މި ސީޒަންގައި ހާލަންޑްގެ ދެވަނަ ހެޓްރިކާ އެކު އަނެއްކާވެސް ސިޓީއަށް މޮޅެއް
ސިޓީ މޮޅުވީ 3-1 ން
އިނގިރޭސި ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހު މެންޗެސްޓަރ ސިޓިން ވެސްޓްހެމް ޔުނިއިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި އާލިންގ ހާލަންޑް އަނެއްކާވެސް ހެޓްރިކް ހަދައިފިއެވެ. މި މެޗު ސިޓީން ކާމިޔާބު ކުރީ 1-3 ނެވެ.
މެޗުގެ ވަރަށް ކުރީކޮޅު ނޯވޭގެ ފޯވާޑް ހާލަންޑަށް ވަރަށް ހުސް ފުރުޞަތެއް ލިބުނު ނަމަވެސް ގޯލަކަށް ބަދަލުކޮށްލެވޭ ގޮތެއްނުވިއެވެ. ނަމަވެސް 10 ވަނަ މިނިޓްގައި ބެނާޑޯ ސިލްވަރ ތަނަވަސްކޮށްދިން ފުރުޞަތުގެ ބޭނުންހިފާ ވަރަށް ރީތިކޮށް ގޯލަށް ފޮނުވާލި ބޯޅައާއެކު ހާލަންޑްވަނީ ސިޓީއަށް ފެށުން ރަނގަޅުކޮށްދީފައެވެ.
ނަމަވެސް 18 ވަނަ މިނިޓްގައި ވެސްޓްހެމްގެ ފޯވާޑް ޖެރޯޑް ބޮވެން ނަގައިދިން ހުރަހެއް ސިޓީގެ ޑިފެންޑަރު ރުބެން ޑިއަޒްގެ ފައިގައި ޖެހި ބައިކޮޅަށް ވަނުމާއި އެކު ނަތީޖާ އެއްވަރުވިއެވެ.
ސިޓީގެ ދެވަނަ ގޯލް މެޗްގެ 30 ވަނަ މިނިޓްގައި ރިކޯ ލެވިސް ނަގައިދިން ފުރުސަތުގައި ކާމިޔާބުކޮށް ހާލަންޑް އަނެއްކާވެސް ސިޓިއަށް ލީޑު ފުޅާކޮށްދިނެވެ.
އެއަށްފަހު މެޗް ނިމެން 7 މިނިޓަށްވެފައި ވަނިކޮށް މެތިއުސް ނުނެސް ތަނަވަސްކޮށްދިން ފުރުޞަތުގެ ބޭނުންހިފާ 83 ވަނަމިނިޓްގައި ފޮނުވާލި ހިތްގައިމު ބޯޅައާއެކު ތިންވަނަ ގޯލް ހާލަންޑް ކާމިޔާބު ކޮށް, ތާވަލްގެ އެންމެ ކުރީ ޖާގަ ސިޓީއަށް ކަށަވަރުކޮށްދިނެވެ. މިއާއެކު ހާލަންޑް ވަނީ ވިދިވިދިގެން 3 މެޗްގައި 7 ގޯލް ޖަހާފައެވެ.
ޕްރިމިއާރ ލީގުގައި ހޮނިހިރު ދުވަހު ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އާސެނަލް އާއި ބްރައިޓަން ބައްދަލުކުރި މެޗް 1-1 ން ވަނީ އެއްވަރުވެފައެވެ. މިއާއެކު ހަތް ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައި މިވަގުތު އޮތީ ބްރައިޓަންއެވެ. އާސެނަލް އޮތީ ބްރައިޓަންގެ ފަހަތުން ހަތް ޕޮއިންޓާއެކު ތިން ވަނައިގައެވެ.
ބްރެންޓްފޯޑާއި ސައުތަމްޕްޓަން ބައްދަލުކުރި މެޗް 1-3 ން ކާމިޔާބު ކުރީ ސައުތަންޕްޓަން އެވެ. އެވަރަޓަން ކައިރިން 2-3 ން ބާންމައުތް މޮޅުވިއިރު, ފުލަމް އާއި އިޕްސްވިޗްޓައުން ބައްދަލުކުރި މެޗްވެސް ވަނީ 1-1 ން އެއްވަރުވެފައެވެ. 2-1 ން އެސްޓަވްނިލާއިން ލެސްޓާރ ސިޓީ ބަލިކުރިއިރު, ނޮޓިންގހަމް ފޮރެސްޓާއި ވުލްވުސް ކުޅުނު މެޗުވެސް އެއްވަރުވެފައި ވަނީ 1-1 ނެވެ.
ރިއެކްޝަންސް