2024 ގެ ބެލެންޑޯ ކާމިޔާބުކުރީ ސްޕެއިން އަދި ސިޓީގެ މިޑްފީލްޑަރ, ރޮޑްރީ
މެންޗެސްޓަރ ސިޓީ އަދި ސްޕެއިންގެ މެދުތެރެއަށް ކުޅެމުން އަންނަ ރޮޑްރީ 2024 ގެ ބެލެންޑޯ އުފުލާލައިފިއެވެ. ފާއިތުވި ސޒަންގައި އެންމެ މެޗެއް ގެއްލުނު 28 އަހަރުގެ ކުޅުންތެރިޔާ ބެލެންޑޯ ހޯދިއިރު އޭނާ ވަނީ ޖުލައި މަހު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތްވެސް ސްޕެއިންއާއެކު ކާމިޔާބުކޮށްފައެވެ. އަދި ޕްރިމިއަރ ލީގާއި, ޔުއެފާ ސުޕަރކަޕް އަދި ކްލަބް ވޯލްޑްކަޕްވެސް މެންޗެސްޓަރ ސިޓީއާއެކު ރޮޑްރީ ވަނީ ކާމިޔާބުކޮށްފައެވެ. ހޯމަ ދުވަހު އެވޯޑް ހަފްލާ ބާއްވާފައިވަނީ ފްރާންސްގެ ވެރިރަށް ޕެރިހުގައެވެ.
ރޮޑްރީގެ އަކީ ސިޓީގެ ތާރީޚްގައިވެސް ބެލެންޑޯ ކާމިޔާބުކުރި އެޓީމްގެ ފުރަތަމަ ކުޅުންތެރިޔާއެވެ. ބެލެންޑޯ ލިސްޓްގެ ދެވަނައިގައި އޮތީ ރެއަލް މެޑްރިޑްގެ ބްރެޒިލްގެ ވިންގަރ, ވިނީޝިއުސް ޖޭއާރެވެ. އަދި ތިންވަނަގައި އޮތީ ރެއަލް މެޑްރިޑްގެ އިނގިރޭސި މިޑްފީލްޑަރ ޖޫޑް ބެލިންގހަމްއެވެ.
އެވޯޑްލިބޭ ފަރާތް ކަނޑައަޅަނީ ނޫސްވެރިންގެ ޕެނަލަކުންނާއި, ފީފާގެ ދުނިޔޭ ރޭންކިންގެ އެންމެ ކުރީގައި އޮންން 100 ގައުމުން ދޭ ވޯޓާއެކުއެވެ. އެވޯޑް ހަފްލާ ބޭއްވުމުގެ ކުރިން ބްރެޒިލްގެ ފޯވާޑް ވިނީޝިއުސްއަށް އެވޯޑް ނުލިބޭކަމަށް ފެތުރުނު މުއުތަބަރު ހަބަރުތަކާއެކު ރެއަލް މެޑްރިޑުން ވަނީ ހަފްލާ ބޮއިކޮޓްކޮށް ޕެރިހަށް ދަތުރުކުރުން ކެންސަލް ކޮށްފައެވެ. ނަމަވެސް ރެއަލް މެޑްރިޑް ވަނީ އެންމެ މޮޅު ކްލަބްގެ އެވޯޑް ހޯދާފައެވެ. އަދި ރެއަލްގެ ކޯޗް, ކާލޯ އަންޗޮލޮޓޯ ވަނީ އެންމެ މޮޅު ފިރިހެން ކޯޗުގެ މަގާމަށްވެސް ހޮވިފައެވެ. ކްލަބުން ހަފްލާ ބޮއިކޮޓް ކޮށްފައި ވުމުން އެވޯޑާ ހަވާލުވާން އެއްވެސް ފަރާތަކުން ގޮސްފައެއް ނުވެއެވެ.
"މިއީ އަހަންނަށް ވަރަށް ޙާއްސަ ދުވަހެއް. އަހަރެންގެ އާއިލާ އަށާއި, އަހަރެންގެ ޤައުމަށްވެސް. މިއީ އަހަންނަށް އެކަނި ލިބުންކާމިޔާބެއް ނޫން. މިއީ މުޅި ސްޕެއިންގެ ފުޓްބޯޅައަށްވެސް ލިބުން ކާމިޔާބީއެއް. އަދި މޮޅޮށްކުޅެ މި އެވޯޑް ހާސިލް ނުކުރެވުނު ގިނަ ކުޅުންތެރިން, މިސާލަކަށް އިނިއެސްޓަރ, ޒަވީ, ކަސިއެސް, ބުސްކެޓްސް އަދި އެހެން ބައިވަރު ކުޅުންތެރިނަށް ހައްގުވި އެވޯޑެއް" ކަކުލުގެ އޭސީއެލް ސަރޖަރީ އެއް ދާދި ފަހުން ކުރި ރޮޑްރީ ކްރަޗްގައި ސްޓޭޖަށްއަރާ އެވޯޑާ ހަވާލުވުމަށްފަހު ބުންޏެވެ.
ރޮޑްރީއަކީ 2006 ވަނަ އަހަރު ފަބިއޯ ކަނަވާރޯ މި އެވޯޑް ހޯދުމަށްފަހު ޑިފެންސިވް މަގާމަކަށް ކުޅޭ ކުޅުންތެރިއަކަށް މި އެވޯޑް ލިބުނު ފުރަތަމަ ކުޅުންތެރިޔާއެވެ.
ރިއެކްޝަންސް