގެދޮރު ގެއްލުނު މީހުންނަށް ރައްކާތެރިކަމާއެކު އަނބުރާ ދެވޭނެ މަގު ފަހިކޮށްދީ ބަދަލު ދިނުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ޖެނޮސައިޑް ކޮންވެންޝަންގެ ބައިވެރިއެއްގެ ގޮތުން މި މައްސަލައަށް ތަދައްހުލުވާނެކަން އެންމެ ފުރަތަމަ އިއުލާންކުރި ގައުމަކީ ދިވެހިރާއްޖެއެވެ. މި މައްސަލައިގައި ރާއްޖޭގެ އޭޖެންޓެއްގެ ގޮތުގައި ބަންޑާރަނައިބު ހަރަކާތްތެރިވެވަޑައިގެންނެވި އިރު، ޝަރީއަތުގައި ރާއްޖެ ތަމްސީލުކުރެއްވީ ބެރިސްޓާ ޕްރޮފެސަރު އަމާލް ކްލޫނީ އަދި ޕްރޮފެސަރު ފިލީޕާ ވެބް ކޭ.ސީ. އެވެ.

ބަންޑާރަނައިބުގެ އޮފީހުން ފާހަގަކުރި ގޮތުގައި، ދައުލަތެއްގެ އިމުގެ ތެރޭގައި ގަތުލުއާންމެއް ހިންގައިފިނަމަ އެކަން ހެޔޮ ނިޔަތާއެކު މިނިވަންކަމާއެކު ތަހުގީގުކުރުން ލާޒިމުވާނެ ކަމަށާއި، ކުށްވެރިންނަށް އެކަށީގެންވާ އަދަބު ކަނޑައަޅައި އިންސާފުވެރި ޝަރީއަތެއް ހިންގަންޖެހޭނެ ކަމަށް ބަޔާންކޮށް ރާއްޖެއިން ވަކާލާތުކުރި މުހިންމު ނުކުތާތަކަށް ކޯޓުގެ ހުކުމުގައި ވަނީ ރިއާޔަތްކޮށްފައެވެ.

ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވީ، ރާއްޖެއިން މި މައްސަލައިގެ ތެރެއަށް ވަނީ ބޮޑެތި ޖަރީމާތައް ހިންގާ ފަރާތްތަކަށް އަދަބު ނުލިބި ސަލާމަތްވުމުގެ ފުރުސަތު ނުދިނުމަށާއި، އަނިޔާ ލިބުނު ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް ކަމަށެވެ. އަދި ބައިނަލްއަގުވާމީ މައިދާނުގައި އިންސާނީ ހައްގުތަކާއި ކަރާމާތް ރައްކާތެރިކުރުމުގައި ރާއްޖެ އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ރާއްޖޭގެ ގާނޫނީ ޓީމުން ބަޔާންކުރި ގޮތުގައި، މިއީ ރެފިއުޖީ ކޭމްޕްތަކުގައި ހާލުގައި ޖެހިފައިވާ އެތައް ލައްކަ ރޮހިންޖާ ރައްޔިތުން އެތައް ދުވަހަކު އިންތިޒާރުކުރި އިންސާފެކެވެ. އަދި އެއްވެސް ދައުލަތަކަށް ކުށްވެރިންނަށް ހިމާޔަތް ނުދެވޭނެކަން މި ނިންމުމުން ސާފުވެގެން ގޮސްފައިވާތީ، ކޯޓުގެ ހުކުމާ އެއްގޮތަށް މިޔަންމާއިން ވަގުތުން އަމަލުކުރުމަށްވެސް ވަކީލުން ވަނީ ގޮވާލައްވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement