ސިޓީގެ ނާކާމިޔާބު ސިލްސިލާ ތަކުރާރު, ގަދަ ހަތަރަކުންވެސް ބޭރު ވެއްޖެ
މެންޗެސްޓަރ ސިޓީގެ ނާކާމިޔާބު ސިލްސިލާ ތަކުރާރުވެ, އިނގިރޭސި ޕްރިމިއަރ ލީގުގެ ގަދަ ހަތަރަކުންވެސް ބޭތު ވެއްޖެ އެވެ.
ޗެމްޕިއަން މެންޗެސްޓަރ ސިޓީ ގަދަ ހަތަރަކުން ބޭރުވީ އެއްވަނައިގަ އޮތް ލިވަޕޫލް އަތުން 2-0 ން ބަލިވެގެންނެވެ. މެޗުގެ ދެ ހާފްގައި ލިވަޕޫލްގެ ދެ ލަނޑު ޖެހީ ކޯޑީ ގަކްޕޯ އާއި ސަލާހު އެވެ. ދެވަނަ ހާފްގައި ސަލާހު ލަނޑު ޖެހީ ސިޓީގެ ކީޕަރު ކުރި ފައުލަކަށް ދިން ޕެނަލްޓީއަކުންނެވެ. މިއީ މެންޗެސްޓަރ ސިޓީ މޮޅުނުވެ ވިދިވިދިގެން ނިންމާލަން ޖެހުނު 7 ވަނަ މެޗެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުންވެސް ބަލިވެ, މިހާރު ސިޓީ އޮތީ ލީގު ތާވަލްގެ ފަސް ވަނައިގައެވެ. އެއްވަނައިގަ އޮތް ލިވަޕޫލާ ދެމެދު އޮތް ފަރަގު ވަނީ 11 ޕޮއިންޓަށް ފުޅާ ވެފައެވެ.
ލިވަޕޫލް އެއްވަނައިގަ އޮތީ ދެވަނައިގަ އޮތް އާސެނަލް އަށްވުރެ 9 ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ.
އާން ސްލޮޓްގެ އިރުޝާދުގެ ދަށުން ލިވަޕޫލް ކުޅުނު 20 މެޗުގެ ތެރެއިން 18 މެޗު ވަނީ ކާމިޔާބުކޮށްފައެވެ. އަނެއްކޮޅުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ކޯޗިންގ ކެރިއަރުގައިވެސް މިފަދަ ހާލަތަކަށް ނުދެއެވެ.
ލީގުގައި މެންޗެސްޓަރ ޔުނައިޓެޑް ވަނީ އާ ކޯޗި ރުބެން އަމޮރިމްގެ އިރުޝާދުގެ ދަށުން ފުރަތަމަ މޮޅު ހޯދާފައެވެ. ލީގުގައި އަމޮރިމް ފުރަތަމަ މޮޅު ހޯދީ އެވަޓަންއާ ވާދަކޮށް 4-0 ނެވެ. ޔުނައިޓެޑް އޮތީ 19 ޕޮއިންޓާއެކު 9 ވަނައިގައެވެ.
ރިއެކްޝަންސް