
ތުރުކީން އަސްކަރީ މަނަވަރެއް ރާއްޖެއަށް ހަދިޔާ ކުރަނީ
ތުރުކީ ވިލާތުން ރާއްޖެއަށް އަސްކަރީ މަނަވަރެއް ހަދިޔާ ކުރަން ނިންމެވިކަން ރާއްޖޭގެ ދިފާއީ ވުޒާރާއިން ހާމަކުރައްވައިފިއެވެ. ޑިފެންސް މިނިޓްރީން މިރޭ ޢާއްމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ ތުރުކީވިލާތުން ވަނީ ހިލޭއެހީގެ ގޮތުގައި ދިވެހިރާއްޖެއަށް ޑޯގަން ކްލާސް މަނަވަރެއް ހަދިޔާކުރަން ނިންމަވާފައިކަމަށެވެ.
ތުރުކީން ހަދިޔާކުރާ މަނަވަރު ދިވެހިރާއްޖެއަށް ގެނެސް, ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރުގެ ޚިދުމަތަށް ނެރެ, ދިވެހި ސިފައިން އެއުޅަނދު އޮޕަރޭޓް ކުރުމަށް ތައްޔާރުވުމުގެ ގޮތުން ތުރުކީގައި ދިވެހި ސިފައިން ތަމްރީނުވަމުން ދާކަމަށްވެސް ޑިފެންސް މިނިސްޓްރީން ވިދާޅުވިއެވެ.
ޑިފެންސް މިނިސްޓްރީން ބުނީ އުޅަނދު ސިފައިންގެ ޚިދުމަތަށް ތަޢާރަފްކުރެވުމަކީ, ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށާއި, އިންޑިޔާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ބައިނަލްއަޤްވާމީ މުޖުތަމައުގެ ޒިންމާދާރު މެމްބަރެއްގެ ހައިސިއްޔަތުން ރާއްޖެއިން އަދާކުރަންޖެހޭ ދައުރު ފުރިހަމައަށް އަދާކުރުމުގެ ގާބިލްކަން ހުރި ބަޔަކަށް ސިފައިން ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިއަށް ވާސިލްވުމަށް ނެގުނު ވަރަށް މުހިއްމު ވިޔަވަޅެއް ކަމަށެވެ.
ސިފައިންގެ އެންމެމަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު އެންމެ އިސްކަންދެއްވާ ސިޔާދަތުތަކުގެ ތެރޭގައި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކޮށް ރައްކާތެރިކުރުން ހިމެނޭކަން ބަޔާނުގައި ފާހަގަކުރައްވާފައި ވެއެވެ.
ރިއެކްޝަންސް






