ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ނެޓްވޯކެއް ހިންގި 4 މީހަކު އުމުރަށް ޖަލަށް ހުކުމްކޮށް, 1.5 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި
ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ނެޓްވޯކެއް ހިންގި 4 މީހަކު އުމުރަށް ޖަލަށް ހުކުމްކޮށް, 1.5 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.
އިއްޔެ ކްރިމިނަލް ކޯޓުން އުމުރަށް (25 އަހަރަށް) ޖަލަށް ލުމަށް ހުކުމްކޮށް, ޖޫރިމަނާ ކުރީ ގދ.ތިނަދޫ ރަންގަލް, ހަސަން ލޫޠު އާއި މާލެ ހުޅުމާލެ ފްލެޓް ނަމްބަރު 01 -ޖީ-45 ޙަސަން ރަޝީދު އާއި ތ.ތިމަރަފުށި ވައިޓްރޯސް އިސްމާއީލް ޝަރީފް އާއި މއ.ޙަސްލަތު ޝާނިޔާ އިބްރާހީމްގެ މައްޗަށެވެ. ހަތަރު މީހުންގެ މައްޗަށްވެސް ހުކުމް ކުރީ 25 އަހަރަށް ޖަލަށް ލުމަށެވެ. އެއީ ޑައިމޯފިންގ ޓްރެފިކް ކުރުމުގެ ކުށުގެ މައްސަލައިގައެވެ.
މި ހަތަރު މީހުންވެސް ހައްޔަރުކޮށްފައި ވަނީ 2021 ވަނަ އަހަރުގެ ޖެނުއަރީ 12 ވަނަ ދުވަހު އެވެ. މީގެތެރެއިން އިސްމާއީލް ޝަރީފްއާއި ޝާނިޔާ ހައްޔަރުކުރީ ރޭ އަލި ގެސްޓް ހައުސްއިންނެވެ. ލޫތު ހައްޔަރު ކުރީ ގ.ނީގެއިންނެވެ. ހަސަން ރަޝީދު ހައްޔަރުކުރީ މއ.ހަނީސަކްލް އިންނެވެ. ހަތަރު މީހުން ހައްޔަރުކުރިއިރުވެސް އަތުން ޑައިމޯފިންގ ފެނިފައިވެއެވެ.
ލޫތު ހައްޔަރުކުރި އިރު ކޮޓަރިން ޑައިމޯފިންގެ އިތުރުން 1.4 މިލިއަނަށްވުރެ ގިނަ ރުފިޔާ ފެނިފައިވެއެވެ. އިސްމާއީލް ޝަރީފާއި ޝާނިޔާ ހައްޔަރުކުރި ކޮޓަރިން ޑައިމޯފިންގެ އިތުރުން 76,675 ރުފިޔާ ފެނިފައި ވެއެވެ. އެފައިސާ ހޯދުތަނެއް ބުނެދެވިފައި ނުވާކަން ކްރިމިނަލް ކޯޓްގެ ހުކުމުގައި ފާހަގަކޮށްފައި ވެއެވެ. އެ ފައިސާއަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަމަށް ކަނޑައަޅައި ދައުލަތަށް ނެގުމަށްވެސް ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ވެއެވެ.
އުމުރަށް ޖަލަށް ލުމުގެ އިތުރުން ހަސަން ލޫޠު ދެ މިލިއަން ރުފިޔާއިން, އަދި ހަސަން ރަޝީދު އެއް މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރިއެވެ. އިސްމާއީލް ޝަރީފާއި ޝާނިޔާ ކޮންމެ މީހަކު ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކުރިއެވެ.
ރިއެކްޝަންސް