
ޗެމްޕިއަންސް ލީގު ގުރު: ލިވަޕޫލާއި ޕީއެސްޖީ, ރެއާލް އެތްލެޓިކޯ އާ ދެކޮޅަށް
ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ގުރުއަތުން ލިވަޕޫލަށް ޕީއެސްޖީ އާ ވަދަކުރަންޖެހި, އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން އެތްލެޓިކޯ މެޑްރިޑާ ދެކޮޅަށް ނިކުންނަން ޖެހިއްޖެއެވެ.
ހުކުރު ދުވަހު ބޭއްވި ގުރުއަތުލުމުގައި ޖަރުމަނުގެ ގަދަ ދެބާރު ކަމަށްވާ ބަޔާން މިއުނިކް އާ ބަޔާން ލެވަކޫސަން ވާދަކުރާގޮތަށްވެސް ވަނީ ހަމަޖެހިފައެވެ. އާސެނަލްއިން ނިކުންނާނީ ނެދަލެންޑްސްގެ ކްލަބް ޕީއެސްވީ އެއިންދްވަން އާ ދެކޮޅަށެވެ. އަދި ބާސެލޯނާއިން ވާދަކުރާނީ ޕޯޗްގަލަގެ ކްލަބް ބެންފީކާއާއެވެ.
އިތުރު ކްލަބްތައް ކަމަށްވާ އެސްޓަންވިލާ އިން ކްލަބް ބްރާގޭ އާ ދެކޮޅަށް ނިކުންނައިރު ބޮރޫޝިއާ ޑޯޓްމަންޑް އިން ލިލް އާ ވާދަކުރާނެއެވެ. ޕްލޭއޯފްގައި އޭސީ މިލާން ބަލިކޮށް ދެވަނަ ބުރަށް ދަތުރުކުރި ފެޔެނޯނޯޑް ބައްދަލުކުރާނީ އިންޓަރ މިލާން އާއެވެ.
ދެވަނަ ބުރުގައި ވެސް ކޮންމެ ޓީމެއް އަނެއް ޓީމާ ދެފަހަރު ބައްދަކުކުރާނެއެވެ. ފުރަތަމަ ލެގުގެ މެޗުތައް ތާވަލްކޮށްފައި ވަނީ މާޗް 4 އަދި 5 ގައެވެ. އަދި ދެވަނަ ލެގުގެ މެޗުތައް އޮންނާނީ މާޗު މަހު 11 އަދި 12 ގައެވެ.
ފުރަތަމަ ބުރުގައި ކުޅުނު އަށް މެޗުގެ ތެރެއިން ހަތް މެޗު ކާމިޔާބުކޮށް ލިވަޕޫލް ދެވަނަ ބުރަށް ދަތުރު ކުރީ އެއްވަނައިގައި ޕްލޭއޯފް ކުޅެންނުޖެހުނު އިތުރު ހަތް ޓީމުގެ ތެރޭގައި ހިމެނިގެންނެވެ. ޕީއެސްޖީން ފުރަތަމަބުރު ނިންމާލީ 15 ވަނައިގައެވެ. އަދި ޕްލޭއޯފްގައި ފްރާންސްގެ ކްލަބް ބްރެސްޓާ ވާދަކޮށް ގަދަ 16 އަށް ދަތުރުކުރީ 10-0 ގެ އެގްރެގޭޓުންނެވެ.
ގުރުއަތު ނެގުނުގޮތުން ފްރެންޗް ލީގާއި ޕްރިމިއަރ ލީގުގެ ކުރީގައި އޮތް ދެޓީމު ވާދަކުރާއިރު މިސީޒަންގައި ޔޫރަޕް ބައްރުގައި ކުޅޭ އެންމެ އިތުބާރު ފޯވާޑުން ކަމަށްވާ މުޙައްމަދު ސަލާޙް އާއި އޮސްމާން ޑެމްބެލޭ އެކަކު އަނެކަކާ ވާދަކުރާނެއެވެ. މިދެ ޓީމުގެ ތެރެއިން ކްއާޓަރ އަށް ދަތުރުކުރާ ޓީމެއް ކުއާޓާގައި ބައްދަލު ކުރާނީ އެސްޓަންވިލާ ނުވަތަ ބްރާގޭ އާއެވެ.
ރެއާލުން ސެންޓިއޯގޯ ބާނެބެއު ގައި ފުރަތަމަ ލެގުގައި އެތްލެޓިކޯއާ ދެކޮޅަށް ނިކުންނައިރު, ދެވަނަ ލެގުގެ މެޗުގެ ކުޅޭނީ މެޓްރޯޕޮލިޓަންގައެވެ. 15 އަހަރު ޗެމްޕިއަންސް ލީގު ހޯދާފައިވާ ރެއާލުން ދެވަނަބުރަށް ދަތުރުކުރީ ޕްލޭއޯފްގައި 6-3 ގެ އެގްރެގޭޓުން މެންޗެސްޓަރ ސިޓީ ބަލިކޮށްގެންނެވެ. ދެވަނަ ލެގުގައި ކީލިއަން އެމްބާޕޭ ވަނީ ސިޓީއާ ދެކޮޅަށް ހެޓްރިކް ހަދާފައެވެ.
ކުރިއަށް އޮތީ އެތްލެޓިކޯއަށް ބުރަބޮޑު މަހެކެވެ. ކުރިއަށް އޮތް ހަފުތާގައި އެތްލެޓިކޯއިން ބާސެލޯނާއާ ދެކޮޅަށް ތިންފަހަރު ނިކުންނާނެއެވެ. އެއީ ކޮޕާ ޑެލް ރޭގެ ސެމީ ފައިނަލްގެ ދެ ލެގުގައި ކުޅޭ ދެމެޗާއި ލަލީގާ ގެ މެޗެކެވެ.
ކުއާޓާއަށް ދަތުރުކުރާޓީމެއް ކުއާޓާގައި ވާދަކުރަންޖެހޭނީ ޕީއެސްވީ ނުވަތަ އާސެނަލް އާ ދެކޮޅަށެވެ. އަދި ކުއާޓާގައި މޮޅުވާ ޓީމު ސެމީގައި ވާދަކުރާނީ ލިވަޕޫލް ނުވަތަ ޕީއެސްޖީއާ ދެކޮޅާށެވެ.
ރިއެކްޝަންސް






