
ސިޓީގެ އެނބުރި އައުމުގައި ވިދާލީ ޑީބްރޭނާ, ނޮޓިންގްހަމް ފޮރެސްޓް ބަލިވެ ނުތަނަވަސްކަމެއްގައި
އިނގިރޭސި ޕްރިމިއަރ ލީގުގައި ފަހަތުންއަރާ ކްރިސްޓަލް ޕެލަސް އަތުން މޮޅުވި މެޗުގައި ސިޓީގެ ފުރަތަމަ ގޯލް ކާމިޔާބުކޮށް، ކެވިން ޑީބްރޭނާ ވިދާލައިފިއެވެ. 1-0 ން އެވަރޓަން އަތުން ބަލިވެ އަންނަ ސިޒަނުގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކުރުމަށް އިތުބާރާއެކު އޮތް ނޮޓިންގްހަމަ ފޮރެސްޓަށް ވަނީ ނުތަނަވަސްކަމެއް ލިބިފައެވެ.
ލީގު ތާވަލްގެ ތިންވަނައިގައި ފޮރެސްޓް އޮތީ 57 ޕޮއިންޓާއެކުއެވެ. 5-2 ން ކްރިސްޓަލް ޕެލަސްގެ މައްޗަށް ކުރިހޯދާ މެންޗެސްޓަރ ސިޓީ ތާވަލްގެ ހަތަރުވަނައިގައި އޮތީ ފޮރެސްޓަށްވުރެ ދެ ޕޮއިންޓް މަދުކޮށެވެ. މިއަދު 3-0 ން ސައުތަމްޕްޓަން ބަލިކޮށް އެސްޓަންވިލާ 54 ޕޮއިންޓާއެކު ފަސްވަނައިގައި އޮތްއިރު މާދަމާ އިޕްސްވިޗް ޓައުންއާ ދެކޮޅަށް ނިކުންނަ ޗެލްސީ ހަވަނައިގައި އޮތީ 53 ޕޮއިންޓާއެކުއެވެ.
މެޗުގެ އަށްވަނަ މިނިޓްގައި ޕެލަސްއަށް ލީޑު ނަގައިދިނީ އެބެރެޗީ އެޒް އެވެ. އަދި 21 ވަނަ މިނިޓްގައި ޕެލަސްއަށް ލީޑު ފުޅާކޮށްދިނީ ކްރިސް ރިޗާޑްސްއެވެ.
ސިޓީއަށް 33 ވަނަ މިނިޓްގައި ލިބުނު ހިލޭޖެހުން ގޯލަކަށް ބަދަލުކޮށްލާ ޑިބްރޭނާ ވަނީ ސިޓީގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދީފައެވެ. އަދި ތިންވަނަ ގޯލް ކާމިޔާބުކުރުމުގައި މަޓެއޯ ކޮވަސިޗް އަށް ފުރުޞަތު ތަނަވަސްކޮށްދިނީވެސް އޭނާއެވެ. މެޗުގައި މުހިއްމު ދައުރެއް އަދާކުރި ޑީބްރޭނާ ފާއިތުވި ހަފުތާގައި ވަނީ އޭނާ މިސީޒަނަށްފަހު ސިޓީ ދޫކޮށްލާނެކަން އިއުލާންކޮށްފައެވެ.
މެޗުގައި ސިޓީގެ ދެނަވަ ގޯލް އިކާއި ގުންޑޮގަން ތަނަވަސްކޮށްދިން ފުރުޞަތުގައި ކާމިޔާބުކުރީ އޮމަރް މަރްމޯޝްއެވެ. އިތުރު ގޯލްތައް ކާމިޔާބުކޮށްދިނީ ޖޭމްސް މެކްއަޓީ (56), އަދި ނިކޯ އޯ' ރެލީ (79) އެވެ.
މެޗަށްފަހު ކޯޗު ޕެޕް ގާޑިއޯލާ ވެސް ވަނީ ޑީބްރޭނާގެ ކުޅުމަށް ތައުރީފުކޮށްފައެވެ. ގާޑިއޯލާ ބުނީ ޑީބްރޭނާ ރިޕްލޭސް ކުރެވޭނެ ފެންވަރުގެ ކުޅުންތެރިއެއް ނުހުންނާނެ ކަމަށާއި މި މެޗު ސިޓީއަށް ކާމިޔާބުކޮށްދިނުމުގައި ޑީބްރޭނާ ވަރަށް ބޮޑަށް އެހީވި ކަމަށެވެ.
ނޮޓިންގްހަމަ ފޮރެސްޓާއި އެވަރޓަން ބައްދަލުކުރި މެޗުގައި ހިތްދަތި ގޮތަކަށް ފޮރެސްޓް ބަލިވި މެޗުގެ ފުރިހަމަ ވަގުތު ނިމި އިތުރު ވަގުތުގެ ހަތަރުވަނަ މިނިޓްގައި އެވަރޓަންގެ އަބްދޮލާއެ ޑޮކޯރެ ކާމިޔާބުކޮށްދިން ގޯލާއެކުއެވެ.
ރިއެކްޝަންސް






