އާސެނަލްގެ ބަލިނުވުމުގެ ސިލްސިލާއަށް ބާންމައުތުން ނިމުން ގެނެސްފި
އިނގިރޭސި ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހު ބާންމައުތުން އާސެނަލް ބަލިކޮށްފިއެވެ. 2-0 ން އާސެނަލް ބަލިވި މެޗުގެ ފުރަތަމަ ހާފުގެ 30 ވަނަ މިނިޓްގައި ވިލިއަމް ސަލީބާއަށް ދެއްކި ރަތްކާޑާއެކު އާސެނަލްއިން ކުޅެންޖެހުނީ 10 ކުޅުންތެރިންނާއެކުއެވެ.
މެޗުގައި ބާންމައުތުގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ މެޗުގެ 70 ވަނަ މިނިޓްގައެވެ. ޖަސްޓިން ލުއިވަރޓް ތަނަވަސްކޮށްދިން ފުރުޞަތުގައި ބާންމައުތަށް ލީޑު ނަގައިދިނީ ރާޔަން ކްރިސްޓީއެވެ. ބާންމައުތުގެ ދަނޑުގައި ކުޅުނު މި މެޗުން މޮޅުވި ގޯލް 79 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ކާމިޔާބުކުރީ ލުއިވަރޓް އެވެ.
އާސެނަލްއިން މެޗަށް ނިކުތީވެސް މުހިއްމު ދެ ކުޅުންތެރިންކަމަށްވާ މާޓިން އޮޑެގާޑް އަދި ބުކާޔޯ ސަކާ ނުލައެވެ. އަނިޔާގެ ސަބަބުން އެދެ ކުޅުންތެރިންނަށް މެޗު ގެއްލިފައިވާއިރު ސަލީބާއަށް ދެއްކި ރީނދޫކާޑު ވީއޭއާރުން ރަތަކަށް ބަދަލުކުރަން ނިންމުމާއެކު އާސެނަލްއަށް ގޮތް ހުސްވިއެވެ. އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެ ބާންމައުތު އަތުން ބަލިވުމާއެކު ލީގުގައި އާސެނަލްއިން މިސީޒަނުގައި ދަމަހައްޓަމުން އައި ބަލި ނުވުމުގެ ސިލްސިލާއަށް ވަނީ ނިމުން އައިސްފައެވެ.
މެޗަށްފަހު އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފައިވަނީ އޭނާހުރީ ނަތީޖާއާމެދު ވަރަށް މާޔޫސްވެފައި ކަމަށާއި 10 ކުޅުންތެރިންނާއެކު 65 މިނިޓް ކުޅެންޖެހުމަކީ އުނދަގޫކަމެއް ކަމަށެވެ. އަދި ސަލީބާއަށް ދަނޑުގައި ދެއްކި ކާޑު ބަދަލުކޮށްފައިވާތީ އެކަމާ އާޓެޓާ ވަނީ ވީއޭއާރަށް ނުސީދާކޮށް ފާޑުކިޔާފައެވެ.
ރިއެކްޝަންސް