
ޒުބިމެންޑީގެ ދެ ގޯލާއެކު ފޮރެސްޓް އަތުން އާސެނަލްއަށް ފަސޭހަ މޮޅެއް
މިއީ ފޮރެސްޓްގެ އާ ކޯޗު ޕޮސްޓެކޮގްލޫ ގެ އިރުޝާދުގެ ދަށުން އެޓީމު ކުޅުނު ފުރަތަމަ މެޗު
އިނގިރޭސި ޕްރިމިއަރ ލީގުގައި މިއަދު އާންގް ޕޮސްޓެކޮގްލޫގެ އިރުޝާދުގެ ދަށުން ނޮޓިންގްހަމް ފޮރެސްޓް ކުޅުނު ފުރަތަމަ މެޗު ފަސޭހަ ކަމާއެކު އާސެނަލް ކާމިޔާބުކޮށްފިއެވެ. މެޗުގައި މާޓިން ޒުބިމެންޑީ ވަނީ އޭނާ އާސެނަލްއަށް ފުރަތަމަ ގޯލްވެސް ކާމިޔާބުކޮށްދީފައެވެ.
މީގެ ކުރިން ޓޮޓްނަމްގެ ކޯޗަކަށް ޕޮސްޓެކޮގްލޫ ހުރިއިރުވެސް އޭނާވަނީ މިކޭލް އާޓެޓާގެ އިރުޝާދުގެ ދަށުން އާސެނަލްއާ ހަތަރު ފަހަރެއްގެ މަތިން ވާދަކޮށްފައެވެ. އޭގެން އެއްފަހަރުވެސް އާޓެޓާގެ މައްޗަށް އޭނާ އަށް ކުރިހޯދިފައެއް ނުވެއެވެ.
އިންޖަރީގައި ކުރި ބުކާޔޯ ސަކާގެ ބަދަލުގައި އެމަޤާމަށް ކުޅުނު ނޮނީ މަޑުއޭކޭގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ 32 ވަނަ މިނިޓްގައި އާސެނަލްއަށް ލީޑު ނަގައިދިނީ ޒުބިމެންޑީއެވެ. މިއީ އޭނާ އާސެނަލްއަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ. މެޗުގެ 79 ވަނަ މިނިޓްގައި ލެއަންޑްރޯ ޓްރޮސާޑް ނަގައިދިން ހުރަސް ބޮލުންޖަހާ ގޯލްގެ ތެރެއަށް ފޮނުވާލައިގެން ޒުބިމެންޑީ ވަނީ އާސެނަލްގެ ތިންވަނަ ގޯލްވެސް ކާމިޔާބުކޮށްދީފައެވެ.
އާސެނަލް އަށް ލީޑު ފުޅާކޮށްދިން ގޯލް ދެވަނަ ހާފުގެ ފުރަތަމަ މިނިޓްގައި ކާމިޔާބުކުރީ ވިކްޓަރ ޔޮކެރޭސް އެވެ. މި ގޯލް ޖެހުމުގައި އޭނާއަށް ފުރުޞަތު ތަނަވަސްކޮށްދިނީ މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފަރ ގައި އެޓީމާ އަލަށް ގުޅުނު އެބާރެޗީ އޭޒް އެވެ.
ރިއެކްޝަންސް






