
ރެއާލް މެޑްރިޑްގެ ލެޖެންޑް ލޫކާ މޮޑްރިޗް ކްލަބް ވޯލްޑްކަޕަށްފަހު ރެއާލް ދޫކޮށްލަނީ
ރެއާލް މެޑްރިޑްގެ ކްރޮއޭޝިއާގެ ލެޖެންޑް ލޫކާ މޮޑްރިޗް ކްލަބް ވޯލްޑްކަޕަށްފަހު ރެއާލް ދޫކޮށްލާނެކަން ކްލަބުން އިއުލާންކޮށްފިއެވެ. ބުރާސްފަތި ދުވަހު ކްލަބުން ބުނީ ހޫނު މޫސުމަށްފަހު މޮޑްރިޗް ކްލަބާ ވަކިވާނެ ކަމުގައެވެ.
39 އަހަރުގެ މޮޑްރިޗް ރެއާލްއާއެކު ހޭދަކުރި 13 ސީޒަންގައި ކްލަބާއެކު 28 ތަށި އުފުލާލާފައެވެ. މިއީ ކަލްބުގެވެސް ރެކޯޑެކެވެ.
2018 ގައި ބެލެންޑޯ ހާސިލްކޮށްފައިވާ އިތުބާރު މިޑްފީލްޑަރ ރެއާލްއާއެކު ފަހު ދެ ސީޒަނުގައި ގިނަ މެޗުތަކުގެ ފުރަތަމަ އެގާރައިން ޖާގަ ނުލިބުންކަމުގައި ވިއަސް އޭނާއަކީ ރެއާލްގެ ސްކޮޑްގައި މުހިއްމު ކުޅުންތެރިއެކެވެ. މި ސީޒަނުގައި ލަލީގާގެ 34 މެެޗެއްގައި މޮޑްރިޗް ކުޅެފައިވާއިރު, ފުރަތަމަ އެގާރައިން ޖާގަ ލިބިފައިވަނީ 16 މެޗަކުންނެވެ
"ރެއާލް މެޑްރިޑް އަދި އަހަރެމެންގެ ކެޕްޓަން ލޫކާ މޮޑްރިޗް އާއެކު ވަނީ އެއްބަސްވުމަކަށް އައިސްފަ ކްލަބްގައި ހޭދަކުރި ހަނދާނުން ނުފިލާނެ ދަތުރު ހޫނުމޫސުމުގެ ކްލަބް ވޯލްޑްކަޕާ ހަމައިން ނިންމާލަން. ރެއާލް މެޑްރިޑުން މި ވަގުތު މޮޑްރިޗް އަށް އޮތް ފުން ލޯތްބާއި ޝުކުރު އަދާކުރަން ބޭނުން. އެއީ ރެއާލްގެ އެންމެ ވަރުގަދަ އެއް ލެޖެންޑް. އަދި ދުނިޔޭގެ ފުޓްބޯޅައިގެ ވެސް ލެޖެންޑެއް" ކްލަބްގެ ބަޔާނުގައި ބުނެފައި ވެއެވެ.
ކްލަބުން ބުނީ ހޮނިހިރު ދުވަހު ރެއާލްގެ ދަނޑުގައި ކުޅޭ ލަލީގާގެ މިސީޒަންގެ ފަހު މެޗުގައި ކްލަބްގެ ފަރާތުން މޮޑްރިޗްއަށް ޓްރިބިއުޓް އެއް ދޭނެކަމުގައެވެ. އެއީ މޮޑްރިޗް ރެއާލް ގެ ދަނޑުގައި ކުޅެ ފަހު މެޗެވެ.
"ރެއާލްގެ ސަޕޯޓަރުންނަށް (މެޑްރިޑިސްޓަރސް). ވަގުތު މިއޮތީ އައިސްޖެހިފަ. މިއީ އަހަރެން ދުވަހަކުވެސް އަންނަން ބޭނުންވި ވަގުތެއްނޫން. އެކަމަކު މިއީ ފުޓްބޯޅަ, އަހި ހަޔާތުގަ ކޮންމެ ކަމެއްގަވެސް ފެށުމާއި ނިމުން އޮންނާނެ" މީސް މީޑިއާގައި ކުރި ޕޯސްޓެއްގައި މޮޑްރިޗް ބުނެފައި ވެއެވެެ.
މޮޑްރިޗް އިތުރަށްބުނީ 2012ގައި ރެއާލްއާ ގުޅުނީ ދުނިޔޭގެ އެންމެ ރަނގަޅު ކަލްބާ ގުޅުމުގެ ނިޔަތުގައި ކަމަށާއި, ރެއާލް އާއެކު ކުޅުންތެރިއެއްގެ އަދި އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުންވެސް އޭނާގެ މުޅި ހަޔާތް ބަދަލުވެފައިވާކަމަށެވެ. އަދި ކްލަބުގެ ތާރީޙްގެ އެންމެ ކާމިޔާބު ޒަމާނުގައި ކްލަބްގެ ހިއްސާއަކަށް ވެވުނީތީ އިންތިހާއަށް އުފާކުރާ ކަމަށްވެސް އޭނާ ބުނެފައިއެވެ.
"އަހަރެން ކްލަބް ދޫކޮށްދާނީ ފުރިފައިވާ ހިތަކާއެކު, ފަހުރުވެރިކަމާއެކު އަދި ދުވަހަކުވެސް ހަނދާނުން ފިލައިގެން ނުދާނެ އެތައް ހަނދާންތަކަކާއެކު. ކްލަބް ވޯލްޑްކަޕަށްފަހު މި ޖަޒީގައި ނުފެނުނަސް އަހަންނަކީ އަބަދުވެސް މެޑްރިޑްގެ ސަޕޯޓަރެއް" މޮޑްރިޗް ބުނެފައި ވެއެވެ.
ރިއެކްޝަންސް






